ބަޖެޓްގައި ކަރަންޓް ސަބްސިޑީއަށް 11 މިލިއަން، އެކަމަކު މަހަކަށް 15 މިލިޔަން: އެޑްވައިޒަރު

ކަރަންޓް ސަބްސިޑީއަށް މި އަހަރުގެ ބަޖެޓްގައި މުޅި އަހަރަށް ކަނޑައަޅާފައި ވަނީ 11 މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް މަހަކު 15 މިލިއަން ރުފިޔާ ކަރަންޓް ސަބްސިޑީގެ ގޮތުގައި ހަރަދުވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އެޑްވައިޒާ ޓުދަ ފިނޭންސް މިނިސްޓާ، އިސްމާއިލް އަލި މަނިކު ވިދާޅުވީ ސަރުކާރުން ބަޖެޓް އެކުލަވާލުމުގައި ބައެއް ހަރަދުތައް ހިމަނާފައި ނުވާ ކަމަށާއި އެހެން ކަމުން ބަޖެޓް މިހާރު ލަފާކޮށްފައިވާ އަދަދަށް ވުރެ ބަޖެޓް ޑެފިސިޓް ޖީޑީޕީގެ 30 ޕަސެންޓަށް އުފުލޭނެ ކަމަށެވެ. އެކި ސަބަބުތަކާ ހުރެ ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ މަދުވެ ބައެއް ހަރަދުތައް އިތުރަށް ކުރަންޖެހިފައިވާ ކަމަށް ވެސް މަނިކު ވިދާޅުވި އެވެ. އަދި ވިދާޅުވީ ބަޖެޓް ޑެފިސިޓް ޑަބަލް ވެގެންދާނެ ކަމަށެވެ.

"ބަޖެޓް އިވެލުއޭޓް ކުރަމުން މިގެންދަނީ، މިހާރުގެ ބަޖެޓް އަޅުގަނޑުމެން އަންދާޒާ ކުރާއިރު 9.7 ޕަސެންޓް މިއުޅެނީ ޖީޑީޕީގެ ނިސްބަތުން ބަޖެޓް ޑެފިސިޓް، އެހެން ނަމަވެސް މިހާރު އަޅުގަނޑުމެންނަށް އަންދާޒާ ކުރެވެނީ ގާތްގަނޑަކަށް ޖީޑީޕީގެ 30 އާއި 25 ޕަސެންޓާ ގާތްކުރާނެ ކަމަށް ބަޖެޓް ޑެފިސިޓް. އެއީ ލިބޭނެ ލަފާކޮށްފައި ހުރި އެއްޗިހި ނުލިބުމާއި ހަރަދުވެސް ބޮޑުވުން އަދި ބައެއް އައިޓަމްތައް ބަޖެޓް ކުރިއިރު ނުހިމެނިވުން، މިސާލެއްގެ ގޮތުން ދަންނަވާ ނަމަ މާލޭގެ އިލެކްޓްރިކް ސަބްސިޑީއަށް ބަޖެޓްގައި ކަނޑައެޅިފައި މި އޮތީ ގާތްގަނޑަކަށް މުޅި އަހަރަށް 11 މިލިއަން ރުފިޔާ އެކަމަކު ހަރަދު އެބަހިނގާ މަހެއްގެ މައްޗަށް 15 މިލިއަން ރުފިޔާ!" މަނިކު ވިދާޅުވި އެވެ.

މަނިކު ވިދާޅުވީ މަޖިލީހުން ފާސްކޮށްފައިވާ މި އަހަރުގެ ބަޖެޓްގައި ދައުލަތުން ދައްކަން ޖެހޭ ބިލްތަކާއި އެހެނިހެން ހަރަދުތަކަށް ދާ ދެ ބިލިއަން ރުފިޔާ ވަނީ ނުހިމަނާ ކަމަށާއި ފައިނޭންސް ކުރާނެ ގޮތެއް ނުހިމަނައި ބަޖެޓްގައި ބިލިއަނެއްހާ ރުފިޔާ ހިމެނިފައިވާ ކަމަށެވެ. ސަރުކާރުގެ ކުންފުނިތައް ޕްރައިވެޓައިޒްކޮށްގެން 700 މިލިއަނެއްހާ ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައި އޮތް ނަމަވެސް އެ ފައިސާ ލިބޭވަރު މަދުވާނެ ކަމަށް ވެސް މަނިކު ވިދާޅުވި އެވެ. އަދި ސަރުކާރު ކުންފުނިތަކުގެ ޑިވިޑެންޑްގެ ގޮތުގައި 400 މިލިއަނެއްހާ ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާ ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.

"އެވަރު އަޅުގަނޑުމެންނަށް ނުލިބޭނެ ކަމަށް އަންދާޒާ މިކުރެވެނީ. އެއީ ދެން ކޮންމެވެސް ވަރެއްގެ އޯވާ އެސްޓިމޭޓްތަކެއް ވެސް އޭގެ ތެރޭގައި އުޅޭތީއާ ވެސް އެއްކޮށް. އަދި ބަޖެޓު ފާސްކުރި އިރު ވެސް ވަކި ކަހަލަ ކަންތައްތަކެއް މަޖިލީހުގެ ކޮމެޓީން ވެސް ހުރީ ނިންމަވާފައި،" މަނިކު ވިދާޅުވި އެވެ.

ބަޖެޓްގެ ވަރަށް ބޮޑަށް ޑެފިސިޓްވެ ދައުލަތުގެ ހަރަދުތައް މައްޗަށް ދިޔުމުން ސަރުކާރުން މިހާރު ނިންމާފައި ވަނީ ހަރަދު ކުޑަކުރުމުގެ ބޮޑަތި ފިޔަވަޅުތަކެއް އަޅާށެވެ. އެގޮތުން ސަރުކާރުގެ ހުރިހާ އޮފީސްތަކެއްގެ ހަރަދުން 15 ޕަސެންޓް ކުޑަކުރަން ވަނީ ނިންމާފަ އެވެ.

ސަރުކާރުން މި އަހަރަށް ކަނޑައެޅި 14 ބިލިއަން ރުފިޔާގެ ބަޖެޓް 18 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ. އެއީ ގާތްގަނޑަކަށް 3.4 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ. ދައުލަތުގެ ހަރަދުތައް ދުވަހުން ދުވަހަށް ބޮޑުވެ ދައުލަތުގެ ޑެފިސިޓް ބޮޑުވާ މައްސަލައިގައި އައިއެމްއެފުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު