އަލްޖަޒީރާގެ ޣައްޒާގެ ބިއުރޯގެ ވެރިޔާ ވާއިލް ދަހުދޫހުގެ ދޮށީ ދަރިފުޅު ހަމްޒާ ދަހުދޫހު ޣައްޒާގެ ޚާން ޔޫނިސްގެ ހުޅަނގަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ޝަހީދުކޮށްލައިފިއެވެ.
އެ ހަމަލާގައި ނޫސްވެރިޔާ މުސްތަފާ ތުރާޔާ ވެސް ވަނީ ޝަހީދުކޮށްލައިފައެވެ.
އެ ދެމީހުންނާއެކު ދަތުރުކުރި ހާޒިމް ރަޖަބަށް ވަނީ ސީރިއަސް ޒަޚަމްތަކެއް ލިބިފައެވެ. އެ ހަމަލާ އެ މީހުންނަށް އަމާޒުވެފައި ވަނީ ޚާން ޔޫނިސްގެ ހުޅަނގު ދެކުނުގައި އޮންނަ ރައްކާތެރިކަމަށް ބެލެވޭ ސަރަހައްދެއް ކަމަށްވާ އަލް މަވާސީ ކައިރީގައި އެ މީހުން ދަތުރުކުރި އުޅަނދަށް މިސައިލް އަމާޒުވުމުންނެވެ.
އުމުރުން 27 އަހަރުގެ ހަމްޒާއަކީ ވެސް ބައްޕަ ފަދައިން ނޫސްވެރިއެކެވެ.
ދަރިފުޅުގެ ވަކިވުމާ ގުޅިގެން ވާއިލް ބުނީ ހަމްޒާއަކީ އޭނާގެ ފުރާނަ ކަމަށެވެ. މިއަދު އޭނާއަކީ ޣައްޒާގައި ތިބި މީހުންގެ ތެރެއިން ކޮންމެ ދުވަހަކު ވެސް ލޯބިވާ މީހުންނާ ހިތި އަލްވަދާއު ކިޔަން ޖެހޭ މީހުންގެ ތެރެއިން އެކަކު ކަމަށް ވާއިލް ބުންޏެވެ.
އިސްރާއީލުން ދިން އެ ހަމަލާ އަލްޖަޒީރާއިން ވަނީ ކުށްވެރިކޮށްފައެވެ.
ޣައްޒާގެ ނުސެއިރާ ރެފިއުޖީ ކޭމްޕަށް އޮކްޓޫބަރު މަހު ފަހުކޮޅު އިސްރާއީލުން ދިން ހަމަލާއެއްގައި ވާއިލުގެ އަންހެނުނާއި، ފިރިހެން ދަރިފުޅަކާއި އަންހެން ދަރިފުޅަކާއި ކާފަ ދަރިފުޅެއް ވެސް ވަނީ ޝަހީދުކޮށްލައިފައެވެ.
ނަމަވެސް އެ ހިތާމަތައް އެއް ފަރާތްކޮށް މިއަދާ ހަމައަށް ވެސް ވާއިލު ދެމިހުރީ އިސްރާއީލުން ޣައްޒާގެ އާންމުންނަށް ދެމުންގެންދާ އުދުވާނީ ހަމަލާތައް މުޅި ދުނިޔެއަށް ގެނެސްދިނުމުގައެވެ.
އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ފައުޖުތަކުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 102 ނޫސްވެރިން ވަނީ ޝަހީދުކޮށްލައިފައެވެ.
އެ ހަމަލާތަކުގައި 71 ނޫސްވެރިއަކު ވަނީ ޒަޚަމް ވެސްވެފައެވެ.
އޭގެތެރޭގައި ޝަހީދުކޮށްލައިފައިވާ ގިނަ އަދަދެއްގެ އަލް ޖަޒީރާ ނޫސްވެރިން ވެސް ހިމެނެއެވެ.