އަމީނީ މަގުގައި ތާރު އަޅައި ނިންމާލައިފި، ހަފުތާއެއް ތެރޭ ހުޅުވަނީ

އަމީނީ މަގުގައި ތާރުއަޅައި ނިންމާލައިފައި -- ސަން ފޮޓޯ: އިންފިނިޓް މޯމަންޓްްސް/ މުހައްމަދު މާވީ

އަމީނީ މަގުގައި އެއްކޮށް ތާރުއަޅައި ނިމިފައިވާ ކަމަށް ރޯޑް ޑިވެލޮޕްމަންޓްް ކޯޕަރޭޝަން (އާރުޑީސީ)ން މިއަދު ބުނެފިއެވެ.

އެ ކޯޕަރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އަމީނީ މަގުގެ ނުނިމި އޮތް ބައި ކަމަށްވާ ސެގްމެންޓް 12 އަދި 13 ގައި ވެސް މިހާރު ތާރު އަޅައި ނިމިފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން މައުލޫމާތު ދެއްވަމުން އާރްޑީސިގެ މީޑިއާ އޮފިޝަލު އަހްމަދު ފައިރޫޒް މިއަދު "ސަން"އަށް ވިދާޅުވީ އެ މަގު ހުޅުވުމުގެ ކުރިން މަގުގައި ކުރަން ޖެހޭ ބައެއް މަސައްކަތްތައް އަދި އެބަހުރި ކަމަށެވެ.

އެގޮތުން އެ މަގުގައި ޒިބްރާ ކްރޮސް މިހާރު ވެސް މަގުގެ އަރިމަތިން ކުރަހައިފައި ހުރި ގޮތަށް ކުރަހަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަމީނީ މަގުގައި ތާރުއަޅައި ނިންމާލައިފައި -- ސަން ފޮޓޯ؛ އިންފިނިޓް މޯމަންޓްސް/ މުހައްމަދު މާވީ

އާރްޑިސީން ޝެޑިއުލް ކޮށްފައިވަނީ، މި ހަފުތާގެ ފަހުކޮޅު ނުވަތަ އަންނަ ހަފުތާގެ ކުރީކޮޅު އެ މަގު އާންމުންނަށް ހުޅުވައިލަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން ވެސް އަމީނީ މަގުގެ މިހާރު ހަދަމުންދާ ބައި އިތުރަށް ފުޅާކޮށް، ސްކޫލު ހުޅުވުމުގެ ކުރިން ހުޅުވުމަށް އެ ކުންފުނިން މަސައްކަތްކުރަމުންދާ ކަމަށް، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޢަބްދުﷲ މުއްތަލިބު ވަނީ ވިދާޅުވެފައެވެ.

ވޭތުވެދިޔަ ސަރުކާރުގައި ތަރައްގީ ކުރުމުގެ މަސައްކަތް ފެށި، އަމީނީ މަގުގެ ނުނިމި އޮތް ސެގްމެންޓް ކަމަށްވާ 12 އަދި 13 ހެދުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ނުވަވަނަ ދުވަހުއެވެ. އެ ސަރުކާރުގެ ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކޮށްގެން އަމީނީ މަގު ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުއެވެ. މި ޕްރޮޖެކްޓް ހަވާލުކުރީ 84.4 މިލިއަން ރުފިޔާއަށެވެ.

comment ކޮމެންޓް