ސެލީނާ މިއުޒިކް ނެރުން ހުއްޓާލާނެ ކަމަށް އަނެއްކާވެސް ބުނެފި

ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް ސެލީނާ ގޮމޭޒް ލަވަކިޔުން ހުއްޓާލައި މިއުޒިކް އިންޑަސްޓްރީއިން ރިޓަޔާވާން ވިސްނާ ކަމަށް އަނެއްކާ ވެސް ބުނެފިއެވެ.

”ވޯގް“އަށް ދިން އިންޓަވިއުއެއްގައި ވާހަކަދައްކަމުން ސެލީނާ 2021 ވަނަ އަހަރުގައި ބުނެފައި ވަނީ މިއުޒިކް އިންޑަސްޓްރީއިން ރިޓަޔަރު ވާން ވިސްނާ ކަމަށެވެ. ނަމަވެސް އޭގެ ފަހުން ސެލީނާ ވަނީ މިދިޔަ އަހަރުވެސް މިއުޒިކް ނެރެފައެވެ.

އަނެއްކާވެސް ސެލީނާ މި ދައްކަނީ މިފަދަ ވާހަކަތަކެކެވެ. "ސްމާޓްލެސް" ޕޮޑްކާސްޓަށް ދިން އިންޓަވިއުއެއްގައި ސެލީނާ މިފަހަރު ބުނެފައިވަނީ މިއުޒިކް ނެރުން ހުއްޓާލަން ވިސްނާ ކަމަށެވެ.

އެގޮތުން ދެން މިއުޒިކް ނެރުނަސް ނެރޭނީ އޭނާގެ އެންމެ ފަހު އަލްބަމް ކަމަށް ސެލީނާ ބުނެއެވެ. އޭނާ އެންމެ ފަހުން އަލްބަމެއް ނެރެފައިވަނީ 2020 ވަނަ އަހަރުގައެވެ. އެއަށްފަހު އޭނާ ވަނީ ދުރަށް ދާން ނިންމައި ސިންގަލްތަކެއް ނެރެފައެވެ.

ސެލީނާ ބުނާގޮތުގައި އޭނާ މިހާރު އެންމެ ބޮޑަށް ބޭނުންވަނީ އެކްޓިންއަށް އެކަނި ސަމާލުކަން ދިނުމަށެވެ.

"އަސްލު އަހަރެން ބޭނުންވި ގޮތެއް ނޫން ފުލްޓަމައިމް ލަވަކިޔުންތެރިއަކަށްވުމަކީ. މިއުޒިކް އޮތީ ކުރިން ހަގީގަތުގައި ހޮބީއެއްގެ ގޮތުގައި،" ސެލީނާ ކިޔައިދިނެވެ.

ސެލީނާ ބުނާގޮތުގައި އުމުރުން ދުވަސްވަމުންދާތީ ދެން ބޭނުން ވަނީ އެއް ކަމަކަށް ހުސްވެގެން ހުންނާށެވެ. އެގޮތުން އެކަމަކީ އެކްޓިން ކަމުގައި ސެލީނާ ފާހަގަކުރެއެވެ.

ކޮންމެއަކަސް ސެލީނާ މި ވާހަކަ މި ހާމަކޮށްފައިވަނީ އޭނާ އާ ދެކޮޅަށް މުޅި އިންޓަނެޓުގައި ވަރަށް ފާޑުކިޔުން ރައްދުވަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން އިޒްރާއީލަށް ސަޕޯޓު ކުރާ މޭރުމުން ވާހަކަތައް ދައްކައި އަމަލުތައް ކުރަމުންދާތީ އެތައް ބަޔަކު ސެލީނާއަށް ފާޑުކިޔާއިރު އޭނާގެ މިއުޒިކަށް ވެސް އެތައް ބަޔަކު ފާޑު ކިޔަމުން އެބަ ދެއެވެ.

comment ކޮމެންޓް