ފިލްމު އެނިމަލުން ލިބުނު މަގުބޫލުކަމާއެކު ތުރިޕްތީއަށް ނުނިދިފައި

ބަތަލާ ތުރިޕްތީ ދިމްރީ-- ފޮޓޯ/ ވިކިޕީޑިއާ

މި ނިމުނު ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ސިނަމާތަކަށް އައި ފިލްމު "އެނިމަލް"ގައި ކުޅުނު ރޯލަށް ބެލުންތެރިންގެ ފަރާތުން މާ ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އުއްމީދު ނުކުރާކަމަށް ބަތަލާ ތުރިޕްތީ ބުނެފިއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނިއުސް18 އަށް ދިން އިންޓަވިއުއެއްގައި ތުރިޕްތީ ބުނީ، ފިލްމުގެ ސެޓަށް ދިޔަ ފުރަތަމަ ދުވަހު ވެސް ވަރަށް ހާސްވި ކަމަށެވެ.

ފިލްމު "އެނިމަލް"އަށް ހޮވާފައިވާ ކާސްޓުންނަކީ އިންޑަސްޓްރީގެ އެންމެ ކާމިޔާބު ތަރިންނަށްވުމުން ބޮކްސް އޮފީހުގައި ފިލްމަށް ކާމިޔާބު ހޯދޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް ތުރިޕްތީ ވަނީ ބުނެފައެވެ.

ނަމަވެސް އޭނާ އެ ފިލްމުގައި ކުޅުނު ޒޯޔާގެ ރޯލު ކުޑަވުމުން އުއްމީދު ކުރީ ބެލުންތެރިން އެ ކެރެކްޓާގެ މަތިން ވަރަށް އަވަހަށް ހަނދާން ނެތޭނެ ކަމަށް ކަމުގައި ތުރިޕްތީ ވަނީ ބުނެފައެވެ.

އެއާއެކު، އުއްމީދު ކުރި ގޮތާ ޚިލާފަށް ބެލުންތެރިންގެ ފަރާތުން ލިބެމުން އަންނަ ތަރުހީބާއެކު ބަތަލާއަށް 'ނިދަން ދަތިވެފައި'ވާ ކަމަށް ނިއުސް18އަށް ދިން އިންޓަވިއުގައި ވަނީ ބުނެފައެވެ.

ބަތަލާ ތުރިޕްތީ ފިލްމު "ޤާލާ"ގެ މަންޒަރެއްގައި-- ފޮޓޯ/އިންޓަނެޓް

އެމޭޒަން ޕްރައިމްއިން ގެނެސްދިން ފިލްމު "ބުލްބުލް"އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ޒުވާން ބަތަލާ ކުޅެފައިވާ ގިނަ ފިލްމު ތަކަކީ ޑިޖިޓަލް ޕްލެޓްފޯމް ތަކުގައި ރިލީޒް ކޮށްފައިވާ ފިލްމު ތަކެކެވެ.

އެހެންކަމުން ފިލްމު "އެނިމަލް"ފަދަ ބޮޑު އޯޑިއަންސަކަށް އަމާޒު ކޮށްގެން އުފައްދައިފައިވާ ފިލްމަކުން ލިބުނު ފުރުސަތާއެކު ތުރިޕްތީގެ ސޯޝަލް މީޑިއާ އެކައުންޓްތައް ފޮލޯކުރާ ފޮލޯވާސްގެ އަދަދު ވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ.

comment ކޮމެންޓް