ޑެންމާކުގެ ރާނީ މާގްރެތު ދޭއް، މަގާމުން ދުރުވެވަޑައިގަންނަވާނެކަން ޓީވީ މެދުވެރިކޮށް އިއުލާނުކުރައްވައިފިއެވެ.
އެ ކަމަނާ ރަސްމީކޮށް މަގާމުން ވަކިވެވަޑައިގަންނަވާނީ ރާނީއަކަށް ވެވަޑައިގެންނެވިތާ 52 އަހަރު ފަހުން މި ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ. ރާނީ މާގްރެތު މަގާމުން ވަކިވަޑައިގަތުމުން އެ މަގާމަށް ދެން އައްޔަންކުރާނީ ދަރިފުޅު، އަދި ޑެންމާކުގެ ވަލީ އަހުދު ފްރެޑިކެވެ.
އެ ކަމަނާ އެގޮތަށް ނިންމެވީ މިދިޔަ އަހަރު ކުރީކޮޅު ކުރެއްވި ބުރަކަށިފުޅުގެ އޮޕަރޭޝަނަކަށް ފަހު، މަގާމުގައި ހުންނެވުމަށް ސިއްހީ ހާލަތު ތަން ނުދޭތީއެވެ.
އުމުރުފުޅުން 83 އަހަރުގެ ރާނީ މާގްރެތަކީ ޔޫރަޕްގައި އެންމެ ގިނަ ދުވަހު ރަނިކަން ކުރެއްވި ރާނީއެވެ. ރާނީ މާގްރެތު ތަހުތުގައި ވެޑުވީ 1972 ވަނަ އަހަރު އެ ކަމަނާގެ ބައްޕާފުޅު ރަސްގެފާނު ފްރެޑިކް ނުވަވަނަ އަވަހާރަވުމުންނެވެ.
ރާނީ މާގްރެތުގެ އެ ނިންމެވުމާ އެކު ޑެންމާކުގެ ބޮޑުވަޒީރު މެޓް ފްރެޑްރިކްސަން ވަނީ ރާނީގެ ޚިދުމަތަށް ޝުކުރު އަދާކުރައްވާފައެވެ.
އިނގިރޭސި ޝާހީ ސަގާފަތާ ހިލާފަށް އުމުރުން 55 އަހަރުގެ ވަލީއަހުދު ފްރެޑްރިކް ޑެންމާކުގެ ރަސްކަމާ ހަވާލުވެވަޑައިގަންނަވާއިރު، ރަސްމީ ޖަލްސާއެއް ނުބާއްވާނެއެވެ.
ރާނީ މާގްރެތުގެ ބަދަލުގައި ޑެންމާކުގެ ރަސްގެފާނާއި އެ ގައުމުގެ ދުސްތޫރީ ރަސްކަމުގެ ނިޒާމެއް ކަމަށްވާ ގްރީންލޭންޑާއި ފެރޯ އައިލެންޑްސްގައި ވެސް ދައުލަތުގެ ވެރިޔާގެ މަގާމު ވެސް ފްރެޑްރިކް އަދާކުރައްވާނެއެވެ.
ރާނީ މާގްރެތަކީ ޑެންމާކުގެ މީހުންނަށް ވަރަށް މަގުބޫލު ޝަހުސިއްޔަތެކެވެ. ގިނަ ބަޔަކު އެދިގެން ތިބީ ރާނީ މާގްރެތުގެ މުޅި އުމުރަށް ތަހުތުގައި އިންނެވުމަށެވެ.
ޑެއިޒީގެ ނަމުން މަޝްހޫރު ރާނީ މާގްރެތަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ އާދަޔާ ދުރު، މޯބައިލް ފޯނާއި އިންޓަނެޓް ވެސް ބޭނުން ނުކުރައްވާ ކަނބަލެކެވެ. ފޯނާއި އިންޓަނެޓާއި ނުލައި ދިރިއުޅުން މާ އުފާވެރި ކަމަށް އެ ކަމަނާ ވިދާޅުވެއެވެ.
ރާނީ މާގްރެތު ފަންނުވެރި ކަމަށް ވެސް ވަރަށް ލޯބިކުރެއްވިއެވެ. ކިޔަވާ ވިދާޅުވީ އިނގިރޭސިވިލާތުންނެވެ. ލަންޑަން ސްކޫލް އޮފް އިންކޮމިކްސްއިންނާއި ކޭމްބްރިޖްގެ ގާޓެން ކޮލްޖުން އެ ކަމަނާ ވަނީ ތައުލީމު ހާސިލުކުރައްވައިފައެވެ.
ކުރިން 1967 ވަނަ އަހަރު ފްރާންސްގެ ޑިޕްލޮމެޓް ހެންރީ ޑި ލަބޯޑޭ ޑި މޮންޕެޒާޓާއި ކައިވެނި ބައްލަވައިގަތެވެ. ނަމަވެސް 2018 ވަނަ އަހަރު ހެންރީ ވަނީ އަވަހާރަވެފައެވެ.
އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނަ ފަދައިން ވަލީއަހުދު ފްރެޑްރިކް ވެސް މަޝްހޫރުވެފައިވަނީ ތިމާވެށްޓާ މެދު ޝައުގުވެރިކަން ހުންނަ ބޭފުޅެއްގެ ގޮތުގައެވެ.