ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީގެ ކާމިޔާބު ފިލްމު "މުންނާ ބާއި"ގެ ތިންވަނަ ފިލްމު އުފައްދަން ބޭނުންވި ނަމަވެސް ބެލުންތެރިންނާ ހަމައަށް ފިލްމު އަންނާނެ ދުވަހެއް ނޭނގޭކަމަށް ރާޖް ކުމާރު ހިރާނީ ބުނެފިއެވެ.
ފިލްމާ ގުޅުންހުރި ފަސް ސްކްރިޕްޓްގެ ބައެއް ރާޖް ކުމާރީ އަތުގައި މިހާރު ވެސް އެބައޮތް ކަމަށާއި ނަމަވެސް "މުންނާ ބާއި"ގެ ތިންވަނަ ބަޔާއި އެ ސްކްރިޕްޓްތައް ގުޅުވައިލެވޭނެ ކަމަށް އަދި ގަބޫލުނުކުރެވޭ ކަމަށް ޑައިރެކްޓަރު ވަނީ ބުނެފައެވެ.
ސަންޖޭ ދަތު ލީޑު ރޯލު ކުޅެ އެކްޓަރު އަރްޝަދު ވަރްސީ މުހިއްމު ރޯލެއް ކުޅެފައިވާ ފިލްމު "މުންނާ ބާއި"ގެ ސިލްސިލާ ފިލްމުތަކަކީ ބޮކްސް އޮފީހުގައި ވަރަށް ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ފިލްމުތަކެކެވެ. ހަމަ އެއާއެކު ބެލުންތެރިންގެ ހިނިގަނޑު ކޮންޓްރޯލް ނުކުރެވޭހާ ހެއްވާ މަޖާ ހާދިސާތަކެއް ފިލްމު "މުންނާ ބާއި"ގެ ފިލްމުތަކުން ވަނީ ފެނިފައެވެ.
ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީ ދާދި ފަހުން މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ފިލްމު "މުންނާ ބާއި"ގެ ފިލްމުތައް ގެނެސްދިނުމުގައި އަބަދު ވެސް އޭނާއަށް ދަތި އުނދަގޫ ކަންތައްތަކާއި ކުރިމަތިލާން ޖެހޭ ކަމުގައެވެ. ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ކުރީގެ ދެ ފިލްމަށް ލިބުނުއިރު މި ސިލްސިލާގެ ތިންވަނަ ފިލްމު ވެސް ގެނެސްދޭން ބޭނުން ވަނީ އެ ފެންވަރުގައި ކަމަށް ތަޖުރިބާހުރި ޑައިރެކްޓަރު ވަނީ ބުނެފައެވެ.

ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީ އެކްޓަރު ރަންބީރާއެކު ފިލްމު "ސަންޖޫ"ގެ ޕްރޮމޯޝަން ހަފުލާއެއްގައި-- ފޮޓޯ/ އެންޑީޓީވީ
ފިލްމު "ސަންޖޫ"، "ޕީކޭ" އަދި "ތުރީ އިޑިއަޓްސް" ފަދަ ފިލްމުތައް އުފައްދާފައިވާ ރާޖް ކުމާރު ހިރާނީ އެންމެ ފަހުން އުފައްދާފައި ވަނީ މި ނިމުނު ޑިސެމްބަރު މަހުގެ 21ވަނަ ދުވަހު ރިލީޒް ކުރި ފިލްމު "ދުންކީ"އެވެ. އެކްޓަރު ޝާހްރުކް ޚާން ލީޑް ރޯލް ކުޅުނު ފިލްމަށް ބޮކްސް އޮފީހުގައި ލިބިފައިވާ ކަލެކްޝަންގެ އަދަދު ދަށް ވިޔަސް ފިލްމުން ނެރެވުނު ނަތީޖާއާ މެދު ރާޖް ކުމާރު ހިރާނީ ހުރީ ހިތްހަމަޖެހިގެންނެވެ.