ތައުލީމީ ދާއިރާއަށް 43 އަހަރު ޚިދުމަތް ކުރެއްވި އަޙުމަދު ޢަލީ ނިޔާވެއްޖެ

ބ. އޭދަފުށި އަޙުމަދު ޢަލީ: މިއަދު ނިޔާވި އަޙުމަދު ޢަލީ ވަނީ ތައުލީމީ ދާއިރާއަށް 43 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފަ -- ފޮޓޯ/ ސޯޝަލް މީޑިއާ

ތައުލީމީ ދާއިރާއަށް 43 އަހަރަށް ވުރެ ދިގު މުއްދަތަކަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ބ. އޭދަފުށި, އަޙުމަދު ޢަލީ (ދޮންބޭބެ) މިއަދު ނިޔާވެއްޖެއެވެ.

އޭދަފުށީ ކައުންސިލުގެ ރައީސް މުުޙައްމަދު ފާތިހް "ސަން"އަށް މައުލޫމާތު ދެއްވި ގޮތުގައި، 66 އަހަރުގެ އަޙުމަދު ޢަލީ ނިޔާވީ މިއަދު މެންދުރު 12:45ހާއިރު މާލޭގައެވެ. އޭނާ ނިޔާވިއިރު އޮތީ އައިޖީއެމްއެޗުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، އޭނާ ނިޔާވީ އާލާސްކަންފުޅެއްގެ ސަބަބުން ކަމެއް މިހާތަނަށް ޔަގީންވެފައިނުވެއެވެ.

އަޙުމަދު ޢަލީ ނިޔާވުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާގެ މެސެޖެއް ފޮނުވައިފައެވެ.

އެ މެސެޖުގައިވާ ގޮތުން، އަޙްމަދު ޢަލީ ބ. އަތޮޅު ތައުލީމީ މަރުކަޒާ ގުޅިވަޑައިގަތީ ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ޖުލައި 12، 1980ގައެވެ.

އެއަށްފަހު އެ ސްކޫލްގެ ހެޑްމާސްޓަރުގެ މަގާމާއި ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމް ވެސް އޭނާ އަދާކުރެއްވިއެވެ. އަދި، ވަޒީފާއިން ރިޓަޔާ ކުރެއްވި އިރު އޭނާ ހުންނެވީ އެ ސްކޫލްގެ އެޑްމިނިސްޓްރޭޓަރެއްގެ މަގާމުގައި ކަމަށް މިނިސްޓްރީން ބުންޏެވެ.

ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު އަންނަނީ އަޙުމަދު ޢަލީގެ ޚިދުމަތުގެ އަގުވަޒަންކޮށް، އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ. އެގޮތުން، ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީގެ ފޭސްބުކް ޕޯސްޓެއްގައި ވަނީ އެއީ އެކުވެރިއެއްގެ ގޮތުގައި ސިފަކުރައްވައި، އޭނާ ނިޔާވި ޚަބަރު އަޑު އިވުމުން ހިތަށް ފުން ހިތާމައެއްވެރިވި ކަމަށް ވިދާޅުވެފައެވެ.

އަޙްމަދު ޢަލީގެ ޖަނާޒާ ބާއްވަން ހަމަޖެހިފައިވަނީ މާދަމާ މެންދުރު ނަމާދަށް ފަހުއެވެ.

comment ކޮމެންޓް