މި އަހަރު ރިލީޒްވި އެކްޓަރު ސަލްމާން ޚާންގެ ފިލްމު "ކިސީ ކާ ބާއި ކިސީ ކީ ޖާން"އިން ބޮލީވުޑަށް ތަޢާރަފްވި ޓީވީ ތަރި ޝެހެނާޒް ގިލްގެ އުއްމީދަކީ ރަންބީރު ކަޕޫރާއެކު ފިލްމަކުން ފުރުސަތު ލިބުން ކަމަށް ބުނެފިއެވެ.
އިންޑިއާގެ މަޝްހޫރު 'ބިގް ބޮސް' ރިއަލިޓީ ޝޯވްއިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ޝެހެނާޒް ގިލްއަކީ ފިލްމީ ދާއިރާއަށް ތަޢާރަފް ވުމުގެ ކުރިން ވެސް އާއްމުންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ފަރާތެކެވެ.
ސަލްމާން ޚާން އާއެކު ފިލްމަކުން ފުރުސަތު ލިބުމަށްފަހު ދެން އެންމެ ބޮޑަށް ބޭނުން ވަނީ ރަންބީރު ކަޕޫރާއެކު މަސައްކަތް ކުރުމަށް ކަމަށާއި އެކަން ކާމިޔާބު ވަންދެން ޝެހެނާޒް މަސައްކަތް ކުރާނެ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
އިންޑިއާގެ ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާއަށް ދިން އިންޓަވިއުއެއްގައި ޝެހެނާޒު (ސަނާ) ބުނެފައި ވަނީ އޭނާގެ ފިލްމީ ކެރިއަރު ފެށުނީ އިހަށް ދުވަހު ކަމަށާއި ކުރިޔަށް އޮތް ތަނުގައި ސިނަމާގެ އެންމެ މަގުބޫލު ތަރިންނާއެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށެވެ. އޭގެތެރެއިން ތަރިއަކު ހޮވާ ކަމަށް ވަންޏާ އެންމެ ފުރަތަމަ ވެސް ހޮވާނީ އެކްޓަރު ރަންބީރު ކަޕޫރު ކަމަށާއި ރަންބީރާ ބައްދަލު ކުރުމަކީ ވެސް ޝެހެނާޒުގެ ހުވަފެނެއް ކަމަށެވެ.
މިހާތަނަށް ރަންބީރު ތަފާތު އެކި ހަފުލާ ތަކުން ފެނިފައިވީ ނަމަވެސް ފެންނަނީ ވަރަށް ދުރުން ކަމަށާއި އެކްޓަރާ ބައްދަލުވެ ވާހަކަ ދައްކާލެވޭ ކަހަލަ ފުރުސަތެއް އަދި ނުލިބޭ ކަމަށް ލަވަކިޔުންތެރިޔާ ވަނީ ބުނެފައެވެ.
ޕަންޖާބަށް ނިސްބަތްވާ ޝެހެނާޒް އަކީ މިއުޒިކް ދާއިރާގައި ވެސް މަގުބޫލު ފަރާތެކެވެ. ޕަންޖާބު ލަވަތަކުގެ އިތުރުން ބައެއް ހިންދީ މިއުޒިކް ވީޑީއޯތަކުން ފެނިފައިވާ ބަތަލާ ބުނެފައި ވަނީ މީގެކުރިން ފިލްމުތަކަށް އޮޑިޝަންއަށް ދިއުން އެހާ ހިތްހަމަނުޖެހޭ ކަމަށެވެ. އެހެން ނަމަވެސް ފިލްމުތަކަށް އޮޑިޝަން ދިނުމުގެ މުހިއްމުކަން އިހުސާސްވުމުން މިހާރު ބޭނުން ވަނީ ލިބޭ އެފަދަ ހުރިހާ ފުރުސަތެއްގެ ބޭނުންވެސް ހިފަން ކަމަށް ޝެހެނާޒް ވަނީ ބުނެފައެވެ.
ޝެހެނާޒް އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މި އަހަރުގެ އޮކްޓޯބަރު މަހު ރިލީޒްކުރި ފިލްމު "ތޭންކް ޔޫ ފޯ ކަމިންގް" އިންނެވެ.