ހައިކޯޓުން ވެސް އައްމަޓީއަށް ފުރުމުގެ ހުއްދަ ދީފި

އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ހައިކޯޓުގެ އަޑުއެހުމެއްގައި: އޭނާ ފުރަން ހައިކޯޓުން ވެސް ވަނީ ހުއްދަ ދީފައި --

ފުލެޓު އެޅުމުގެ ނަމުގައި އެތައް ބައެއް އަތުން މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލައިގައި ދައުވާ އުފުލާފައިވާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު މޫސާ މުޙައްމަދު (އައްމަޓީ) ރާއްޖޭން ބޭރަށް ފުރަން ދަށު ކޯޓުން ދިން ހުއްދަ، ހައިކޯޓުން ވެސް މިއަދު ދަމަހައްޓައިފިއެވެ.

އައްމަޓީގެ ޕާސްޕޯޓު ހިފަހައްޓާފައި އޮއްވައި މި މަހުގެ ހަވަނަ ދުވަހު ކްރިމިނަލް ކޯޓުން އޭނާއަށް ފުރުމުގެ ހުއްދަ ދިނީ މައިބަދައިގެ އޮޕަރޭޝަނަކަށް ދާން އެދި ހުށަހެޅުމުންނެވެ.

އެކަމަކު، ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެހެންވެ، ހައިކޯޓުން މި މަހު 18ގައި ވަނީ އެ މައްސަލައިގެ އިސްތިއުނާފު ނިމެންދެން ފުރުން މަނާކޮށް ވަގުތީ އަމުރެއް ނެރެފައެވެ.

އެ މައްސަލައިގައި މިއަދު ހައިކޯޓުން ވަނީ ހުކުމް އިއްވައިފައެވެ. އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ރިޔާސަތުގައި އިންނެވި ފަނޑިޔާރު ފާތިމަތު ފަރުހީޒާއާއި މުހައްމަދު ޝަހުނީޒު އަބްދުﷲ ވަނީ ދަށު ކޯޓުގެ ނިންމުމަށް ތާއީދުކުރައްވައިފައެވެ.

އެކަމަކު، މައްސަލައިގެ ބެންޗުގައި ދެން ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހަސަން މަޒީދު ވަނީ މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ރިއާޔަތްކޮށް، އައްމަޓީ ޝަރީއަތުން ފިލުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށްފައެވެ. ފަނޑިޔާރުގެ ރައުޔުގައި ވަނީ ހަރުކަށި ޝަރުތުތަކެއް ކުރުމަކައިނުލާ އައްމަޓީ ފުރަން ހުއްދަ ދޭން ނުފެންނަ ކަމަށެވެ.

އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން 2021 ވަނަ އަހަރު ރާއްޖެ ގެނައި އައްމަޓީ އޭގެ ފަހުން ހައްޔަރުގައި ބަހައްޓައި، އެކި ސަބަބުތަކާ ހެދި ތިން ފަހަރެއްގެ މަތިން ދޫކޮށްލާފައިވެއެވެ.

ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދުވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ފުލެޓު އެޅުމަށް، ސީލައިފާ ހަވާލުކުުރުމުން، އެ އެއްބަސްވުމުގައިވާ މުއްދަތުގައި ފުލެޓުތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އައްމަޓީގެ މައްޗަށް ވަނީ 42 ދައުވާ އުފުލައިފައެވެ.

އެ ދައުވާތަކަށް އައްމަޓީ އިންކާރު ކުރެއެވެ.

ސީލައިފް އެޕާޓްމަންޓް ގަތުމަށް ފައިސާދެއްކި މީހުންގެ ތެރެއިން އެޗްޑީސީއަށް [މިހާރުގެ އާބަންކޯ] ލިޔެކިޔުންތައް ހުށަހެޅި މީހުންނަށް ފައިސާ ރީފަންޑް ކޮށްދީފައިވާއިރު، އެ މީހުންނަށް އެޗްޑީސީން ވަނީ ވިނަރެސް ފުލެޓުތަކުން އެޕާޓުމަންޓު ގަތުމުގެ ފުރުސަތު ދީފައެވެ.

އައްމަޓީގެ މައްޗަށް 42 ދައުވާއެއް އުފުލާފައިވާއިރު، އެ ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް ކަނޑައެޅޭނެ ކަމަށް ޕީޖީން ވަނީ މީގެ ކުރިން ބުނެފައެވެ.

comment ކޮމެންޓް