ސާނަވީ އަދި މަތީ ސާނަވީ ދަރިވަރުންނަށް އެމްޕީއެލުން އިންޓާންޝިޕް ޕްރޮގްރާމް ފަށައިފި

އެމްޕީއެލުން ފެށި އިންޓާންޝިޕް ޕްރޮގްރާމުގެ އޮރިއެންޓޭޝަނުގެ ތެރެއިން-- ފޮޓޯ/ އެމްޕީއެލް

ސާނަވީ އަދި މަތީ ސާނަވީ ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނަށް ޚާއްސަކޮށްގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ހިންގާ އިންޓާންޝިޕް ޕްރޮގްރާމް މިއަދު ފަށައިފިއެވެ.

އެމްޕިއެލުން ބުނީ މި އިންޓާންޝިޕް ޕްރޮގްރާމަކީ ސާނަވީ އަދި މަތީ ސާނަވީ ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނަށް، މަސައްކަތުގެ މާހައުލުގެ އަމަލީ ހުނަރުތައް ދަސްކޮށްދީ، ތަޖުރިބާތަށް ހޯދައިދިނުމުގެ ގޮތުން އެ ކުންފުނީގެ ލާނިން އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް(އެލްޑީޑީ)އިން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

މިއަދު ފެށުނު މި އިންޓާންޝިޕް ކުރިއަށްދާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެމްޕީއެލުން މައުލޫމަތުދެއެވެ.

އެމްޕީއެލުން ފެށި އިންޓާންޝިޕް ޕްރޮގްރާމުގެ އޮރިއެންޓޭޝަނުގެ ތެރެއިން-- ފޮޓޯ/ އެމްޕީއެލް

މި ޕްރޮގްރާމުގައި ބައިވެރިވި ދަރިވަރުންނަށް ކުރިއަށް ގެންދިޔަ އޮރިއެންޓޭޝަން ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވީ، ޕޯޓުގެ ދާއިރާތަކަށް ޒުވާނުންގެ ޝައުގުވެރިކަން އިތުރުކުރުވަން ބޭނުން ކަމަށެވެ.

އެގޮތުން އަބަދުވެސް ޒުވާނުންނަށް އެ ދާއިރާއިން ކުރިއަށް ދިއުމަށް އެހީވުމުގައި އެމްޕީއެލުން ދެމި އޮންނާނެ ކަމަށް ވަޖީހު ވިދާޅުވިއެވެ.

"މި ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންނަށް މި ކުންފުނީގެ ދާއިމީ ވާޒީފާތަކުން ވެސް ފުރުސަތު ހޯދޭނެ. އަދި، ކުންފުނީގެ ވަޒީފާގައި ދެމިހުރެގެން (ކުންފުނީގެ ޚަރަދުގައި) މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތުތައް ވެސް ލިބޭނެ. ޕޯޓުގެ އެކި ދާއިރާގައި މަސައްކަތްކުރާނެ ޒުވާނުން ބިނާކުރުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް،" ވަޖީޙް ވިދާޅުވިއެވެ.

އެމްޕީއެލުން ބުނީ މި ޕްރޮގްރާމުގައި މުޅި ޖުމްލަ 13 ދަރިވަރުން ބައިވެރިވެފައިވާކަމަށެވެ.

އެމްޕީއެލުން ފެށި އިންޓާންޝިޕް ޕްރޮގްރާމުގެ އޮރިއެންޓޭޝަނުގެ ތެރެއިން-- ފޮޓޯ/ އެމްޕީއެލް

އަދި މި އަހަރުގެ އިންޓާންޝިޕުގަިއ ބައިވެރިވީ ދަރިވަރުންނަށް ތަމްރީނު ހޯދުމަށް ތަފާތު އެކި ދާއިރާތަކެއް ކަނޑައަޅައިފައިވާ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • އިންޖީން ރިޕެއާ އެންޑް މެއިންޓަނަންސް
  • ފެބްރިކޭޝަން އޮފް ބްރާސް އިމްޕެލާ
  • ކާޕެންޓްރީ
  • ޕަވަރަ ޖެނަރޭޝަން އެންޑް ޑިސްޓްރިބިއުޝަން
  • އެޗްވީއޭސީ އެންޑް އިލެކްޓްރިކަލް ސާވިސް
  • ގްރެފިކް ޑިޒައިނިން
  • ކޮޕީ ރައިޓިން
  • ސިވިލް އިންޖިނިއަރިން / ސާވޭއިން
  • އާކިޓެކްޗަރަލް ޑްރާފްޓިން

އެމްޕީއެލުން ބުނީ މި ޕްރޮގްރާމުގައި މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދާއިރު، ކޮންމެ ކުއްޖަކަށް ވެސް ތަމްރީނު ދޭނެ މުދައްރިބެެއް ހަމަޖައްސާނެކަމަށެވެ. މަސައްކަތުގެ މާހައުލުގައި ހުނަރު ދަސްކޮށްދީ، މައުލޫމާތު ދިނުމުގެ އެންމެ ބޮޑު ރޯލެއް އަދާ ކުރާނީ އެ ކުއްޖަކަށް އެ ހަމަޖައްސާ މުދައްރިބެއް ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެމްޕީއެލުން ފެށި އިންޓާންޝިޕް ޕްރޮގްރާމުގެ އޮރިއެންޓޭޝަނުގެ ތެރެއިން-- ފޮޓޯ/ އެމްޕީއެލް

މިގެ ކުރިން ވެސް އެމްޕީއެލުން ވަނީ މިފަދަ ޕްރޮގްރަމްތައް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މި އަހަރުގެ އޮގަސްޓު މަހު ވެސް އެމްޕީއެލުން ކުރިއަށް ގެންދިޔަ އިންޓާންޝިޕް ޕްރޮގްރާމެއް 20 ޒުވާނަކު ވަނީ ފުރިހަމަ ކޮށްފައެވެ.

comment ކޮމެންޓް