ފިލްމީ ދާއިރާއިން ކުރިޔަށް ދާން ޕަރިނީތީ އާއި ޕްރިޔަންކާގެ އެހީ މީރާ ބޭނުމެއް ނުވޭ

ބަތަލާ މީރާ ޗޯޕްރާ-- ފޮޓޯ/ އިންޓަނެޓް

ފިލްމީ ދާއިރާއިން ކުރިޔަށްދާން އާއިލާގެ އެއްވެސް ފަރާތެއްގެ ހިޔަންޏެއް ބޭނުން ނުވާކަމަށް ބޮލީވުޑްގެ ފިލްމީ ތަރި މީރާ ޗޯޕްރާ ބުނެފިއެވެ.

މީރާ ޗޯޕްރާ އަކީ ބަތަލާ ޕްރިޔަންކާ ޗޯޕްރާ އަދި ޕަރިނީތީ ޗޯޕްރާއާ ދެބެއިންގެ ދެ ދަރި ބަތަލާއެކެވެ. އެހެންނަމަވެސް ކެރިއަރުގެ އެއްވެސް ހަރުފަތެއްގައި އެ ބަތަލާއިންގެ ނަން ދުވަހަކު ވެސް ބޭނުން ނުކުރާނެ ކަމަށް މީރާ ވަނީ ބުނެފައެވެ.

ފިލްމު "1920:ލަންޑަން"އިން ބޮލީވުޑަށް ތަޢާރަފްވި ބަތަލާ އަކީ ހިންދީ ސިނަމާގެ އިތުރުން ތަމަޅަ އަދި ތެލުގޫ ސިނަމާގައި ވެސް ހަރަކާތްތެރި ބަތަލާއެކެވެ. ފިލްމު "ސެކްޝަން 375"ގެ ރޯލަކުން ވެސް ފެނިފައިވާ ބަތަލާގެ އަތުގައި މިވަގުތު ތިން ފިލްމީ ޕްރޮޖެކްޓެއް އެބައޮތެވެ.

ބަތަލާ ޕްރިޔަންކާ ޗޯޕްރާ އަދި މީރާ ޗޯޕްރާ-- ފޮޓޯ/ ބޮލީވުޑް ހަންގާމާ
ފިލްމީ ދާއިރާގައި ހުނަރު ހުރި ބަތަލާއިންނަށް ފުރުސަތު ނެތުމުން ބައެއް ފަހަރު މާޔޫސްވާ ކަމަށާއި ނަމަވެސް އަޒުމަކީ ހިތްވަރާއެކު މަސައްކަތް ކޮށް ފިލްމީ ދާއިރާއިން ކުރިޔަށް ދިއުން ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ބައެއް ފިލްމު ތަކުން ފުރުސަތު ގެއްލުމުން ވަރަށް ގިނަ ބަޔަކު ޕްރިޔަންކާ އާއި ޕަރިނީތީގެ އެހީ ހޯދަން މަޝްވަރާ ދޭ ކަމަށާއި ނަމަވެސް އެއީ އެއްވެސް އިރެއްގައި ކުރަން ބޭނުންވާ ކަމެއް ނޫންކަމަށް މީރާ ވަނީ ބުނެފައެވެ.

ފިލްމީ ދާއިރާގައި މިހާރު ވެސް ނެޕޮޓިޒަމްގެ މައުޟޫއަށް ހޫނުކަމާއެކު ބަހުސްކުރެވޭއިރު އެ މައުޟޫއަށް މީރާގެ ނަން އިތުރުވާން ބޭނުން ނުވާކަމަށް ވެސް ޒުވާން ބަތަލާ ވަނީ ބުނެފައެވެ.

comment ކޮމެންޓް