ހަހާހަށް ވުރެ ގިނަ ބައިންވެރިންނާއެކު އުރީދޫ މޯލްޑިވްސްގެ އަހަރީ ފަން ރަންއަށް ބޮޑު ތަރުހީބެއް ލިބި، މިއަދު ބާއްވައިފިއެވެ.
މި ދުވުން އޮތީ މިއަދު ހަވީރު 3:30 އިން ފެށިގެން 6:00 އަށް ހުޅުމާލެގައެވެ.
'ސަން' އަށް މައުލޫމާތު ދެމުން އުރީދޫއިން ބުނީ 5،000 އެއްހައި މީހުން އެ ރަންގައި ބައިވެރުވުމުގެ ގޮތުން ރަޖިސްޓަރުކުރި ކަމަށެވެ. ނަމަވެސް 6،000 އަށްވުރެ ގިނަ މީހުން ދުވުމުގައި ބައިވެރިވެފައިވާ ކަމަށް އުރީދޫއިން ބުންޏެވެ.
ހަވީރު ނިންމާލި 5-ކޭ ދުވުމުގައި ހުރިހާ އުމުރުފުރާއަކުން ވަނީ ބައިވެރިވެފައެވެ. ކުޑަކުދިންނާއި ހަމައިން ފެށިގެން އެހެން އުމުރުފުރާތައް ހިމެނޭ ގޮތަށް އާއިލާތަކުން ވެސް ވަނީ ބައިވެރިވެފައެވެ.
މީގެ އިތުރުން އަލަށް ދުވާ ދުވުންތެރިންނާއި ތަޖުރިބާކާރު ދުވުންތެރިން ވެސް ބައިވެރިވެފައިވެއެވެ.
ކޮންމެ ކިލޯމީޓަރެއް ނިމުމުން ކުލައާއި ފެނާއި މަޖާ އޮބްސްޓޭކަލްސް ތަކާއެކު ތަފާތު ފަން ސްޓޭޝަންތައް މި އަހަރުގެ ދުވުމުން ވެސް ފެނިގެން ގޮސްފައިވެއެވެ.
އުރީދޫން ބުނީ މި ރަން ނިންމާލުމަށްފަހު ބައިވެރިންގެ މެދުގައި ޚާއްސަ ލަކީޑްރޯއެއް ވެސް ކުރިއަށް ދިޔަ ކަމަށެވެ.
ދުވުން ނިންމާލާއިރު ފޯމް ޕާޓީއަކާއި މެޑައްޔަކާއި މިއުޒިކް ޝޯއަކާއެކު އުފާ ފާޅުކުރި ކަމަށް ވެސް ބުންޏެވެ.
އުރީދުއިން ބުނި ގޮތުގައި، ފަން ރަނަށްފަހު ބާއްވާ އުރީދޫ މިއުޒިކް ޝޯ ހުޅުމާލެ ސެންޓްރަލް ޕާކުގައި މިރޭ 8:00 އިން ފެށިގެން ކުރިއަށްދާނެ ކަމަށެވެ. އެ ޝޯ ކޮންމެ މީހަކަށް ވެސް ބަލައިލެވޭނެ ކަމަށް އުރީދޫއިން ބުންޏެވެ.
އެ ޝޯގައި ބައިވެރިވާ ފަންނާނުންގެ ތެރޭގައި:
- ހަބޭސް ބޮޑުބެރު
- ޑިޓިއުން
- މީރާ، ޝަމްބެ އަދި އިންމަ
- ޑީޖޭ ދީދު
- ޒަކިއްޓެ
- ޓްރެފިކް ޖޭމް
ފަން ރަން ވީކެންޑް ފުރަތަމަ ހަރަކާތެއްގެ ގޮތުން ބޭއްވުމަށް ހަމަޖެހުނު އުރީދޫ ޑްރޯން ރޭސް ވަނީ މާދަމާއަށް ފަސްކޮށްފައެވެ. އެގޮތުން މާދަމާ ހެނދުނު 8:00 އިން 11:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި އުރީދޫ ޑްރޯން ރޭސް 2023ގެ ފައިނަލް ކުރިއަށް ދާނެކަމަށް އުރީދޫއިން ބުންޏެވެ.
މިރޭހުގައި ދެ ކެޓަގަރީއެއްގެ ޕައިލެޓުން ބައިވެރިވާނެ ކަމަށާއި އެއީ ސްކައި އެލީޓް (އެފްޕީވީ ޑްރޯން) ޕައިލެޓުންނާއި ސްކައި ވޯކާ (ޑީޖޭއައި ނޮން-އެފްޕީވީ ޑްރޯން)ގެ ޕައިލެޓުން ކަމަށް އުރީދޫއިން ބުންޏެވެ.
އެ ރޭހަކީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ނިންމަން ވާދަކުރާ ރޭހެކެވެ. ޑްރޯން ރޭހުގައި ބައިވެރިން ވާދަކޮށް އެއްވަނަ ދެވަނަ އަދި ތިންވަނައަށް ދާ ފަރާތްތަކަށް ޚާއްސަ އިނާމުތަކެއް ވެސް ދޭން ވަނީ ހަމަޖެހިފައެވެ.
ފަން ރަންގެ ހަރަކާތްތަކާ ބެހޭ މައުލޫމާތު އުރީދޫގެ ފޭސްބުކް، ޓްވިޓާ އަދި އިންސްޓަގްރާމް މެދުވެރިކޮށް ލިބޭނެއެވެ.