ވިލާތުގެ އިއްތިޙާދުގެ ރައީސަކަށް ހުރެ އަހަރު ނިމުމުގެ ކުރިން ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ބަލައިގަތުމުގެ މަސައްކަތް ކުރުމަކީ އެ ޤައުމުގެ ޒިންމާއެއް ކަމަށް ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވެއްޖެއެވެ.
ސްޕެއިންގެ ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ސަންޗޭޒް ވަނީ ޣައްޒާގެ އާންމުންނަށް ޢިސްރާއީލުން ދެމުންދާ އަނިޔާވެރި ޙަމަލާތަކުގެ ވާހަކަ އެއް އަޑަކުން ދެއްކުމަށް ވިލާތުގެ މީހުންނަށް ގޮވައިލައިފައެވެ. އެ ވާހަކަތައް ދައްކަންވީ އެކަން މުޅި ދުނިޔެ ބަލަމުންއަންނާތީ ނުވަތަ ފަހުގެ ތާރީޙެއްގައި އެކަން ތަޙުގީގު ކުރާނެތީ ނޫން ކަމަށާއި ނަމަވެސް އެ ވާހަކަ ދައްކަންވީ އެއީ އިންސާނުން ކުރިމަތިލަމުން އަންނަ އަނިޔާވެރިކަމެއްގެ ސަބަބުން ކަމަށް ސަންޗޭޒް ވިދާޅުވިއެވެ.
"ވިލާތުގެ އިއްތިޙާދުން ފަލަސްޠީނުގެ ދަޢުލަތް ބަލައިގަންނަން ޖެހޭ. ޣައްޒާއަށް ބޮން އެޅުން މިހާރުން މިހާރަށް ހުއްޓާލަންޖެހޭ," ސަންޗޭޒް ވިދާޅުވިއެވެ.
އަދި, ފިންޏާއި ބަނޑުހައިހޫނުކަމާއި ވޭނެ ތަޙަމަލުކުރަމުންދާ ޣައްޒާގެ އާންމުންނަށް އިންސާނީ އެހީ ފޯރުކޮށްދޭންޖެހޭ ކަމަށް ވެސް ސަންޗޭޒް ވިދާޅުވިއެވެ. ޢިސްރާއީލުން ޣައްޒާއަށް މެދުކެނޑުމެއްނެތި ދެމުންގެންދާ ބޮމުގެ ޙަމަލާތައް މިދިޔަ މަހު ސްޕެއިންއިން ފާޅުގައި ކުށްވެރިކޮށްފައިވާއިރު، އެކަމާ ޢީސްރާއީލުގެ އޮފިޝަލުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.
އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާތަކާ ދެކޮޅަށް ވާހަކަ ދެއްކުމަށް ސަންޗޭޒަށް އަންނަނީ ދާޚިލީ ޕްރެޝަރު އިތުރުވަމުންނެވެ.
އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރެއްގެ ގޮތުގައި އޮތް ފަރަންސޭސިވިލާތުން ވަނީ މިހާރުން މިހާރަށް ހަނގުރާމަ ހުއްޓައިލުމަށް ގޮވާލައި ސަލާމަތީ މަޖިލީހަށް ހުށަހެޅި ޤަރާރަކަށް ވޯޓު ދީފައެވެ. ނަމަވެސް އެމެރިކާއިން ވީޓޯ ކުރުމުން އެ ޤަރާރު ފާހެއްނުވިއެވެ.
ސަންޗޭޒްގެ އިތުރުން ފަރަންސޭސުވިލާތުގެ ރައީސް ވެސް ވަނީ ޣައްޒާއަށް ޢިސްރާއީލުން ދެމުން އަންނަ ޙަމަލާތައް ކުށްވެރިކުރައްވައިފައެވެ.