ފަތާ ޓްރެކު ނަޖިހުން ތަޣައްޔަރުވެ، ސިއްހީ ނުރައްކަލަކަށް

މާލޭ ފަތާ ޓުރެކު ނަޖިހުން ތަގައްޔަރުވެފައި -- ފޮޓޯ/ އަރުޝީ ޚަލީލް (އެކްސް)

ފެތުމުގެ ކަސްރަތަށް، ފެތުމުގެ ކްލާސްތަކަށް ނުވަތަ މޫދުގެ ފިނިކަމާއި ހިތްހަމަޖެހުން ހޯދުމަށް ވެސް މާލޭގައި ބޭނުން ކުރަން އޮތީ އެންމެ ފަތާ ޓްރެކެކެވެ. ނަމަވެސް، މޫސުމާއި އޮއެވަރާއި ދިޔަވަރަށް އަންނަ ބަދަލުތަކުން މި ޓްރެކް ނަޖިހުގެ ގޮނޑަކަށް ބަދަލުކޮށްލައެވެ.

މީގެ ދެ ދުވަސް ކުރިން ވެސް ޓްރެކުގެ އެއްކައިރީ ވަށާލާފައި ހުރީ ނަޖިހެވެ. މިއީ ހަމައެކަނި އިއްޔެ ކުރިމަތިވީ މައްސަލައެއް ނޫނެވެ. ދޭތެރެއަކުން މުޅި ޓްރެކް ނަޖިހުން ގޮނޑުކޮށްލައެވެ.

މިކަމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަމުން ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް އިސްމާއީލް އަލީ ވިދާޅުވީ، ޓްރެކަށް ނަޖިސް ވަނުމަކީ ދޭތެރެއަކުން ކުރިމަތިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.

"އުސްފަސްގަނޑާ ދިމާލުގައި އޮންނާނެ ނަރުދަމާ މައި ހޮޅި. ދޭތެރެދޭތެރެއިން ހޮޅި ސާފު ކުރާއިރު މޫސުމާ ގުޅިގެން، ދިޔަވަރު ވެސް ބޮޑުވީމަ ޓްރެކަށް ނަޖިސް ވަންނަނީ،" އޭނާ ވިދާޅުވިއެވެ.

އޮއިވަރާ އެކު މި ނަޖިސް ބައެއް ފަހަރު އަމިއްލައަށް ސާފުވާކަމަށް އިސްމާއީލް ވިދާޅުވިއެވެ.

"މީގެ ދެ ދުވަސް ކުރިން ވެސް ދިޔަވަރު ބޮޑުވި ވަގުތު ހުރި ކޮންމެ ވެސް ވަރަކަށް ނަޖިސް ވަދެފައި. ދެން އަޅުގަނޑުމެން ސާފުކުރިން އެ ނަޖިސް،" އޭނާ ވިދާޅުވިއެވެ.

މާލޭ ފަތާ ޓްރެކް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭނާ ވިދާޅުވީ، މި މައްސަލަ ކުރިމަތިވެ އެ ކަންބޮޑުވުން އެސޯސިއޭޝަނުގައި އަބަދު ވެސް އޮންނަކަމަށެވެ. އަދި، ދާދި ފަހުން ވެސް ސަރުކާރުގެ އެންމެ މަތީ ބޭފުޅުންނާ އެކު އެކަމުގެ މަޝްވަރާތައް ކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

ނަޖިހުން މޫދު ތަޣައްޔަރުވުމުގެ މައްސަލަ މާލޭގެ އާޓިފިޝަލް ބީޗާއި ރަސްފަންނުގައި އޮންނަ މޫދަށް އެރޭ ސަރަހައްދަށް ވެސް ކުރިމަތިވެއެވެ.

މީގެ ދެ ދުވަސް ކުރިން ޓްރެކް ނަޖިސްވެފައިވާ ފޮޓޯތައް އެކްސް ޕްލެޓްފޯމުގައި ވަނީ އާންމު ވެފައެވެ. އެއް ބަޔަކު ބުނި ގޮތުގައި މިހާރު ނަޖިސްތައް ސާފުވީ ނަމަވެސް، އަދިވެސް އޭގެ އަސަރު ހުންނާނެކަމަށް ގަބޫލު ކުރެވެއެވެ. އެގޮތުން ބައެއް ފަހަރު ޓްރެކަށް މޫދަށް އެރުމުން ގައިގެ ހަންގަނޑަށް މައްސަލަތައް ކުރިމަތިވާ ކަމަށާއި އެކަމުން ދޭހަކޮށްދެނީ ނުފެނުނަސް ޓްރެކް ތަޣައްޔަރު ވެފައިވާ މިންވަރުކަމަށް މީހަކު ބުނެފައިވެއެވެ.

އިތުރު މީހަކު ބުނީ، އޭނާގެ އެއްއަހަރުގެ ދަރިފުޅު އާޓިފިޝަލް ބީޗަށް މޫދަށް ގެންދިޔަ ފަހުން ކުއްޖާ ހުންއައިސް ބަލިވި ކަމަށެވެ. އަދި މިކަން މިހެން ވީ، މޫދު ތަޣައްޔަރުވެފައި ވުމުގެ ސަބަބުންކަން ގަބޫލުކުރެވޭކަމަށް އޭނާ ލިޔެފައި ވެއެވެ.

މޫދު ނަޖިހުން ތަޣައްޔަރުވެފައި އޮއްވާ ބޭނުންކުރުމުގެ ސަބަބުން ބަލިތައް ފެތުރޭނެކަން ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު، ޑރ. އަހްމަދު ފައިސަލް ވެސް ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ، މިކަމުގެ ސަބަބުން އެންމެ އާންމުކޮށް ފެތުރޭނީ ބޮޑުކަމުދިއުން ކަމަށެވެ.

"އެކަމަކު ހުން އައުމާ ހަންގަނޑު ސަކަރާތްވުން ފަދަ ކަންކަން ވެސް މިކަމުގެ ސަބަބުން ވަރަށް ގިނަފަހަރު ކުރިމަތިވޭ،" ފައިސަލް ވިދާޅުވިއެވެ.

ޓްރެކަކީ ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ގަވާއިދުން ފެތުމުގެ ކްލާސްތައް ނަގާ ތަނެކެވެ. ދޭތެރެއަކުން ދިމާވާ މި މައްސަލަ އޮއިވަރުގެ ސަބަބުން ހައްލުވިއަސް ނުވަތަ ސާފުކުރުމުން ހައްލު ވިއަސް ސްވިމިން އެސޯސިއޭޝަނާއި ތަން ބޭނުންކުރާ މީހުން އެދެނީ ދާއިމީ ހައްލަކަށެވެ. މިއީ މިހާތަނަށް ހައްލެއް ލިބިފައިނުވާ މައްސަލައެކެވެ.

comment ކޮމެންޓް