ފްލެޓު އެޅުމުގެ ނަމުގައި އެތައް ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލާގައި ދައުވާ އުފުލާފައިވާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު މޫސާ މުޙައްމަދު (އައްމަޓީ) ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ ކްރިމިނަލް ކޯޓުން ދީފައިވަނިކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ހައިކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފިއެވެ.
މީގެ ކުރިން އައްމަޓީގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް މިމަހުގެ ހަޔެއްގައި ކްރިމިނަލް ކޯޓުން އައްމަޓީގެ ޕާސްޕޯޓް ދޫކުރީ އޭނާގެ މައިބަދައިގެ އޮޕަރޭޝަނަކަށް ދާން އެދި ހުށަހެޅުމުންނެވެ. އެ ކޯޓުން ބުނީ އޭނާގެ ޕާސްޕޯޓު ދޫކުރަން ނިންމީ އެ ދުވަހުގެ ހަވީރު 5:00އިން ފެށިގެން މި މަހުގެ 26 ވަނަ ދުވަހުގެ ރޭގަނޑު 23:00އާ ހަމައަށް ކަމަށެވެ.
އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު އެ ކޯޓުން ނިންމާފައި ވަނީ، އެ މައްސަލަ ހައިކޯޓުގައި ހިނގަމުން ދަނިކޮށް އައްމަޓީ ފުރައިގެން ގޮސްފިނަމަ ކޯޓުގައި ކުރިއަށްދާ އިސްތިއުނާފުގެ މަގުސަދު ގެއްލިދާނެ ކަމަށް ބެލެވެން އޮތް ކަމަށެވެ.
އެހެންވެ، ހައިކޯޓުން ވަކި ގޮތެއް އަންގަން ދެން އައްމަޓީ ރާއްޖެއިން ބޭރަށް ފުރުން މަނާކުރުމަށް މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް އަމުރު ކުރާ ކަމަށް ހައިކޯޓުގެ ނިންމުމުގައިވެއެވެ.
އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން 2021 ވަނަ އަހަރު ރާއްޖެ ގެނައި އައްމަޓީ އޭގެ ފަހުން ހައްޔަރުގައި ބަހައްޓައި، އެކި ސަބަބުތަކާ ހެދި ތިން ފަހަރެއްގެ މަތިން ދޫކޮށްލާފައިވެއެވެ. އެންމެ ފަހުން ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށް ފަހުގައެވެ.
އޭރު ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ އައްމަޓީގެ ޕާސްޕޯޓު ހިފެހެއްޓުމަށާއި ކޯޓަށް ހާޒިރުވުމަށް އަންގާ ގަޑިއަށް ހާޒިރުވުމަށާއި ރަސްމީ ކޮންމެ ދުވަހެއްގެ 23:32އަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް ހާޒިރުވުމަށާއި ކޯޓުގެ ހުއްދަނެތި ޕާސްޕޯޓު އާ ނުކުރުމަށާއި ޓްރެވެލް ޑޮކިއުމަންޓް ހެއްދުމަށް ހުށަނޭޅޭނެ ކަމަށް އަންގާފައެވެ.
ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދުވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ފްލެޓް އެޅުމަށް، ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުުރުމުން، އެ އެއްބަސްވުމުގައިވާ މުއްދަތުގައި ފްލެޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އައްމަޓީގެ މައްޗަށްވަނީ 42 ދައުވާ އުފުލާފައެވެ.
އެ ދައުވާތަކަށް އައްމަޓީ އިންކާރު ކުރެއެވެ.
ސީލައިފް އެޕާޓްމަންޓް ގަތުމަށް ފައިސާދެއްކި މީހުންގެ ތެރެއިން އެޗްޑީސީއަށް ލިޔެކިޔުންތައް ހުށަހެޅި މީހުންނަށް ފައިސާ ރީފަންޑް ކޮށްދީފައިވާއިރު، އެމީހުންނަށް އެޗްޑީސީން ވަނީ ވިނަރެސް ފްލެޓުތަކުން އެޕާޓުމަންޓު ގަތުމުގެ ފުރުސަތު ދީފައެވެ.
އައްމަޓީގެ މައްޗަށް 42 ދައުވާއެއް އުފުލާފައިވާއިރު، އެ ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް ކަނޑައެޅޭނެ ކަމަށް ޕީޖީން ވަނީ މީގެކުރިން ބުނެފައެވެ.