އެމްއައިބީއިން ''އުޖާލާ ނައު'' ޕޯޓަލް ލޯންޗުކޮށްފި

އިސްލާމިކް ބޭންކް-- ސަން ފޮޓޯ/މުހައްމަދު މާވީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން އުޖާލާ ނައު ޕޯޓަލް ލޯންޗުކޮށްފިއެވެ.

އެމްއައިބީން ބުނީ އުޖާލާ ޕޯޓަލްއަކީ އެ ބޭންކުން މިހާރު ދެމުންގެންދާ ބޭންކިން ފައިނޭންޝަލް ފެސިލިޓީގެ ޚިދުމަތް ބޭންކުގެ ބްރާންޗަކަށް ދިޔުމެއް ނެތި، ޑިޖިޓަލްކޮށް ހޯދޭނެ ޕްލެޓްފޯމެއް ކަމަށެވެ.

މީގެއިތުރުން މި ޕޯޓަލް މެދުވެރިކޮށް، އައިއެމްބީއިން އެޕްރޫވް ކޮށްފައިވާ ފިހާރައަކުން ވިޔަފާރި ކުރެވޭނެ ކަމަށާއި ޕޯޓަލްއިން ވިޔަފާރީގެ ހުރިހާ ތަފްސީލްތައް ފެންނާނެ ކަމަށް އެ ބޭންކުން ބުންޏެވެ.

އެއީ، ވިޔަފާރި ކުރުމުގެ މުއާމާލަތްތަށް ފަސޭހަ ކަމާއެކު ކުރެވޭނެ ފައިނޭންޝިއަލް ސްކީމެއް ކަމަށް އެމްއައިބީން ބުންޏެވެ.

އުޖާލާގެ ދަށުން އަންނަ ސެގްމެންޓެއް ކަމަށްވާ އުޖާލާ ދިރިއުޅުން ޚާއްޞަ ކޮށްފައިވަނީ ލައިފްސްޓައިލް ޕޮރްޑަކްޓްތަކުގެ ވިޔަފާރި ކުރުމަށް ކަމަށް އެމްއައިބީން ބުންޏެވެ. އެގޮތުން، އުޖާލާގެ ދަށުން އަންނަ އުޖާލާ ކޭޝް ބޭނުންކުރެވޭނީ ޒަރޫރީ ހާލަތްތަކުގައި ރުފިޔާ ނެގުމަށް ކަމަށް އެމްއައިބީން ބުންޏެވެ.

އެމްއައިބީން ވަނީ އުޖާލާ ފައިނޭންސިން މެދުވެރިކޮށް މުހިންމު ކަންކަން ކުރުމަށް ފައިސާ ދޫކުރުމުގެ ޚިދުމަތް ވެސް ފަށައިފައެވެ. މި ޚިދުމަތުން އިންޓްރެސްޓާއެކު ފައިސާގެ ލޯނު ނެގުމުގެ ބަދަލުގައި ބޭސް ފަރުވާ ފަދަ ކޮންމެހެން ކުރަން ޖެހޭ ކަންކަން ކުރުމަށް ފައިސާ ލިބޭނެއެވެ.

ކުރިއަށް އޮތްތަނުގައި ވެސް އުޖާލާ ފައިނޭންސްގެ ދަށުން އިތުރު ޕޮރްޑަކްޓްތައް ލޯންޗު ކުރާނެ ދާނެ ކަމަށް އެމްއައިބީން ބުންޏެވެ.

އެމްއައިބީ އުޖާލާ ފައިނޭންސިން ފެސިލިޓީއަކީ ދިވެހިންގެ މެދުގައި މަގްބޫލު ފައިނޭންސިން ފެސިލިޓީއެކެވެ.

comment ކޮމެންޓް