އިންޓަ ސްކޫލް އެތުލެޓިކްސް މީޓް، ގްލޯބަލް ލިންކްސްއިން ސްޕޮންސާކޮށްފި

އެތުލެޓިކްސް އެސޯސިއޭޝަނުން އަންނަ މަހުގެ ހަތަރަކުން ހަތަކަށް އައްޑޫ ސިޓީގައި ބާއްވާ 17 ވަނަ ޑެއިލީ މިލްކް އެޓޯލް އިންޓަ ސުކޫލް އެތުލެޓިކްސް މީޓް، ގްލޯބަލް ލިންކްސްގެ ފަރާތުން ސްޕޮންސާކޮށްފި އެވެ.

މުބާރާތުގެ ސްޕޮންސާޝިޕް އެގްރިމަންޓްގައި ސޮއިކުރުމަށް އިއްޔެ ނަލަހިޔާ ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި އެތްލެޓިކްސް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެސޯސިއޭޝަންގެ ރައީސް މައިޒާން އަލި މަނިކް (އަލިބެ) ކެވެ. އަދި ގްލޯބަލް ލިންކްސްގެ ފަރާތުން ސޮއިކުރެއްވީ މާކެޓިން މެނޭޖާ މުޙައްމަދު ހަސަން މަނިކެވެ.

އިއްޔެގެ ރަސްމިއްޔާތަށް ފަހު، އެތްލެޓިކްސް އެސޯސިއޭޝަންގެ ކުރިޔަށް އޮތް ދައުރުގެ ރައީސްކަމަށް އިންތިހާބު ކުރެވިފައިވާ މުޙައްމަދު ތޮލާލް ވިދާޅުވީ، މިސޮއިކުރެވުނު ސްޕޮންސަރޝިޕްގެ ސަބަބުން މުބާރާތް އިތުރަށް ފުރިހަމަވެގެން ދާނެކަމަށް ގަބޫލު ކުރާ ކަމަށެވެ. އަދި މުބާރާތް އައްޑޫގައި ބޭއްވުމަށްޓަކައި އެ ސިޓީގެ ކައުންސިލުންގެ ފަރާތުން މިހާރުވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަ ކަމަށް ވެސް ތޮލާލް ވިދާޅުވި އެވެ.

ތޮލާލް ވިދާޅުވީ، ގްލޯބަލް ލިކްސް ޕްރައިވެޓް ލިމިޓެޑުގެ މެއިން ސްޕޮންސާއާ އެކު މިފަހަރުގެ މުބާރާތް އައްޑޫގައި ބާއްވަން ނިންމީ، މުބާރާތް ބާއްވާނެ ރަށެއް ކަނޑައެޅުމަށް ޓަކައި ހުޅުވާލި ފުރުޞަތުގައި އެންމެ ރަނގަޅު ހުށަހެޅުމަކާ އެކު އައްޑޫން ބިޑް ކާމިޔާބު ކޮށްފައި ވާތީ އެވެ. އަދި މުބާރާތް ކުޅުދުއްފުށީގައި ބޭއްވުމަށް އެރަށުން ވެސް ހުށަހެޅި ނަމަވެސް، ކުރިއަށް އޮތްތާގައި އުތުރުގެ ކޮންމެ ވެސް ރަށެއްގައި އެތުލެޓިސްގެ ކޮންމެ ވެސް ހަރަކާތެއް މިއަހަރުގެ ތެރޭގައި ކުރިއަށް ގެންދާނެ ކަމަށް ތޮލާލް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު