ސައުދީ އަރަބިއްޔާގައި މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލުން އުރާވާ ރެޑް ޑައިމަންޑްސް އާއި އަލް އަހްލީ ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ސެމީފައިނަލުން އޭޝިއާގެ ޗެމްޕިއަނުންގެ ހައިސިއްޔަތުން ވާދަކުރަމުންދާ ޖަޕާންގެ އުރާވާ ރެޑް ޖާގަހޯދީ ކްއާޓާ ފައިނަލްގައި އުތުރާއި ދެކުނު އެމެރިކާ ސަރަހައްދު ތަމްސީލް ކުރަމުންދާ މެކްސިކޯގެ ލެއޮން އާ ބައްދަލުކުރި މެޗު އެއް ލަނޑު ސުން ލަނޑުން ކާމިޔާބުކޮށްގެންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ލެއޮންއިން ބޯޅަ ގެންގުޅުނުއިރު ގިނަ ހަމަލާ އުފައްދާފައިވަނީ އުރާވާ ރެޑް އިންނެވެ. މި މެޗްގެ ފުރަތަމަ ހާފްގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ނަމަވެސް މެޗްގެ ފުރަތަމަ ހާފްގައި ލެއޮންއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މި މެޗްގައި އުރާވާ ރެޑް އިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗްގެ 78 ވަނަ މިނެޓްގައި ޖަހައި އެ ޓީމަށް ލީޑު ނަގައިދީފައިވަނީ އެ ޓީމަށް ކުޅޭ ނެދަލަންޑްސްގެ ފޯވަޑް އެލެކްސް ޝާލްކްއެވެ. އޭނާ މިލަނޑު ޖަހާފައިވަނީ ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރުވިތާ ފަސް މިނެޓް ފަހުންނެވެ.
މި މެޗްގެ 84 ވަނަ މިނެޓްގައި ލެއޮންގެ ކެޕްޓަން ވިލިއަމް ޓެސިޔޯއަށް ދެވަނަ ރީނދޫ ކާޑާއެކު ދެއްކި ރަތްކާޑާއެކު އެ ޓީމުން މެޗްގެ ފަހު ވަގުތު ކޮޅު ކުޅެފައިވަނީ އެއް ކުޅުންތެރިއެއް މަދުކޮށެެވެ.
މި ކާމިޔާބީއާއެކު އުރާވާ ރެޑް ޑައިމަންޑްސް މި މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދައިފާވާއިރު ސެމީ ފައިނަލްގައި މި އަންނަ އަންގާރަ ދުވަހު ބައްދަލުކުރާނީ ޔޫރަޕްގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއެވެ.
މި މުބާރާތުގެ ސެމީފައިނަލުން އެފްރިކާގެ ޗެމްޕިއަން އަލް އަހްލީ ޖާގަހޯދީ ސައުދީ އަރަބިއާގެ ޗެމްޕިއަން އަލް އިއްތިހާދާއި ކްއާޓާ ފައިނަލްގައި ވާދަކޮށް ތިން ލަނޑު އެއް ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ. މި މެޗްގެ ލީޑު އަލް އަހްލީ ނަގައިފާވަނީ މެޗްގެ 21 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުންނެވެ. މި ޕެނަލްޓީ އެޓީމަށް ކާމިޔާބު ކޮށްދިނީ އަލީ މާލޫލްއެވެ. މި މެޗްގެ ފުރަތަމަ ހާފްގައި ތަރިންގެ މައްޗަށް އެކުލެވޭ އަލް އިއްތިހާދަށް އެއް ވަރު ކުރާނެ ރަނގަލު ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް ކަރީމް ބެންޒީމާ ޖެހި ޕެނަލްޓީ ވަނީ ނާކާމިޔާބު ވެފައެވެ.
މި މެޗްގައި އަލް އަހްލީގެ ފަހު ދެ ލަނޑު ޖަހައިދީފައިވަނީ ހުސެއިން އެލް ޝާހަތު އާއި އިމާމް އަޝްރޫރްއެވެ. އަދި މި މެޗްގައި އަލް އިއްތިހާދުގެ ހަމައެކަނި ލަނޑު މެޗް އިތުރު ވަގުތުގައި ޖަހައިދިނީ ބެންޒީމާއެވެ. މި ކާމިޔާބީ އާއެކު އަލް އަހްލީ ސެމީފައިނަލްގައި ވާދަކުރާނީ ދެކުނު އެމެރިކާ ސަރަހައްދުގެ ޗެމްޕިއަން ބްރެޒިލްގެ ފުލުމިނެންސޭ އާއެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ މި އަންނަ ހޯމަ ދުވަހުއެވެ.