އިންގްލިޝް ޕްރިމިއާ ލީގުގައި ޓޮޓްނަމް ހޮޓްސްޕާ އާއި ނޮޓިންހަމް ފޮރެސްޓް ބައްދަލު ކުރި މެޗް ކާމިޔާބުކޮށް ގަދަ ހަތަރަކަށް އެރުމަށް ކުރާ އުންމީދު ސްޕާސްއިން ކޮށްފިއެވެ.
ފޮރެސްޓްގެ ދަނޑުގައި ރޭ ކުޅުނު މި މެޗް ސްޕާސްއިން ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު ސުން ލަނޑުންނެވެ. ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ސްޕާސްއިން ބޯޅަ ގެންގުޅުނުއިރު ގިނަ ހަމަލާ އުފައްދާފައިވަނީ ފޮރެސްޓް އިންނެވެ.
މި މެޗްގެ ފުރަތަމަ ހާފްގައި ރަނގަޅަށް ކުޅެފައިވަނީ ސްޕާސްއިންނެވެ. ނަމަވެސް މި ހާފްގައި އެ ޓީމްގެ ބްރެނަން ޖޯންސަން ވަނީ ބޮލަށް ލިބުނު އަނިޔާ އަކާ ގުޅިގެން ބާލަން ޖެހިފައެވެ.
މި މެޗްގައި ސްޕާސްއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު ޖަހައި، ލީޑު ނަގާފައިވަނީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ރިޗާލިސަންއެވެ. މިއީ އޭނާ އެންމެ ފަހުން ކުޅުނު ދެ މެޗްގައި ކާމިޔާބުކުރި ތިން ވަނަ ލަނޑެވެ. މި މެޗްގެ ދެވަނަ ހާފަށް ފޮރެސްޓް ނިކުތީ އެ ޓީމްގެ ކުޅުން ރަނގަޅުކޮށް މެޗުން ނަތީޖާއެއް ނެރުމުގެ އުންމީދާއެކުއެވެ. ނަމަވެސް ފޮރެސްޓަށް މި ހާފްގައި ހަމަލާ އުފެއްދުނު ނަމަވެސް އެ ހަމަލާތައް ރަނގަޅަށް ނިންމާލެވޭ ގޮތެއް ނުވިއެވެ.
މިހާފްގައި އެންތަނީ އަލާންގާ ލަނޑެއް ޖެހި ނަމަވެސް ވީއެއާރުން ބެލުމަށްފަހު ވަނީ އެއީ އޮފް ސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ. މި މެޗްގައި ސްޕާސްގެ ދެވަނަ ލަނޑު ޖަހައިދީ އެޓީމްގެ ލީޑު ފުޅާކޮށްދިނީ މެޗްގެ 65 ވަނަ މިނެޓްގައި ޑެޔާން ކުލުސޭވްސްކީ ޖަހާދިން ލަނޑުންނެވެ. މި ލަނޑު ކާމިޔާބު ކުރިތާ ފަސް މިނެޓްފަހުން ސްޕާސްގެ ޔީވަ ބިސޮއުމާއަށް ދެއްކި ރައްކާޑާއެކު މެޗްގެ ފަހު 20 މިނެޓް އެޓީމުން ކުޅެފައިވަނީ އެއް ކުޅުންތެރިއެއް މަދުކޮށެެވެ. ނަމަވެސް މިއާއެކުވެސް ފޮރެސްޓްއަށް އެކަމުގެ ފައިދާ ނެގޭގޮތެއްނުވިއެވެ.
މި ކާމިޔާބީއާއެކު ސްޕާސްއިން މިހާރު ވަނީ 17 މެޗުން ލިބިފައިވާ 33 ޕޮއިންޓާއެކު މި ވަގުތު ހަތަރު ވަނައިގާއޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާ ޕޮއިންޓްގެ ގޮތުން ހަމަހަމަ ކޮށްފައެވެ. އަދި ފޮރެސްޓް އުޅެނީ 14 ޕޮއިންޓާއެކު ތާވަލްގެ 16 ވަނައިގައެވެ. އެ ޓީމް އެންމެ ފަހުން ކުޅުނު 13 މެޗްގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުން ނެވެ. މިއާއެކު އެ ޓީމްގެ ކޯޗް ސްޓީވް ކޫޕާއަށް އޮތް ޕްރެޝަރު އަންނަނީ ބޮޑުވަމުންނެވެ.