ޝިލްޕާ އާއި ސިދާތު އަދި ވިވެކްގެ ވެބް ސީރީސް އަންނަ މަހު އެމޭޒަން ޕްރައިމްއަށް

ކާމިޔާބު ޑައިރެކްޓަރު ރޯހިތު ޝެޓީގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނި ރޯހިތު ޝެޓީ ޕިކްޗާސް އާއި ރިލަޔަންސް އެންޓަޓެއިންމަންޓު ގުޅިގެން އުފައްދާ ވެބް ސީރީސް "އިންޑިއަން ޕޮލިސް ފޯސް"ގެ އެމޭޒަން ޕްރައިމްގައި ރިލީޒްކުރާގޮތަށް ނިންމައިފިއެވެ.

ލީޑް ރޯލްއިން ބަތަލާ ޝިލްޕާ ޝެޓީ، ސިދާތު މަލްހޯތުރާ އަދި ވިވެކް އޮބްރޯއި ފެންނަ ކޮޕް އެކްޝަން ޑްރާމާ ފެށޭ އަހަރުގެ ޖަނަވަރީ މަހުގެ 19އިގައި އެމޭޒަން ޕްރައިމްގައި ރިލީޒް ކުރާކަން ވެސް މި ކުންފުނިން ވަނީ އިއުލާނުކޮށްފައެވެ.

ޑައިރެކްޓަރު ރޯހިތު ޝެޓީ އަދި އެކްޓަރު ސިދާތު މަލްހޯތުރާ
މި ވެބް ސީރީސް އަކީ ރޯހިތު އަދި ސިދާތް މަލްހޯތްރާގެ ކެރިއަރުގެ ފުރަތަމަ ވެބް ސީރީސްއެވެ. އެހެންވެ ރޯހިތުގެ ފުރަތަމަ ޑިޖިޓަލް ސީރީސްއަކީ ކޮލިޓީ ރަނގަޅު ބެލުންތެރިންނަށް ކަމުދާނެ ކޮންޓެންޓްތަކެއް ހިމެނޭ ސީރީސް އަކަށް ހެދުމަކީ ރޯހިތުގެ އެންމެ މުހިއްމު އެއް އަމާޒު ކަމަށް ކުޅަދާނަ ޑައިރެކްޓަރު ވަނީ ބުނެފައެވެ.

މި ވެބް ސީރީސްއަކީ ރޯހިތުގެ ޓީމުން މީގެ އެތައް އަހަރެއް ކުރިން ކުރި ވަރަށް ބުރަ މަސައްކަތާއި ކޮމިޓްމެންޓް ދައްކުވައިދޭނެ ސީރީސްއެއް ކަމަށް ރޯހިތު ވަނީ ބުނެފައެވެ. އިންޑިޔާގެ ފުލުހުންގެ ގުރުބާނީ އާއި ހިތްވަރު ދައްކުވައިދޭ މި އެކްޝަން ސީރީޒް ހުށަހަޅައިދިނުމަށް ޓަކައި ރޯހިތުގެ ކާސްޓާއި ކްރޫއިން ވަރަށް އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރިކަމަށްޓަކައި ސީރީސްގެ ޓީމަށް ރޯހިތު ވަނީ ޝުކުރު އަދާކޮށްފައެވެ.

ވެބް ސީރީސް "އިންޑިއަން ޕޮލިސް ފޯސް" ގެނެސްދޭނީ ޖުމްލަ ހަތް އެޕިސޯޑުގެ މައްޗަށެވެ. ޝިލްޕާ ޝެޓީ އާއި ސިދާތު އަދި ވިވެކް އޮބޮރޯއިގެ އިތުރުން ޓެލެވިޒަން ބަތަލާ ޝްވޭތާ ތިވާރީ އަދި ލަލިތު ޕަރިމޫ މި ސީރީސްގެ މުހިއްމު ރޯލްއިން ފެންނާނެއެވެ.

comment ކޮމެންޓް