އިންޑިއާގެ އެންމެ ކާމިޔާބު ބަތަލާއިންގެތެރޭ ހިމެނޭ ކާޖޮލް މިހާތަނަށް ކުޅުނު ފިލްމުތަކުގައި ޖިސްމާނީ ގޮތުން ގޯނާކުރާ ނުވަތަ ފުރައްސާރަކުރާ މަންޒަރު ހުރުމުން ހިތްހަމަނުޖެހޭ ކަމަށް ބަތަލާ ބުނެފިއެވެ.
އެހެންވެ ކުރިމަގުގައި ފިލްމުތަކަށް ސޮއިކުރާއިރު އެފަދަ މަންޒަރު ހިމެނޭ ސްކްރިޕްޓްތަކަށް ނޫނެކޭ ބުނަން ނިންމާފައިވާ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ނެޓްފްލިކްސްގެ ފިލްމު އެކްޓާސް ރައުންޑް ޓޭބަލް 2023ގައި ވާހަކަ ދައްކަމުން ބަތަލާ ބުނީ މީގެކުރިން އެފަދަ މަންޒަރުތައް ހިމެނޭ ގިނަ ފިލްމުތަކުގައި މަސައްކަތް ކުރެވިފައި ހުރި ކަމަށެވެ. އެ މަންޒަރުތައް ކުޅެނީ އެކްޓަރުން ކަމަށްވިޔަސް އެކްޓަރުންނަކީ ވެސް އިންސާނުންކަމަށް ވެފައި އެހެން މީހުންގެ އެ ހުންނަ އިހުސާސްތައް އެކްޓަރުންނަށް ވެސް ކުރެވޭ ކަމަށެވެ. އެފަދަ މަންޒަރު ތަކުން ހިތަށް ބޮޑު ނުތަނަވަސް ކަމެއް ގެނުވާކަމަށް ކާޖޮލް ވަނީ މި މަޝްވަރާ ކުރިޔަށް ދިޔަ މޭޒުދޮށުގައި ބުނެފައެވެ.
ފުރައްސާރަ ކުރާ މަންޒަރު ހިމެނޭ ކާޖޮލްގެ ފާހަގަ ކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "އިޝްޤް"، "ބާޒީގަރު"، އަދި "ދުޝްމަން" ހިމެނެއެވެ.

ކާޖޮލް ފިރިމީހާ/އެކްޓަރު އަޖޭ ދޭވްގަން އާއެކު
ކާޖޮލް ދާދިފަހުން ފެނުނު ނެޓްފްލިކްސް އެންތޮލޮޖީ ފިލްމު "ލަސްޓް ސްޓޯރީޒް2"ގައި ވެސް ބަތަލާ ކުޅެފައި ވަނީ ފިރިމީހާގެ ފަރާތުން ޖިންސީ ފުރައްސާރައާ އަނިޔާވެރިކަން ކުރިމަތިވި އަންބެއްގެ ރޯލެވެ. އެ ފިލްމުގައި އެ މަންޒަރުތައް ތަފުސީލުކޮށް ނުދެއްކި ނަމަވެސް ކެރެކްޓާ ފިލްމުގައި ފެންނައިރު ދައްކަނީ ބޭރުން ފެންނަ ޒަޚަމްތަކާ އެކުގައެވެ.
މިފަދަ މަންޒަރު ތަކަކީ ހަޤީޤަތުގައި ވެސް ވަރަށް ހިތްދަތި އިހުސާސް ތަކެއް ކުރުވާ މަންޒަރު ތަކެއް ކަމުން ކިތަންމެ މޮޅު ސްކްރިޕްޓެއް ލިބުނަސް އެފަދަ މަންޒަރު ދެން ނުކުޅޭނެކަން ކާޖޮލް ވަނީ އިއުލާނުކޮށްފައެވެ.
ކާޖޮލް އެންމެ ފަހުން ފެނިފައި ވަނީ ޑިޒްނީ ހޮޓްސްޓާގައި ރިލީޒްކުރި ކެރިއަރުގެ ފުރަތަމަ ވެބް ސީރީސް "ދަ ޓްރަޔަލް – ޕިޔާރް، ޤާނޫނު" އިންނެވެ. ކާޖޮލް އަންނަނީ ބަތަލާ ކްރިތީ ސެނޮންގެ ޕްރޮޑަކްޝަން ހައުސްއިން އުފައްދާ ފުރަތަމަ ފިލްމު "ދޯ ޕައްޓީ"ގައި ވެސް މަސައްކަތް ކުރަމުންނެވެ.