ޔުއޭފާ ޔޫރޮޕާ ލީގުގެ ދެވަނަ ބުރުން ވިޔަރެއާލް ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ދެވަނަ ބުރުން ވިޔަރެއާލް ޖާގަ ހޯދީ ގްރޫޕް އެފްގައި ރެންއާއި ރަށުން ބޭރުގައި ބައްދަލުކުރި މެޗު 2-3ގެ ނަތީޖާއަކުން ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނަ ކަށަވަރު ކޮށްގެންނެވެ.
މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑު ނެގީ މެޗުގެ 36ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ވިޔަރެއާލެވެ. މި ޕެނަލްޓީ އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޖެރާޑް މޮރޭނޯއެވެ.
އޭގެފަހުން ރެން އިން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ލޮރެންޒޯ އެސައިނޮންއެވެ.
މި މެޗުގައި ވިޔެރެއާލް އިން ދެވަނަ ފަހަރަށް ލީޑު ނެގީ މެޗުގެ 62ވަނަ މިނެޓްގައި އިލްޔާސް އަހޮމާޗް ޖަހައިދިން ލަނޑުންނެވެ. މި މެޗުގައި ރެން އިން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ މެޗުގެ 79ވަނަ މިނެޓްގައި ލުޑޮވިޗް ބްލާސް ޖަހައިދިން ލަނޑުންނެވެ.
އޭގެފަހުން ވިޔަރެއާލަށް ތިންވަނަ ގޯލު ޖަހައިދިނީ ޑަނީ ޕަރޭހޯއެވެ. މިލަނޑާއެކު މެޗު ނިމެން ދަނިކޮށް މެޗުގެ 101ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމަކުން ރެން އިން ލަނޑެއް ޖަހިއެވެ. ނަމަވެސް އެ ގޯލު ބަލައިގެންފައެއް ނުވެއެވެ.
އެއީ އެންޒޯ ލެ ފީ ޖެހި ހިލޭ ޖެހުން ގޯލްގެ ދަނޑީގައި ޖެހި އަލުން އޭނާއަށް ލިބުމުން ބޯޅަ ގޯލްގެ ތެރެއަށް ވެއްދީމައެވެ.
ފުޓްބޯޅަ ގަވައިދު ބުނާގޮތުން ހިލޭ ޖެހުމެއްގައި ޖަހައި ކުޅުންތެރިޔާ އެހެން ކުޅުންތެރިއެއްގެ ގައިގާ ބޯޅަ ނުޖެހެނިސް ބޯޅައިގައި ޖަހައިފިނަމަ އިދިކޮޅު ޓީމަށް ނުސީދާ ހިލޭ ޖެހުމެއް ލިބެއެވެ.
މިފަހަރު ބޯޅަ ދަނޑީގައި ޖެހުނު ނަމަވެސް އެހެން ކުޅުންތެރިއެއްގެ ގައިގާ ނުޖެހޭތީ ރެފްރީ ނިންމީ ގޯލެއް ނޫންކަމަށެވެ.
މި ކާމިޔާބީއާއެކު ވިޔަރެއާލުން ދެވަނަ ބުރަށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދަތުރު ކުރި އިރު ރެން ދެވަނަ ބުރަށް ގޮސްފައިވަނީ ދެވަނަ ޓީމުގެ ގޮތުގައެވެ. މިއާއެކު ރެން އަށް ޖެހިފައިވަނީ ޕްލޭ އޮފް ކުޅޭށެވެ.