ވެސްޓް ހޭމްއިން ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޔޫރޮޕާ ލީގުގެ ދެވަނަ ބުރުން ޖާގަ ހޯދައިފި

ވެސްޓް ހޭމްގެ ދެވަނަ ލަނޑު އަލްވަރޭޒް ކަމިޔާބުކޮށްދެނީ / ފޮޓޯ: ދި ޓެލެގްރާފް

ޔުއޭފާ ޗެމްޕިއަންސް ލީގު ގްރޫޕް އޭގައި ވެސްޓް ހޭމް ޔުނައިޓެޑާއި އެސްސީ ފްރެއިބާގް ބައްދަލުކުރިމެޗު ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ވެސްޓް ހޭމްއިން ދެވަނަ ބުރުން ޖާގަހޯދައިފިއެވެ.

ވެސްޓް ހޭމްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމު ކާމިޔާބު ކުރީ 0-2ގެ ނަތީޖާއަކުންނެވެ.

މި މެޗަށް ނިކުތްއިރު 12 ޕޮއިންޓުން ދެ ޓީމު އެއްވަރުވެފައިވުމުން ގްރޫޕްގެ އެއްވަނަ ހޯދާ ޕްލޭ އޮފް ނުކުޅެ ސީދާ ދެވަނަ ބުރުން ޖާގަހޯދުމަށް ޓަކައި މި މެޗު ދެ ޓީމަށް ވެސް ވަރަށް މުހިންމު މެޗަކަށްވިއެވެ.

މި މެޗުގެ ފުރަތަަމަ ލަނޑު ވެސްޓް ހޭމްއިން ކާމިޔާބުކޮށް ލީޑު ނަގީ މެޗުގެ 14ވަނަ މިނެޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މުހަންމަދު ކުޑޫސްއެވެ.

އަދި އެ ޓީމުގެ ދެވަަނަ ލަނޑު މެޗުގެ 42ވަނަ މިނެޓްގައި ޖަހައި ލީޑު ފުޅާކޮށްދިނީ އެޑްސަން އަލްވަރޭޒްއެވެ. މިއީ މި ސީޒަންގައި އަޔެކްސް އެމްސްޓަޑަމްއިން ވެސްޓް ހޭމް އަށް ބަދަލުވި ފަހުން އޭނާ ކާމިޔާބު ކުރި ފުރަތަމަ ލަނޑެވެ.

މި މެޗުގެ ފަހު ހާފްގައި ފަރެއިބާގްއިން އެ ޓީމުގެ ކުޅުން ރަނގަޅު ކުރި ނަމަވެސް ވެސްޓް ހޭމްގެ ގޯލް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ވެސްޓް ހޭމްގެ ކޯޗް ޑޭވިޑް މޮއޭސް ބުނީ ޕްލޭއޮފް ނުކުޅެ ދެވަނަ ބުރުން ޖާގަ ހޯދުމަކީ ވަރަށް ހިތްހަމަ ޖެހުނު ކަމެއް ކަމަށެވެ.

އެއީ ޕްލޭއޮފް ކުޅެން ޖެހޭނަމަ އިތުރު ދެ މެޗު އިތުރަށް ކުޅެން ޖެހޭނެތީއެވެ. މި ކާމިޔާބީއާއެކު ވެސްޓް ހޭމްއަށް ވަނީ ހަ މެޗުން 15 ޕޮއިންޓް ލިބިފައެވެ.

އަދި ފްރެއިބާގްއަށް ޖެހިފައިވަނީ ދެވަނަ ބުރުގައި ޕްލޭ އޮފްގައި ވާދަކުރާށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު