ކުރިން ދެ ލޯބިވެރިންގެ ގޮތުގައި އުޅުމަށްފަހު މިހާރު ވަކިވެފައިވާ ބޮލީވުޑްގް ފިލްމީ ތަރިން ކަމަށްވާ ސާރާ އަލީ ޚާންއާއި ކާތިކް އާރިޔަން، ފިލްމު "ބޫލް ބުލައްޔާ3"އަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ކާތިކް އާރިޔަންގެ ފިލްމީ ކެރިއަރުގެ އެންމެ ބޮޑު ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފިލްމު "ބޫލް ބުލައްޔާ3"އަށް ސާރާ ސޮއިކޮށްފައިވާއިރު ފިލްމުގެ މަސައްކަތް ފެށޭ އަހަރުގެ ފެބްރުއަރީ މަހު ފަށަން ނިންމާފައިވާކަމަށް ވެސް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
ބުޝަން ކުމާރު ޕްރޮޑިއުސްކޮށް އަނީސް ބަޒްމީ ޑައިރެކްޓްކުރާ މި ފިލްމުގެ ބަތަލާގެ ގޮތުގައި ފެންނާނީ ފިލްމުގެ ދެވަނަބައިން ވެސް ފެނިގެންދިޔަ ކިއާރާ އަދްވާނީ ކަމަށް މީގެ ކުރިން ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
މީގެ ކުރިން ކާތިކްއާ އެކު ސާރާ ވަނީ 2020 ވަނަ އަހަރު ރިލީޒްވި ލޯބީގެ ފިލްމު "ލަވް އާޖްކަލް"ގައި އެކީގައި މަސައްކަތް ކޮށްފައެވެ. މި ފިލްމުގެ މަސައްކަތް ކުރިއަށްދިޔަ ދުވަސްވަރު ކާތިކާއި ސާރާގެ ލޯބީގެ ގުޅުމުގެ ވާހަކަ ވަރަށް ބޮޑަށް ފެތުރުނެވެ. ފިލްމު "ލަވް އާޖްކަލް"އަށް ސޮއިކުރުމުގެ ކުރިން ވެސް ސާރާ ވަނީ ޕްރޮޑިއުސަރު 'ކޮފީ ވިތު ކަރަން'ގެ އެޕިސޯޑެއްގައި ކާތިކާ ގަޔާވާ ކަމަށް އެއްބަސްވެފައެވެ.
"ލަވް އާޖްކަލް"އަށް އުއްމީދުކުރިވަރާ ގާތަށް ވެސް ބެލުންތެރިންގެ ތަރުހީބު ނުލިބި ބޮކްސް އޮފީހުގައި ފިލްމަށް ކުރިމަތިވީ ނާކާމިޔާބީއާއެވެ.
ދެ ތަރިންގެ ލޯބީގެ ގުޅުމަށް ނިމުން އައި ނަމަވެސް ރަޙްމަތްތެރި ކަމުގެ ގުޅުން ދެ މީހުންގެ ދެމެދުގައި އަބަދު ވެސް އޮންނާނެ ކަމަށާއި ފިލްމީ ކެރިއަރުގައި ކުރިއަށް ދިއުމުގައި ދެ މީހުން ވެސް އެކަކު އަނެކަކަށް އެއްބާރުލުން ދޭނެކަމަށް ދެ މީހުން ވެސް ވަނީ ބުނެފައެވެ.
ފިލްމު "ބޫލް ބުލައްޔާ3"ގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހު ފަށަން ނިންމާފައިވާއިރު 2024ވަނަ އަހަރުގެ ދިވާލީ ފެސްޓިވަލާ ދިމާކޮށް ފިލްމު ސިނަމާތަކަށް ގެންނަން ވަނީ ނިންމައިފައެވެ.