ވިޔަފާރިވެރިންގެ ތެރެއިން މިސްކިތް ބިނާކުރަން ޝައުގުވެރިވާ މީހުންނަށް މިހާރު އެ ފުރުސަތު ހުޅުވައިލައިފައި ވާކަމަށް އިސްލާމީ ކަންކަމާ ބެހޭ ވަޒީރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، ވިޔަފާރިވެރިންގެ ތެރެއިން އެކަކު، ނުވަތަ ގިނަ ބަޔަކު ވެގެންވެސް މިސްކިތެއް އަޅަންބޭނުންވާ ނަމަ، ބިން ހަމަޖައްސައިދީ، އެ ނޫން އިދާރީ ފަސޭހަތައް ވެސް ހަމަޖައްސައި ދިނުމަށް މިނިސްޓްރީން ނިންމައިފައިވާ ކަމަށެވެ.
އެގޮތުން ރަށްރަށާއި، އަތޮޅުތަކުގެ އިތުރުން، ސިޓީތަކުގައިވެސް މިސްކިތް ބިނާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ހުޅުވައިލައިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ވިޔަފާރިވެރިން ނުވަތަ ތަނަވަސް މީހުންގެ ހަރަދުގައި މިސްކިތްތައް ބިނާ ކުރުމަކީ ޒަމާނުންސުރެއް ރާއްޖޭގައި ކޮށް އުޅޭ ކަމެކެވެ. އެގޮތުން ވިޔަފާރިވެރިން ބިނާކޮށްފައިވާ މިސްކިތްތައް މާލޭގެ އިތުރުން އަތޮޅުތެރޭގައި ވެސް ވަރަށް ގިނައެވެ.
ޗަމްޕާ އާއިލާގެ އަލިފުޅު ތުއްތު ފައުންޑޭޝަނަކީ އެގޮތަށް އެންމެ ގިނައިން މިސްކިތް އިމާރާތް ކުރާ އެއް ފަންޑޭޝަނެވެ. އެ ފައުންޑޭޝަނުން އެއް ޑިޒައިނަކަށް ބިނާ ކޮށްފައިވާ ގިނަ އަދަދެއްގެ މިސްކިތް ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރެއެވެ.
އަމިއްލަ ހަރަދުގައި މިސްކިތްތައް އިމާރާތް ކުރާ މީހުންނަށް ޓެކްސްގެ ލުއިތައް ފަދަ ބައެއް ލުއިތައް ދައުލަތުން ދެއެވެ.