ގިނަ ބަޔަކު ސްކްރީނުން އެކީގައި ފެންނަން ބޭނުންވާ ދެ ފިލްމީ ތަރިން ކަމަށްވާ އަޖޭއާއި ތައްބޫގެ ލޯބީގެ ޑްރާމާ ފިލްމު ރިލީޒްކުރުން އަންނަ އަހަރަށް ތާވަލުކޮށްފިއެވެ.
ނީރާޖް-ޕާންޑޭ ޑައިރެކްޓްކުރާ ފިލްމު "އޯރޯ މޭ ކަހާ ދަމް ތާ"ގެ ޓައިޓްލް ޕޯސްޓަރު ޢާއްމުކުރުމަށް ފަހު ފިލްމު އަންނަ އަހަރުގެ އޭޕްރީލް މަހުގެ 26ވަނަ ދުވަހު ސިނަމާތަކަށް ގެންނާނެކަން ވަނީ އިއުލާނުކޮށްފައެވެ.
އެކީގައި ކާމިޔާބު ގިނަ ފިލްމުތައް ކުޅެފައިވާ އަޖޭ އާއި ތައްބޫއަކީ ފިލްމީ ދާއިރާއާ ގުޅުމުގެ ކުރިން ވެސް ވަރަށް ގާތް ދެ ރަޙްމަތްތެރިންނެވެ. ފިލްމު "ދްރިޝްޔަމް"އަށް ފަހު އަޖޭ އާއި ތައްބޫގެ އޮން ސްކްރީން ޖޯޑަށް ގިނަ ބައެއްގެ ތަޢުރީފު ލިބުނުއިރު އޭގެ ފަހުން ދެ ތަރިން އެކީގައި ކުޅުނު ފިލްމުތަކުގެ ތެރޭ "ބޯލާ"، "ގޯލް މާލް" އަދި ހެއްވާ މަޖާ ފިލްމު "ދޭ ދޭ ޕިޔާރު ދޭ" ހިމެނެއެވެ. ފިލްމު "އޯރޯ މޭ ކަހާ ދަމް ތާ"އިން އަޖޭ ދޭވްގަން އަދި ބަތަލާ ތައްބޫއާ އެކު "މޮހައްބަތޭން"އިން މަޝްހޫރުވި އެކްޓަރު ޖިމީ ޝެރްގިލް ވެސް ފެންނާނެއެވެ.

ބަތަލާ ތައްބޫ އާއި އަޖޭ ފިލްމު 'ދްރިޝްޔަމް'ގެ ޕޯސްޓަރެއް
އެން އެޗް ސްޓޫޑިއޯއިން ގެނެސްދޭ މި ފިލްމަކީ، އަ ފްރައިޑޭ ފިލްމު ޕްރޮޑަކްޝަން ކިޔާ ކުންފުންޏަކާ ގުޅިގެން ޑައިރެކްޓަރު ނީރަޖް-ޕާންޑޭ އުފައްދާ ފިލްމެކެވެ. އިންޑިއާއަށް އޮސްކާ އެވޯޑް ހާސިލުކޮށްދިން މިއުޒިކް ޑައިރެކްޓަރު އެމްއެމް ކީރާ ވަނީގެ ހިތްގައިމު މިއުޒިކް އެކުލެވޭ މި ފިލްމަކީ ވަރަށް ހިތްގައިމު މިއުޒިކަލް ލޯބީގެ ވާހަކައެއް ކިޔައިދޭނެ ފިލްމެއްކަމަށް ނީރަޖް ވަނީ ބުނެފައެވެ.
ފިލްމުގެ ވާހަކައިން 2002 ވަނަ އަހަރާއި 2023 ވަނަ އަހަރުތެރޭގެ ލޯބީގެ ދަތުރަކަށް ބެލުންތެރިން ގެންގޮސްދޭނެކަމަށް ތަޖުރިބާކާރު ޑައިރެކްޓަރު ވަނީ ބުނެފައެވެ. ނީރަޖް-ޕާންޑޭގެ މަގުބޫލު ފިލްމުތަކުގެ ތެރޭ "އަ ވެނިސްޑޭ"، "ސްޕެޝަލް 26" އަދި ފިލްމު "އެމްއެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ" ހިމެނެއެވެ.