މި މަހުގެ 26ވަނަ ދުވަހު ނެޓްފްލިކްސްގައި ރިލީޒްކުރުމަށް ތާވަލުކުރެވިފައިވާ ފިލްމު "ކޯ ގަޔޭ ހަމް ކަހާން"ގެ ޓްރެއިލާ އާއްމުންނަށް ދައްކާލައިފިއެވެ.
ބަތަލާ އަނަނިޔާ ޕާންޑޭ، ސިދާތު ޗަތުރުވެދީ އަދި އާދާޝް ގޯރަވް ލީޑު ރޯލުން ފެންނަ މި ފިލްމަކީ ތިން ރަޙްމަތްތެރިންގެ އެކުވެރި ބަދަހި ގުޅުން ދައްކުވައިދޭ އެ ގުޅުންތައް ހީނަރުވުމަށް މެދުވެރިވާ ސަބަބުތައް ފެންނާނެ ފިލްމެކެވެ.
މި ފިލްމަކީ، މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު ފަރުޚާން އަޚްތަރުގެ ފިލްމު ކުންފުނި އެކްސެލް އެންޓަޓެއިންމެންޓާއި ޓައިގާ ބޭބީ ފިލްމްސް ގުޅިގެން ނެޓްފްލިކްސްއަށް ތައްޔާރުކުރާ ފިލްމެކެވެ.
މި ފިލްމުގައި ރަޙުމަތްތެރިކަމުގެ ގުޅުންތަކުގެ މައްޗަށް ކާމިޔާބު ފިލްމުތައް އުފައްދާފައިވާ ޑައިރެކްޓަރު ޒޯޔާ އަޚްތަރު އަދި ރީމާ ކާގްތީގެ ރަހަތައް ވެސް ހިމެނޭނެކަމަށް އެކްސެލް އެންޓަޓެއިންމަންޓުން ވަނީ ބުނެފައެވެ. ފިލްމު "ކޯ ގަޔޭ ހަމް ކަހާން" އުފައްދާފައި ވަނީ މި ޒަމާނުގެ ސޯޝަލް މީޑިއާ ވަސީލަތްތަކާ އެކު ޓެކްނޮލޮޖީގެ ވަސީލަތްތައް ތަޢާރަފުވުމުން ރަޙްމަތްތެރިންގެ ގުޅުންތަކަށް އަންނަ ބަދަލުތައް ވެސް ދައްކުވައިދެވޭ ފަދަ ގޮތަކަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ފިލްމު 'ކޯ ގަޔޭ ހަމް ކަހާން'ގެ މަންޒަރެއް
ފިލްމުގެ ވާހަކައާ ބެހޭގޮތުން މި ފިލްމުގެ ލީޑް ތަރިން ވެސް ބުނެފައި ވަނީ މިއީ މި ޖީލުގެ ޒުވާނުންނަށް ކޮންމެހެން ވެސް ކިޔައިދިނުން މުހިއްމު ވާހަކައެއް ކަމަށެވެ.
މި ފިލްމަކީ، ބަތަލާ އަނަނިޔާ ޕާންޑޭ އާއި ސިދާތު ޗަތުރަވެދީގައި އެކީގައި މަސައްކަތް ކުރާ ދެވަނަ ފިލްމެވެ. ދެ ތަރިން އެކީގައި ފެނުނު ފިލްމު "ގެހެރައިޔާން" އަކީ ޒުވާނުންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލުވި ފިލްމެކެވެ.