"ރަމަޟާން މަސް އަންނަންދެން ތިބާ ދުނިޔޭގައި ހުންނާނެކަމަކީ އެއްވެސް އިންސާނަކަށް އެނގޭނެކަމެއް ނޫނެވެ. ހެޔޮ އަމަލުތައް ކޮށް ތައުބާވުމަށް ރަމަޟާން މަސް އަންނަންދެން ލަސްނުކޮށް މިހާރުއްސުރެ ހެޔޮކަންތައްތަ ކުރުމަށް އަވަސްވެގަންނާށެވެ."
***
"އިޓްސް ޝޮކިން...އަހެދް ނުވެސް ރޮއި.."ޖޫރީ ބޯ ހޫރައިލިއެވެ.
"ރުޔަސް ފެންނާނީ ކިހިނެއް؟"އަލްބާން އެހިއެވެ.
"ތިވާހަކަ ނުދައްކަފާނަންތަ؟މީހުންގެ ޕާސަނަލް ކަންތައްތަކެއްނު އެހުންނަނީ. އެގާލްއާއި މާމަގެ ރިލޭޝަންޝިޕް އޮތްގޮތެއްވެސް ނޭގެއެއްނު..އެކީ އުޅުނަސް އަދި ނޭގޭ ކަންތަކެއް ހުރެދާނެ.............."މުރުތަސިމް ފޯނާއި ކުޅެން ހުރެފައި ބުނެލިއެވެ. އެންމެންވެސް މަންމަ އެދިގެން ޖަނާޒާގައި ބައިވެރިވިއެވެ. ގެއަށް އައިއިރުވެސް އައްޒަހްރާއާއި އަހެދްއެރީ އެހެން ކާރަކަށެވެ.
"އެންމެ ދެރަވާ ކަމެއް އެނގޭތަ؟" ޖޫރީ އެންމެނަށް ގޮވާފައި ސަމާލުކަން އަތުލަން މަސައްކަތްކުރިއެވެ.
"ޖޫރީ....މިވަގުތަކު ނޫން...." ޖޫރީ އަށް ބުނަން އުޅުނު ވާހަކަ ދައްކަން ފުރުސަތު ނުދިނުމަށް މުރުތަސިމް ބޭނުންވިއެވެ. އެއީ ޖޫރީ ގެ މިޒާޖު ހުންނަގޮތުން ބައެއް ފަހަރު ހާލަތާއި ނުބައްދަލު ވާހަކަތައް ދައްކަފާނެތީއެވެ. އަދި މުރުތަސިމް އެއްވެސް މީހެއްގެ ޒާތީ ވާހަކަތަކާއި މީހުން ނެތްތާ އެމީހެއްގެ ވާހަކަތައް ދައްކާ ސައްލާ ކުރުމަކީ ވަރަށް ނުރުހޭ ކަމަކަށް ވާތީވެސްމެއެވެ.
"އޯކޭ....ފައިން..." ޖޫރީ ރަކި ވުމުން ކުޑަކޮށް މުރުތަސިމް ދެކެ ރުޅިވެސް އައެވެ. އަލްބާން ހުރީ ޖޫރީ ދައްކަން ބޭނުންވީ ކޮން ވާހަކައެއްތޯ ބެލުމަށް ވަރަށް ބޭނުންވެފައެވެ.
އަހެދް އަވަސް ހިނގުމުގައި އިސް ޖަހާލައިގެން ހުރެ ކޮޓަރިޔަށް ވަނެވެ. އަހެދް ކޮޓަރިޔަށް ވަނުމާއެކު ހުރިހާ ކުދިންވެސް މިސްރާބުޖެހީ އައްޒަހްރާގެ ކޮޓަރިޔާއި ދިމާލަށެވެ. މަންމަގެ އެ މަޑުމައިތިރި ފިޔަވަޅުތަކުގެ ފަހަތުންނެވެ. ފެންކަޅިވެފައި ހުރި އެ މޫނުމަތީން ފެންނަނީ މާޔޫސް ކަމެވެ.
"މަންމާ...އޯކޭތަ؟ ފެންތައްޓެއް ގެނެސްދީބަލަ ޖޫރީ" ޒަވިޔާ ވަރަށް ކަންބޮޑުވުމާއެކު އައްޒަހްރާގެ ފިނިވެފައިވާ އަތުގައި ހިފައި އެނދުގައި އިށީނދެލިއެވެ.
ޖޫރީ ނުދާން ހުރެފައިވެސް ފެން ތަށްޓެއް ބަލައި ދިޔައީ ޒަވިޔާ ލޯ އަޅާލުމުންނެވެ. "ދެންން...އަބަދު ޖޫރީ ނުލާ ހުރިހާ ވާހަކަ ދައްކަން އެންމެން ބޭނުންވާނީ...ޔަގީން ކޮންމެވެސް ސީކްރެޓް ވާހަކައެއް ދައްކާނެކަން..ފެން ތައްޓޭ ކިޔައި ފައްސާލީނު...ވަރަށް ފޫހިވޭ" ޖޫރީ ތުން ދަމާލައި ވައި އަޑުން ކުދި ކިޔާލީ ފެން ތަށި ބަލާ ދަމުންނެވެ.
"މަންމަ ރަނގަޅު...ދަރިފުޅުމެން ހާސް ނުވޭ...މަންމަ އެބަ އޮތް ވާހަކައެއް ބުނަން، ޖޫރީ ފެން ތަށި ހިފައިގެން އައީމާ ދައްކާނީ..." އައްޒަހްރާ އެ މާޔޫސްވެފައިވައި މޫނުމައްޗައް ލުއި ހިނިތުންވުމެއް ވެރިކޮށްލަމުން ބުނެލިއެވެ.
މުރުތަސިމްގެ ފޯނަށް މެދުކެނޑުމެއްނެތި އަންނަމުން ދިޔަ ނޯޓިފިކޭޝަންތަކުގެ އަޑުން އެންމެންގެ ސަމާލުކަމަށް ގެނުވިއެވެ. އެންމެންވެސް މުރުތަސިމް ގެ މޫނަށް އެއްފަހަރާ ބެލީ ސުވާލުމާކެއް ފަދައިންނެވެ. ޒަވިޔާ އާއި އަލްބާން އަށް ވެސް ޖަނާޒާއިން ގެޔަށް އައި މަގުމަތީގައި މުރުތަސިމް ގެ ލޯ ފޯނުން ވަކި ނުވާކަން ފާހަނގަ ވެފައިވެއެވެ. އެންމެންގެ ލޯތައް މުރުތަސިމް އާއި ދިމާއަށް ހުރުމުން އެއީ ކޮންކަމެއްކަން ބުނެދިނުމަށް މުރުތަސިމް އަށް މަޖުބޫރުކުރުވިއެވެ.
"އިޓްސް ވޯކް....އެހާ ބޮޑު ކަމެއް ނޫން...ފްލައިޓް ސްކެޖިއުލްގަ މައްސަލައެއް އުޅޭތީވެ.." މުރުތަސިމް ހެދީ ދޮގެވެ.
"އަނހަ ޖޫރީ އައީނު.....މި ކިހާ އިރެއްތަ...ފެން ބަލައި ދިޔައީ މިސްކިތު ވަޅަށްތަ؟"އަލްބާން ސަމާސާކޮށްލިއެވެ.
"އަލްބާން....ޖޫރީ އާއި އަބަދު ދިމާ ނުކުރެބަލަ...އެއީ މަންމަގެ ޖަވާހިރެއް ފަދަ ލޯބި ކަނބުލޮ...ކަނބުލޮ ނައިސްގެން މަންމަ މިހިރީ ވާހަކަ ނުފެށިފަ.............." ޖޫރީ ފެން ތަށި ދިއްކޮށްލުމުން ކައިރީ އިށީނުމަށް އެދުނެވެ. ޖޫރީ ހެވި ދިލިފައި އަލްބާންގެ މޫނަށް ބަލައިލީ ޖެއްސުމުގެ ފާޑަށެވެ. އައްޒަހްރާގެ ދެފަރާތުގައި ޖޫރީ އާއި ޒަވިޔާ ތިބި އިރު މުރުތަސިމް އާއި އަލްބާން ތިބީ ކޮޓަރީގައި ހުރި ސޯފާގައި އިށީނދެލައިގެންނެވެ. އައްޒަހްރާ ފެންތަށިން ކޯވަރެއް ބޯލުމަށް ފަހު ވާހަކަ ފެށިއެވެ.
"މަންމަ ދައްކަން މި އުޅޭ ވާހަކަ އަކީ ވަރަށް މުހިންމު ވާހަކައެއް. މަންމަ ބޭނުމީ އަހެދް މިގޭގަ ބަހައްޓަން. އަހެދް ބަލާނެ އިތުރު ފަރާތެއް މިދުނިޔެއަކު ނެތް..." އައްޒަހްރާގެ އަޑުގައި ފުން އަސަރުތަކެއްވިއެވެ.
"ވަޓް...ކޮބާތަ އެކުއްޖާގެ މަންމަ؟ އަހެދް ބޭނުންވޭތަ މިގޭގަ އުޅެން މިހުރިހައި ކަމެއް ވީއިރުވެސް..............." ޖޫރީ އަށް ލިބުނު ހައިރާންކަމުގައި ބުނެލެވުނެވެ.
"ކޮން ކަމެއް ވީ އިރު؟" އަލްބާން ފުރުސަތުގެ ބޭނުން ކޮށް އަވަހަށް އެނގެން ބޭނުންވީ ޒަވިޔާ ނޫނީ މުރުތަސިމް ޖޫރީ އަށް އެއްޗެއް ބުނުމުގެ ކުރީންނެވެ.
"އެއީ....ޖޫ އަށް ހީވަނީ އަހެދް ހުރީ ހިތްހަމަނުޖެހިފަހެން...އެއީ" ޖޫރީގެ ވާހަކަ މެދުކެނޑުނީ އައްޒަހްރާގެ ސުވާލުކުރުމުންނެވެ.
"އެ ކީއްވެ؟....އަހެދް ހިތްހަމަނުޖެހޭ ގޮތައް މިގެއިން އެއްވެސް މީހަކު ކަންތައް ކޮށްގެން ނުވާނެ............" އައްޒަހްރާ ވަރަށް ކެތްމަދުކަމާއެކު ވާހަކަ ދެއްކުމުން އެންމެންވެސް ހައިރާންކުރުވިއެވެ. އެއީ އޭނާގެ މަޑުމައިތިރި މިޒާޖާ ނުގުޅޭ ސިފައަކަށް ވުމުންނެވެ. ކިތަންމެ ބޮޑު ކަމެއް ދިމާވިޔަސް އޭނާގެ މޫނުމަތީން މިއަދު ފެންނަމުންދާ ހާސްކަމެއް ފެނިފައިނުވެއެވެ.
"އެއީ ދޮންބެ...މި ބުނީ އަހެދް ބުނި މާމަގެ ކަންތައް ލައިޓްކޮށޭ ނެގީ ޑޮކްޓަރ...އެ ބުނީ ދޮންބެ ވާހަކަ...ކުޑަކޮށް ފާޑަކަށްހުރެ ބުނީވެސް...ވެދާނެ ޖޫރީއަށް ހީވި ގޮތް ކަމަށް...ބަޓް ޖޫރީ ބުނީމޭ ދޮންބެ ވަރަށް މޮޅު ވާނެއޭ.........................." ވަރަށް ނުކެރިފައި ހުރެ ޖޫރީ ބުނެލިއެވެ.
"ޖޫރީ...ޖޫރީ ކޮން ދުވަހަކުތަ ތިހާ ގޮސިޕް އާންޓީ އަކަށް ވީ. ސަކީނާއްތަ ގެ ފޮތުން ކިޔަވައިގެން....ހީވި ހީވީ އޭ ކިޔައިގެން ވާހަކަދެއްކުން ހުއްޓާލަން ވެއްޖެއެއްނު...މި ވާހަކަ އިތުރަށް ދައްކަން ނެތިން ދެން....މަންމަ ބޭނުންވަނީ އަހެދް މިގޭގަ ބަހައްޓަން ކަމުގަ ވަނީ ނަމަ އައިމް ފައިން ވިތް އިޓް...މަންމަ ބޭނުން ގޮތެއް..." މުރުތަސިމް ވަރަށް ހަރުކަށި އަޑަކުން ވާހަކަ ދައްކާލުމަށް ފަހު ކޮޓަރިން ނިކުމެގެން ދިޔައީ ނުރުހުންތެރިކަމާއެކުއެވެ.
ފެން ކަޅިވެފައި ހުރި ޖޫރީ ދުއްވައިގަތީ އޭނާގެ ކޮޓަރިއަށެވެ. އަލްބާން ދިޔައީ ޖޫރީ ފަހަތުން ހުއްޓުވުމަށެވެ. ޖޫރީ އާއި ކިތަންމެ ސަމާސާ ކުރިޔަސް ޖޫރީ ހިތުގަ ޖެހި ރޮވެން އަލްބާން ގެ ހިތް ނޭދެއެވެ. އަމިއްލަ ނަފްސާ ސުވާލުކުރަމުން ދިޔަ ޒަވިޔާ އަތުގައި ހިފައި ބާރުކޮށްލުމަށް އައްޒަހްރާ ވިސްނައިދިނީ އެކަމާ ހާސް ނުވުމަށެވެ. އަދި ޒަވިޔާއަށް ކުރާ އިތުބާރު ހާމަކޮށްދިނެވެ. މަރަކީ އިންސާނުންގެ އަތުގައި ވާއެއްޗެއް ނޫންކަން އައްޒަހްރާ ގަބޫލުކުރެއެވެ. ސަބީހާއަށް ދެވެން އޮތް ފަރުވާ ވެއްޖެއްޔާ ދޭން ޒަވިޔާ މަސައްކަތް ކުރިކަން އައްޒަހްރާ ހިތުގެ އަޑިން ގަބޫލުކުރިއެވެ. އަދި އެކަންތައް ވީވެސް ހަމަ އެފަދައިންނެވެ.
***
މޫނު ފޮތި ކޮޅާއި ބުރުގާ އަދި އަތް ފޮރުވުމަށް ލައްވާފައި އަންގި އެއްލާލުމަށް ފަހު އެނދަށް ވެއްޓިގަތް އަހެދް ގެ ލޮލުން ކަރުން އޮއްސާލީ ފެން އިސްކުރެއް ފަދައިންނެވެ. ހުއްޓުމެއްނެތި ލޮލުން އޮހެމުން ދިޔަ ކަރުނައަކީ ހިތުގައި ހިފަހައްޓާލައިގެން ހުރި ވޭނެވެ. އެނދުމަތީގައި އޮތް ބާލީސް އެ ހޫނު ކަރުނަތަކުން ތެންމާލަން ހިނދުކޮޅެއްވެސް ނުނަގައެވެ. ހިތުގައި އަޅަމުން ދިޔަ ވޭން ދިޔައީ ބޮޑުވަމުންނެވެ. އަތުން މޭމައްޗައް ފިތާލައި ބާރުކޮށްލެވުނީ ރިހުން ހުއްޓުވުމަށެވެ. ޖަނާޒާގައިވެސް އެ ލޮލުން އެންމެ ކަރުނައެއް ވެސް ފާއްދާނުލީ މީހުން ތިބުމުންނެވެ. އަހެދް ދެކޭ ގޮތުގައި މީހުން ކުރިމަތީ ރުއިމަކީ މީހާ ދެރަ ކޮށްލާ ބަލިކަށި ކޮށްލާނޭ ކަމެކެވެ. އަދި އައްޒަހްރާ އާއި އޭނާގެ އާއިލާ ކުރިމަތީ ރުއިމަކީ އަހެދް އެންމެ ބޭނުންނުވާނެ ގޮތެވެ. މާމަ ގެއްލުމުން އެކަނިވެރިކަން އިހުސާސް ވަމުންދިޔަ އަހެދް އަށް ނޭވާ ހާސްވެ ކުރުވަމުން ދިޔައެވެ. މޭމައްޗައް ބާރުވެ ފިތޭ ގޮތް ވުމުން ތެދުވެ ނޭވާލާން މަސައްކަތް ކުރުމުންވެސް ނޭވާ ނުލެވުނެވެ.
"އާ....ސުބްޙާނަﷲ...އިޒް ދިސް ވަޓް ޑެތް ފީލްސް ލައިކް...." އަހެދް އަށް ވަމުންދިޔަ ގޮތުން ހީވީ މަރާކުރިމަތިލެވެނީ ހެންނެވެ. ހޭވެރިކަން ގެއްލެމުންދިޔަ އެހެދް އަށް ދޮރުގައި ޖަހަމުން ދިޔަ ޓަކީގެ އަޑު ފަނޑުވަމުން ދިޔައެވެ.
ހަތަރު ވަރަކަށް ފަހަރު ޓަކި ޖެހުމުންވެސް ދޮރު ހުޅުވާނުލުމުން ކަމެއް ގޯސްވެއްޖެ ކަން އައްޒަހްރާގެ ހިތް ބުނަމުންދިޔައެވެ. އެއްޗެއް ވެއްޓުނު އަޑު އިވުމުން ޔަގީން ވިއެވެ. ދޮރު ތަޅުގައި ހިފީ ތަޅުނުލައި ހުރެދާނެ ކަމށް ނޫނަސް ނަސީބު ދިމާކުރިގޮތުން ހުޅުވުނެވެ. ބިންމަތީ އަޅާފައިވާ ހުދު ރަގު މަތީ ވެއްޓިފައި އޮތް އަހެދް ފެނުމުން އައްޒަހްރާގެ ހިތް ގެބުނެވެ. އައްޒަހްރާގެ މޫނު ފެނުނު މުރުތަސިމް އަށްވެސް ދުއްވައިގަނެވުނީ އެ ކޮޓަރީގެ ދޮރާ ދިމާގައި ހުރި އޭނާގެ މަންމައަށް އެހީވުމަށެވެ.
"ދަރިފުޅާ....އަހެދް...." އައްޒަހްރާ އިޝާރާތުން ދައްކާލީ ވެއްޓިފައި އޮތް އަހެދް އެވެ. މުރުތަސިމް އަހެދް އަށް އެހީވުމަށް އަވަސްވެގަތެވެ. އައްޒަހްރާ އަވަސް ހިނގުމުގައި ޒަވިޔާ އަށް ގޮވުމަށް ދިޔައެވެ.
ރަތް ކުލަ އާއި ރަން ކުލައިގެ ދެމެދަށް ވާ ހިތްގައިމު ވިދާ ކުލައެއްގެ އިސްތަށިކޮޅުތައް އެ ހުދު ކަފަކޮޅެއް ފަދަ މޫނަށް އެޅިފައިވިއެވެ. ހިތި ފަތު ބުމައިގައި ވެސް ހުރީ ހަމަ އެ އިސްތަށިގަނޑުގައިވީ ކުލައެވެ. އެ މޫނު މަތީގައިވީ ދުވަހަކު އަވީގެ ހޫނެއް އިހުސާސްވެފައި ނެތް ސާފު ބިއްލޫރިކޮޅެއް ފަދައިންނެވެ. ކޯތާފަތަށް އެޅިފައިވީ ކަރުނައިގެ މުތީތައްވެސް ބަބުޅަމުން ދިޔައެވެ. މަޑު ފިޔާތޮށި ކުލައިގެ ތުންފަތް ވަނީ ކުޑަކޮށް ޒަޙަމް ވެފައެވެ. މުރުތަސިމްގެ ލޯ އެ މޫނާ ވަކިކުރަން އުނދަގޫ ކުރުވިއެވެ. އަދި އެ ހިތް ހަމްދަރުދީން ފުރުނީ އަހެދްގެ ރިހުން އިހުސާސް ވީ ފަދައިންނެވެ.
ނުނިމޭ