ޖީޕީޓީ-4އަށް ވުރެ ބާރުގަދަ ކަމަށް ބުނެ، ގޫގުލްއިން ޖެމިނައި ދައްކާލައިފި

އޯޕަންއޭއައިގެ ޖީޕީޓީ-4އަށް ވުރެ ފަސް ގުނަ ބާރުގަދަވާނެ ކަމަށް ބުނެ ގޫގުލްއިން އެކުންފުނީގެ އޭއައި ބޮޓް ޖެމިނައި އިއްޔެ ދައްކައިލައިފިއެވެ.

"ޖެމިނައިއަށް އަހަރެމެންގެ ވަށައިގެންވާ ދުނިޔެ ދެނެގަނެވޭނީ އަހަރެމެން ކަންތައް ކުރާ ގޮތަށް،" މޮޑެލް އުފެއްދި ގޫގުލްގެ އެލީޓް އޭއައި ލެބް، ޑީޕްމައިންޑްގެ ބާނީ ޑެމިސް ހަސަބިސް ވިދާޅުވިއެވެ.

ގޫގުލްއިން ބުނާ ގޮތުގައި ޖެމިނައިއަކީ ޖީޕީޓީ-4ގެ ކޮމްޕިއުޓޭޝަނަލް ޕަވާގެ ފަސް ގުނަ ބާރު ލިބިފައިވާ އެއްޗެކެވެ. އަދި ޖެމިނައިއަކީ އޭއައި މޮޑެލްތަކުގެ ޢިލްމާއި މައްސަލަ ހައްލުކުރުމުގެ ޤާބިލުކަން ދެނެގަތުމުގެ އެންމެ މަގުބޫލު އެއް ގޮތް ކަމުގައިވާ އެމްއެމްއެލްޔޫ (މެސިވް މަލްޓިޓާސްކް ލެންގުއޭޖް އަންޑަސްޓޭންޑިން)ގައި އިންސާނީ މާހިރުންގެ މައްޗަށް ކުރި ހޯދި ފުރަތަމަ މޮޑެލްއެވެ.

ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުން ފެށިގެން ގޫގުލް ކްލައުޑްގެ އޭޕީއައި މެދުވެރިކޮށް ޑިވެލޮޕަރުންނަށް މި މޮޑެލް ލިބެން ފަށާއިރު، އަންނަ އަހަރު މިއަށްވުރެ ބާރުގަދަ ވާޝަނެއް ތައާރަފްކުރުމަށް ހަމަޖެހިފައިވާ ކަމަށް ގޫގުލްއިން ބުނެއެވެ.

ގޫގުލްގެ އެލީޓް އޭއައި ލެބް، ޑީޕްމައިންޑްގެ ބާނީ ޑެމިސް ހަސަބިސް

ތިން ސައިޒަކަށް އަންނަ ޖެމިނައިއަކީ ޑޭޓާ ސެންޓަރުތަކުން ފެށިގެން މޮބައިލް ޑިވައިސްތަކާ ހަމައަށް ތަފާތު ޕްލެޓްފޯމްތަކުގައި ހަރުދަނާގޮތެއްގައި، ޓެކްސްޓް، ކޯޑް، އޯޑިއޯ، އިމޭޖް އަދި ވީޑިއޯ ފަދަ ތަފާތު ވައްތަރުގެ މައުލޫމާތު އެއްކޮށްލެވޭ އެއްޗެކެވެ.

ގޫގުލް ޖެމިނައިއަކީ ގޫގުލް ރިސާޗުން އުފެއްދި އެކްސްޕެރިމެންޓަލް ކޮންވަޒޭޝަނަލް އޭއައި ސިސްޓަމެކެވެ. މިދިޔަ އަހަރު އިފްތިތާހުކުރި ޖެމިނައި ފަރުމާކޮށްފައި ވަނީ ވެބް ޗެޓް އިންޓަފޭސް މެދުވެރިކޮށް ތަފާތު މައުޟޫއުތަކަށް ވާހަކަ ދައްކާ ގޮތަށެވެ.

މި ސިސްޓަމްގައި އެޑްވާންސްޑް މެޝިން ލާނިން ޓެކްނިކްސް ކަމަށްވާ ޓްރާންސްފޯމަސް އަދި ރިއިންފޯސްމަންޓް ލާނިން ބޭނުންކޮށްގެން ވާހަކަ ދައްކައި، އެ ދައްކާ ވާހަކަތަކުގެ ސަބަބުތައް ވެސް ހާމަކުރެއެވެ.

ޖެމިނައި އުފެއްދުމުގައި އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދީފައި ވަނީ ކުރީގެ އޭއައި ކޮންވަޒޭޝަނަލް އެޖެންޓުންނާ އަޅާ ބަލާއިރު، ބާރުގަދަ ވާޝަންއަކަށް ހެދުމަށެވެ.

ޖެމިނައިއަކީ، މައުލޫމާތު މުއްސަނދި ވާހަކަތައް ދެއްކޭނެ އޭއައި އެސިސްޓެންޓުން އުފެއްދުމަށް ގޫގުލްއިން ކުރާ މަސައްކަތްތައް ރަމްޒުކޮށްދޭ އުފެއްދުމެކެވެ.

comment ކޮމެންޓް