ސަރުކާރުގެ ޚަރަދުގައި ހައްޖަށް ފޮނުވާ މީހުން ހޮވާނީ ޒަކާތް ހައްގުވާ ފަގީރުންގެ ލިސްޓުން ގުރުއަތު ނަގައިގެން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމުގައި 1،000 މީހުން ހިލޭ ހައްޖަށް ފޮނުވުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދުފުޅެކެވެ. އިއްޔެ އެ މަނިކުފާނު ވަނީ މި އަހަރު 50 މީހުން ހިލޭ ހައްޖަށް ފޮނުވާނެ ކަމަށް ވިދާޅުވެފައެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ރޭ ޝަހީމް ވިދާޅުވީ، ޒަކާތް ހައްގުވާ މީހުންނަކީ ހައްޖުގެ އަޅުކަން އަދާކުރުމުގެ ހައްގު ވެސް އޮންނާނެ މީހުން ކަމަށެވެ.
އޭނާ ވިދާޅުވީ، ހައްޖަށް ފޮނުވާ މީހުންގެ ގުރުއަތު ނަގާނީ މީޑިއާތަކާއި އެންމެންނަށް ފެންނަ ގޮތަށް، އިސްލާމިކް މިނިސްޓްރީން އެކުލަވައިލާ އުސޫލެއްގެ މަތިން ކަމަށެވެ. އަދި ކޮންމެ އަހަރެއްގެ ފަގީރުންގެ ލިސްޓަކީ އަދާހަމަކުރާ ލިސްޓެއް ކަމަށާއި، ކޮންމެ އަހަރަކު ވެސް ހައްޖަށް ފޮނުވާނީ އާ ބަޔަކު ކަމަށް ޝަހީމް ވިދާޅުވިއެވެ.
"މި ގުރޫޕް މި ނަގަނީ ފަރުޟު ހައްޖު ކުރަން މީހުން. ތަކުރާރުކޮށް ހައްޖުކޮށްފައި ތިބި މީހުންނަކަށް އެ ލިސްޓަކަށް ނޭރޭނެ އެއީ ސަރުކާރުން މި އެހީވަނީ ފަރުޟު ހައްޖު ކުރުމަށް،" ޝަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން ހައްޖު ކޯޓާ އިތުރުކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރިޔާސީ ކެމްޕެއިން ތެރޭގައި ރައީސް ޑރ. މުއިއްޒު ވަނީ ހައްޖު ކޯޓާ 2،000އަށް އިތުރުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ހައްޖަށް ދިޔުމަށް ސައުދީ އަރަބިއާއިން އާންމުކޮށް ރާއްޖެއަށް ދެނީ 1،000 ކޯޓާއެވެ.