ނަތަންޔާހޫގެ ޚިޔާނާތުގެ ޝަރީއަތް އަލުން ފަށައިފި

އިސްރާއީލުގެ ރައިސް ބެންޖަމިން ނަތަންޔާހޫ. ނަތަންޔާހޫގެ މައްޗަށް ކޮށްފައިވާ ޚިޔާނާތުގެ ޝަރީއަތުގެ މައްސަލަ ވަނީ އަލުން ފަށާފައި. ފޮޓޯ/ދަ ޓެލްގްރާފް

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް ކޮށްފައިވާ ޚިޔާނާތުގެ މައްސަލައިގެ ޝަރީއަތް ދެ މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު ހޯމަ ދުވަހު އަލުން ފަށައިފިއެވެ.

އަލުން ޝަރީއަތް ފެށިއިރު ޝަރީއަތުގެ މަޖިލީހަށް ނަތަންޔާހޫ ހާޒިރުވެވަޑައިގެންފައެއް ނުވެއެވެ.

ނަތަންޔާހޫގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލާފައެވެ. އެ މައްސަލަތައް ކޯޓަށް ވައްދާފައި ވަނީ 2019 ވަނަ އަހަރުއެވެ.

ޚިޔާނާތުގެ މައްސަލައިގެ ފުރަތަމަ އަޑުއެހުން އޮތީ 2020 ވަނަ އަހަރުގެ މެއި މަހުގެ 24 ވަނަ ދުވަހުއެވެ. އޭގެ ފަހުން ޝަރީއަތް މެދުކަނޑާލައިލައިފައި ވަނީ ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެންނެވެ.

އޭގެ ފަހުން އަދިވެސް އަޑުއެހުންތައް ހުއްޓިފައި އޮތީ ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތުން އޮކްޓޫބަރު ހަތް ވަނަ ދުވަހު އިސްރާއީލާ ދެކޮޅަށް ދިން ވަރުގަދަ ހަމަލަތަކާ ގުޅިގެންނެވެ.

ނަތަންޔާހޫގެ މައްޗަށް ދައުވާ އުފުލާފައިވާކަން އިސްރާއީލުގެ އެޓާނީ ޖެނެރަލް އިއުލާނުކޮށްފައި ވަނީ 2019ވަނަ އަހަރު ނޮވެމްބަރު މަހުއެވެ. އެ ދައުވާތައް ހުށަހަޅައިފައިވަނީ "ކޭސް 1000"، "ކޭސް 2000" އަދި "ކޭސް 4000" ގެ ނަމުން ނަންދީގެނެވެ.

"ކޭސް 1000"ގެ ނަން ދީފައިވާ މައްސަލައަކީ ރިޝްވަތުގެ ގޮތުގައި ލިބިފައިވާ މުދަލުގައި ހިފުމާ ގުޅިގެން ކޮށްފައިވާ ދައުވާއެކެވެ.

މި މައްސަލައިގައި ނަތަންޔާހޫގެ އިތުރުން އޭނާގެ އަނބިކަނބަލުން ސާރާއާ ދެކޮޅަށް ވެސް ވަނީ ދައުވާ ކޮށްފައެވެ.

އެ ދެ ބޭފުޅުންނަށް ރިޝްވަތު ހުށަހަޅައިފައި ވަނީ ހޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރެއް ކަމުގައިވާ އާނަން މިލްކަންގެ އިތުރުން އޮސްޓްރޭލިޔާގެ ބިލިޔަނަރެއް ކަމުގައިވާ ޖޭމްސް ޕެކާ ކަމުގައި ތުހުމަތު ކުރެވެއެވެ.

އެ ދެ މީހުންގެ ތެރެއިން ސިޔާސީ ގޮތުން މަންފާއެއް ހޯދުމަށް ނަތަންޔާހޫއަށް ރިޝްވަތު ދިން ކަމަށް ޕެކާ ވަނީ 2020 ވަނަ އަހަރު އެއްބަސްވެސްވެފައެވެ.

އެ މައްސަލަ ސާބިތުވެއްޖެނަމަ، ނަތަންޔާހޫއާއި އޭނާގެ އަންހެނުންގެ މައްޗަށް 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވޭނެއެވެ.

"ކޭސް 2000" އަކީ ނަތަންޔާހޫއަށް ސަނާ ކިޔައި ޚަބަރުތައް ގެނެސްދިނުމަށް އިސްރާއީލުގެ ނޫހެއް ކަމަށްވާ ޔެޑިއޮތު އަހްރޮނޮތް ނޫހަށް ރިޝްވަތުދިން މައްސަލައެކެވެ.

"ކޭސް 4000"އަކީ ނަތަންޔާހޫއާއި އޭނާގެ އަންހެނުންގެ ވާހަކަތައް ގެނެސްދިނުން ޝަރުތުކޮށް އިސްރާއީލުގެ ޓެލްކޮމިޔުނިކޭޝަން ކުންފުންޏަކަށް ރިޝްވަތު ދީފައިވާ މައްސަލައެކެވެ.

އެ ދެ މައްސަލަ ސާބިތުވެއްޖެ ނަމަ، ކޮންމެ މައްސަލައަކަށް ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވޭނެއެވެ. ނަމަވެސް، މި ދައުވާތަކުން ބަރިއްޔަވާން ނަތަންޔާހޫ ގެންދަނީ މަސައްކަތް ކުރަމުންނެވެ.

އިސްރާއީލުގެ އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކުރެއްވި ނަތަންޔާހޫ ވަނީ އިސްރާއީލުގެ ސިޔާސީ ބޭފުޅުން ވެރިކަމަށް ގެނެސް، ފަލަސްތީނުގެ ބިންތަކުގައި ގަވާއިދާ ޚިލާފަށް އާބާދުވުން ފައްޓައިދީފައެވެ.

comment ކޮމެންޓް