ފިލްމަކަށް އެއްބަސްވާއިރު ކެޓްރީނާއަށް އެންމެ މުހިއްމީ ސްކްރިޕްޓު

ކެޓްރީނާ ކެއިފް

ފިލްމަކަށް އެއްބަސްވުމުގެ ކުރިން އެ ސްކްރިޕްޓެއްގެ އުފެއްދުންތެރިކަމަށް ބުރަވާ ކަމަށް ބަތަލާ ކެޓްރީނާ ކައިފް ބުނެފިއެވެ.

ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި ޑިމާންޑު ބޮޑު ބަތަލާއިންގެ ތެރޭ ހިމެނޭ ކެޓްރީނާގެ ދިގު ފިލްމީ ކެރިއަރުގައި މީގެ ކުރިން ސްކްރިޕްޓަށް ނުވިސްނާ ގިނަ ފިލްމުތަކަކަށް މަސައްކަތް ކުރެވިފައިވާނެ ކަމަށް ބަތަލާ ވަނީ ބުނެފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ކެޓްރީނާއަށް ރަނގަޅު ހުށަހެޅުމެއް ސްކްރީނުން ދެއްކުނު ނަމަވެސް ސްކްރިޕްޓްގައި އޮށްޓަރެއް ނެތުމުން ގިނަ ފިލްމުތަކަށް ނާކާމިޔާބީއާ ކުރިމަތިވި ކަމަށް ވެސް ކެޓްރީނާ ވަނީ ބުނެފައެވެ.

ފިލްމު "ޒިންދަގީ ނާ މިލޭންގީ ދޮބާރާ"، "ދޫމް" އަދި "ޖަބް ތަކް ހެ ޖާން" ފަދަ ފިލްމުތަކުން ފެނިފައިވާ ބަތަލާގެ ނަސޭހަތަކީ ފިލްމީ ތަރިއެއްގެ ހައިސިއްޔަތުން ސްކްރިޕްޓްތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށެވެ. ހަމައެކަނި ފައިސާގެ ބޭނުމުގައި ފިލްމަކަށް ސޮއިކުރުމަށް ވުރެ ބޮޑަށް ފިލްމީ ތަރިންގެ ފެންވަރު އޯޑިއަންސަށް ދައްކައިލަން ލިބޭނެ ހަމައެކަނި ގޮތަކީ ރަނގަޅު ސްކްރިޕްޓްތައް ބެލުމަށް ފަހު ފިލްމަށް އެއްބަސްވުން ކަމަށް 40 އަހަރުގެ ބަތަލާ ވަނީ ބުނެފައެވެ.

ކެޓްރީނާ ކައިފް ފިރިމީހާ ވިކީ ކޯޝަލާ އެކު

ދާދި ފަހުން ފިލްމު "ޓައިގާ3"އިން ފެނުނު ބަތަލާ ބުނީ އަމިއްލަ ކެރިއަރު ކުރިއެރުވުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރެވިއްޖެ ކަމަށާއި އަމިއްލަ ފިލްމުތަކުގެ ހުށަހެޅުންތަކަށް ޚުދު ކެޓްރީނާ އަމިއްލައަށް ވެސް ފާޑުކިޔާ ކަމަށެވެ. މި ނިމުނު ނޮވެމްބަރު މަހު ރިލީޒްވި ފިލްމު "ޓައިގާ3"އަށް ބޮކްސް އޮފީހުގައި މިހާތަނަށް 400 އަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައިވާއިރު މި ފިލްމުގައި ކެޓްރީނާގެ ވަރަށް ވަރުގަދަ އެކްޝަން ސީންތަކެއް ހިމެނެއެވެ.

ބޮލީވުޑްގެ މަގުބޫލު އެކްޓަރު ވިކީ ކޯޝަލްގެ އަންހެނުން ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ފެށޭ އަހަރުގެ ޖަނަވަރީ މަހުގެ 12ވަނަ ދުވަހު ރިލީޒްކުރުމަށް ތައްޔާރަށް އޮތް ފިލްމު "މެރީ ކްރިސްމަސް"އިންނެވެ. ސައުތު އެކްޓަރު ވިޖޭ ސެތުޕަތީއާ އެކު ކެޓްރީނާ ލީޑް ރޯލުން ފެންނާނެ މި ފިލްމަކީ ލޯބީގެ ރަހަތަކާ އެކު ގެނެސްދޭ ވަރުގަދަ ތުރިލާއެކެވެ.

comment ކޮމެންޓް