އެންބީއޭ ބާސްކެޓް ބޯޅަ މުބާރާތުގައި މިލްވައުކީ ބަކްސް އާއި އެޓްލާންޓާ ހޯކްސް ބައްދަލުކުރި މެޗް ބަކްސް ކާމިޔާބުކޮށްފިއެވެ.
މިލްވައުކީގެ ފިސާވް ފޯރަމްގައި ކުޅުނު މިމެޗް ބަކްސް ކާމިޔާބުކޮށްފައިވަނީ 132 ޕޮއިންޓް 121 ޕޮއިންޓުންނެވެ. ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗްގައި ބަކްސްގެ ޖިއާނިސް އެންޓެޓޮކޮއުމްޕޯވަނީ 32 ޕޮއިންޓް ހޯދައިދީ 11 ރީބައުންޑް ނަގައިދީ 10 އެސިސްޓްކޮށް ޓްރިޕްލް ޑަބަލްއެއް ހަދައިފައެވެ. މިމެޗުގައި ހޯކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 32 ޕޮއިންޓް ހޯދައިދީ ދެ ރީބައުންޑް ނަގައިދީ 12 އެސިސްޓް ދިން ޓްރެއި ޔަންގްއެވެ.
މި މުބާރާތުގައި މިނެސޯޓާ ޓިމްބާވުލްވްސް އާއި ޗާލޮޓް ހޯނެޓްސް ބައްދަލުކުރިމެޗް 123 ޕޮއިންޓް 117 ޕޮއިންޓުން ކާމިޔާބުކުރީ ޓިމްބާވުލްވްސްއެވެ. މިމެޗުގައި ވުލްވްސްގެ ކާލް އެންތަނީ ޓައުންސް ވަނީ 28 ޕޮއިންޓް ހޯދައިދީ ހަތް ރީބައުންޑް ނަގައިދީ ފަސް އެސިސްޓް ކޮށްފައެވެ. އަދި ހޯނެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 23 ޕޮއިންޓް ހޯދައިދީ ހަ ރީބައުންޑް ނަގައިދީ ހަތް އެސިސްޓް ދިން ޓެރީ ރޮޒްލާއެވެ.
މީގެ އިތުރުން އޮކްލޮހޯމާ ސިޓީ ތަންޑާ އާއި ޑެލަސް މެވްރިކްސް ބައްދަލުކުރިމެޗް 126 ޕޮއިންޓް 120 ޕޮއިންޓުން ކާމިޔާބުކުރީ ތަންޑާއެވެ. މިމެޗްގައި ތަންޑާއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 23 ޕޮއިންޓް ހޯދައިދީ 5 ރީބައުންޑް ނަގައިދީ ފަސް އެސިސްޓް ދިން ޖަލެން ވިލިއަމްސްއެވެ. އަދި މެވްރިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 36 ޕޮއިންޓް ހޯދައިދީ 15 ރީބައުންޑް ނަގައިދީ 18 އެސިސްޓް ދީ ޓްރިޕްލް ޑަބަލްއެއް ހެދި ލޫކާ ޑޮންޗިޗްއެވެ.
މިމުބާރާތުގައި ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު ލޮސް އެންޖަލިސް ކްލިޕާސް އާއި ގޯލްޑަން ސްޓޭޓް ވޮރިއާސް ބައްދަލުކުރިމެޗް 113 ޕޮއިންޓް 112 ޕޮއިންޓްގެ ކުޑަ ތަފާތަކުން ކްލިޕާސް ކާމިޔާބުކުރިއިރު ކްލީވްލަންޑް ކެވެލިއާސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރިމެޗް 110 ޕޮއިންޓް 101 ޕޮއިންޓުން ކާމިޔާބު ކުރީ ކެވެލިއާސްއެވެ.
ބްރޫކްލިން ނެޓްސް އާއި އޯލާންޑޯ މެޖިކް ބައްދަލުކުރިމެޗް 129 ޕޮއިންޓް 101 ޕޮއިންޓުން ނެޓްސް ކާމިޔާބު ކުރިއިރު ޝިކާގޯ ބުލްސް އާއި ނިއުއޯލިއަންސް ޕެލިކަންސް ބައްދަލުކުރިމެޗް 124 ޕޮއިންޓް 118 ޕޮއިންޓުން ކާމިޔާބުކޮށްފައިވަނީ ބުލްސްއެވެ. އިންޑިއާނާ ޕޭސާސް އާއި މައޭމީ ހީޓް ބައްދަލުކުރި މެޗް 144 ޕޮއިންޓް 129 ޕޮއިންޓުން ޕޭސާސް ކާމިޔާބު ކުރިއިރު ފީނިކްސް ސަންސް އާއި މެމްފިސް ގްރިޒްލީސް ބައްދަލުކުރި މެޗް 116 ޕޮއިންޓް 109 ޕޮއިންޓުން ކާމިޔާބު ކުރީ ސަންސްއެވެ.
މީގެއިތުރުން ޔޫޓާ ޖޭޒް އާއި ޕޯޓްލަންޑް ޓްރެއިލް ބްލޭޒާޒް ބައްދަލުކުރި މެޗް 118 ޕޮއިންޓް 113 ޕޮއިންޓުން ޖޭޒް ކާމިޔާބު ކޮށްފައިވާއިރު ސެކްރެމެންޓޯ ކިންގްސް އާއި ޑެންވާ ނަގެޓްސް ބައްދަލުކުރި މެޗް 123 ޕޮއިންޓް 117 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ކިންގްސްއެވެ. އަދި ލޮސް އެންޖަލިސް ލޭކާސް އާއި ހިއުސްޓަން ރޮކެޓްސް ބައްދަލުކުރި މެޗް 107 ޕޮއިންޓް 97 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ލޭކާސްއެވެ.