"މިއުޒިކް ހުއްދަކަމަށް ވަކާލާތު ކުރާ މީހަކު އަމިއްލަ ނަފުސާއި ސުވާލުކޮށްބަލާށެވެ. މިއުޒިކް އަޑު އަހާވަރަށް ކީރިތި ގުރުއާން އަޑު އަހާ ކިޔެވޭ ހެއްޔެވެ؟ ގިނަވަގުތު ހޭދަކުރެވެނީ ކޮން ކަމަކަށްބާވައެވެ. ގުރުއާން އަޑުއަހަން ފެށުމުން ހިތްދެވި އަބަދާ އަބަދު އަޑުއަހަން ބޭނުންވެ ރޫހާނީ ހިތްހަމަޖެހުން ލިބޭނެއެވެ. އެގޮތަށް އަޅާ ކިޔުމުންވެސް މިއުޒިކް ހުއްދަނުވާ ސަބަބު އަމިއްލަ ޟަމީރުވެސް ބުނެދޭނެއެވެ. ވަގުތީ އަރާމާއި ލައްޒަތަށްޓަކާ އާޚިރަތް މަތިން ހަނދާން ނައްތާނުލާށެވެ. ކޮންމެ ވަގުތެއްގައިވެސް ވެލީގެ ދާނުގައި ނިދަން ޖެހިދާނެއެވެ. އޭރުން ތިބާއަށް ފައިދާ ހުންނާނީ ކުރެވުނު އަޅުކަމެކެވެ."
***
"މާޒިމްއަށް ހާދަ ނޭގެއޭ. ނޫނީ ދެނެގަންނަން ބޭނުންނުވަނީ. އެ އޭޖްގައި ވިސްނަންވާނީ ކޮންމެ ވަގުތެއްގައި މަރުވެދާނެކަމާއި ދީނަށް އުޅުމުގެ މަތިވެރި ނިއުމަތް ހަދާންކޮށް ދީނަށް އުޅެން. ތެދަށް ބުނަންޏާ އަހަންނަކީ މި ގޮތަށް ހެދުން އެޅިޔަސް އެންމެ އަޅުވެރިމީހެއްވެސް ނޫން. އެކަމަކު ހަމަ މަސައްކަތްކުރަނީ ވީހާވެސް ބޮޑަށް ﷲގެ ރުހިވޮޑިގަތުން ހޯދަން. އެންމެންވެސް އުޅެން ބޭނުންވާނީ އެހެން. މަދީނާގެ ބޭބެ އަހަންނާއި މީޓްނުކުރަން އަންގާފައި އޮތްވާ ސިއްރުން މީޓްކުރީމަ އިޚުލާސްތެރި ނުވެވެނީކަމަށް ވާނީ. ދޮންބެގެ ހުއްދަ ހޯދާ...އެހެންނޫނަސް މަދީނާ ބުނީމެއްނު މާޒްވިލާއަށް ބަދަލުވެފައި އަހަރެންވެސް ގެންދާނަމޭ..."
"ބިރެއް ނުގަނޭތަ؟"
"މާޒިމްދެކެ ބިރުގަނޭ އެކަމަކު ފިއާއިން އަރައިގަންނަން ދަސްކުރަން ޖެހޭ. ކަނޑުވީމަ ބިރުކެނޑެއޭ ބުނާ އުސޫލުން. މޭބީ މޮންސްޓާއަކާއިއެކު އުޅުނަސް ހަމަ ބިރުކެނޑިދާނެ. ހޫ ނޯސް..."
"ދޮންބެ ދެކެއެއް ނޫން....ސިއްރެއް ބުނަންތަ؟"މަދީނާ ވަށައިގެން ހޯދައިލިއެވެ.
"އެހެރީނު ބަލަން.."މަދީނާގެ ލޯ ހުއްޓުނު ދިމާލަށް އުރުޖުވާން ބަލައިލުމުން އޭނަވެސް ބިރުގަންނަގޮތްވިއެވެ. ސަބަބަކީ މަދީނާގެ ނަޒަރު ހުއްޓިފައިވަނީ ހުސް ދިމާލަކަށެވެ. އެއްވެސް މީހެއްގެ ހިލަމެއް އެދިމާލަކުން ނުވެއެވެ.
"އުވައިސް..."
"އެއީ ކާކުތަ؟"
"ނޭގޭ، ވަރަށް ކުރީއްސުރެ ފަހަތުގައި އަޅައިގެން އަންނަހާ ތަނަކަށް އެބައާދޭ، ހަމ ޝެޑޯއެއްހެން. އަހަރެން ދިރިއުޅޭތަނެއް އުވައިސް ހޯދައިގަންނަ ގޮތެއް ނޭގޭ. ވަރަށް ރޫޑް. ހަމަ ސްޓޯކާއެއް.."
އުރުޖުވާން މަދީނާގެ ކޮނޑުގައި އަތް ބާއްވައިލަމުން ކައިރިކޮށްލެވުނީ ބޭއިޚުތިޔާރުގައެވެ. ހިމާޔަތް ދޭފަދަ ގޮތަކަށެވެ. މަދީނާއަށްވެސް އުރުޖުވާންގެ އަތުގައި ހިފާ ބާރުކޮށްލެވުނެވެ. އޭނައަށް އުުރުޖުވާންގެ އެކުވެރިކަން ވަރަށް މުހިއްމުވިއެވެ. ވަރަށް އަގުބޮޑު ގުޅުމެކެވެ. އޭނައަށް އެންމެ ބޭނުން ޖެހޭ ވަގުތު އެހީތެރިކަން ފޯރުކޮށްދޭން ރަގަޅު އެކުވެރިއެކެވެ. އެހެން ކުދިންނަށް އިތުބާރު ނުކުރެވެނީ ކީއްވެކަމެއް ނޭގެއެވެ. މިލާއާއި ޒީޝާންއަށްވެސް އުވައިސްގެ ސިއްރު ހިއްސާކުރަން އޭނަ ހިތަކަށްވެސް ނާރައެވެ. އުވައިސްގެ ވާހަކަ މިވަރަށް ބުނެވުނު ފުރަތަމަ އިންސާނަކީ އުރުޖުވާންއެވެ.
ނަސީބަކުން ބަސް މަޑުކޮށްލުމާއެކު ދެކުދިން އަވަސްވެގަތީ މަތީބައިން ސީޓެއް ހޯދުމަށެވެ. ބަހުގެ އެންމެ ކުރީ ސީޓުގައި ދެކުދިން އިށީދެފައިވެސް މަދީނާ ފަހަތަށް ބަލަމުން ދިޔައީ ބިރެއް ފެންނަ ފަދައިންނެވެ.
"އޭނަގެ ގަޓް ހުންނަވަރު......ބަހަށްވެސް އަރައިފި.."
އުރުޖުވާން އެނބުރި ބަލައިލިއެވެ. ފަހަތުގައި ތިބީ ދެ އަންހެންކުދިންނެވެ. އެކުދިންގެ އަމިއްލަ ވާހަކައަކަށް ގެއްލިފައި ތިބިއިރު އިތުރު އެހެން އިންސާނެއް ނެތެވެ.އުވައިސްއަކީ އަންހެންކުއްޖަކީހެއްޔެވެ؟ ނޫނީ މަދީނާގެ ނަފްސާނީ މައްސަލައެއް ހުރީހެއްޔެވެ؟
"ފަހަތަށް ނުބަލައްޗޭ. އިގްނޯ ކުރީމަ އެންމެ ރަގަޅުވާނީ.."
"ހީ ވިލް ހާޓް މީ.."
ދުވަހަކު އަނިޔާއެއް ކުރިތަ؟"
"ނޫން. އެކަމަކު ނުރައްކާތެރި މީހެއް.."
"މަދީނާ. ކޮންއިރަކުން ގެއަށް ދަނީ؟"
"މާދަން. އަދި ބެޑްރޫމްގެ ކޮންމެވެސް ކަމެއް ނުނިމިގެން މާދަމާއަށް ލަސްކޮށްލީ.."
"އަހަރެން ކުރިން ބުނީމެއްނު ފިއާއިން އަރައިގަނެވޭނީ ބިރާއި ކުރިމަތިލީމައޭ. އެކަމަކު މިހާރު ޚިޔާލު ބަދަލުކޮށްލައިފިން..އަހަންނަށް މާޒިމްއާއެކު އެއްގެއްގައި އުޅެން ފަސޭހައެއްނުވާނެ. ޕެނިކް އެޓޭކްގެ އަސްލަކީ އޭނަ. އެހެންވީމަ ބިރުގަނޭ. އެހެންނޫނަސް އެހާ ހޭޓްކުރާއިރު އެގެއަށް ދިޔުމުން ހަގުރާމަ އެސްކެލޭޓްވާނީ..."
"ނޯ ދާން އެއްބަސްވެފައި ތިހެން ހަދަން ނުވާނެ. ބަދަލުނުކުރޭ. އެވާނީ ބިޓްރޭޔަލްއަކަށް.....ޔޫ ކާންޓް ޑޫ ދިސް ޓު މީ އުރޫޖް.."
އުރުޖުވާން އޭނަގެ އަތުގައި އޮތް ފޯނަށް ނަޒަރު ހުއްޓައިލިއެވެ.
"ބިޓްރޭޔަލް ނުވެ ކީއްކުރާނީ؟މާޒިމް ހުރިތަނަކަށް ވަންނަން ލާހިކެއްނޫން. އާއެކޭ ބުނެވުނުފަހުން މާޒިމްއާއިމެދު ވިސްނައިލެވުނީ. ހިތަށް އެރީމަވެސް ފިނިވާގޮތްވި. އަތް ހަމަ ގަނޑުފެން ކިއުބެކޭ ތަފާތެއް ނެތް....."އުރުޖުވާން އޭނަގެ އަތްތިލަ ދިއްކޮށްލިއެވެ.
"އުވައިސްއަކާއި މާޒިމް ތަފާތެއްނެތް ދޯ. އަހަރެންވެސް އުވައިސް ފެނުނީމަ ބިރުގަނޭ..."
އުރުޖުވާން ހިންދިރުވައިލިއެވެ. އެބުނާ އުވައިސް އޭނައަށް ނުފެންނަނީ ކީއްވެހެއްޔެވެ؟ އެސުވާލުކޮށްލަން ބޭނުންވިޔަސް މަދީނާގެ ހިތަށް އިތުރު ގެއްލުމެއް ދޭކަށް ނުކެރޭނެއެވެ. ހިތަށް ނޫނެވެ. ސިކުނޑިއަށެވެ. ސިކުނޑީގައި އުޅޭ އުވައިސްއެކެވެ. ނޫނީ އަނެއްކާ ޖިންނިއެއް އަވަލީހެއްޔެވެ؟
އުރުޖުވާންގެ ހިތުގެ ތެޅުން އަވަސްވިއެވެ. ބަސް ހުއްޓުމާއެކު ދެކުދިން ބަހުން ފައިބައިގެން ހިނގައިގަތީ މަންޒިލާއި ދިމާލަށެވެ.
"މިހާރު ފެނޭތަ؟"
"ނޫން..." މަދީނާ ހިނިތުންވެލިއެވެ."އައިސްކޯނެއް ކައިގެން ދާނީ..އައިމް ސްޓާވިން.."
"އޯކޭ. ޚިޔާލު ގޯހެއްނޫން. މާމަވެސް އިންތިޒާރުގައި އިންނާނެ. ގްރޭން ހޭޒް އެ ސްވީޓް ޓޫތް. ޗޮކްލެޓާއި އައިސްކްރީމްނެތި ނޫޅެވޭނެ ސޯ މާމައަށް އައިސްކޯނެއް ގަނެގެން ދާނީ...."
އުރުޖުވާން އޭނަގެ މާމައަށް މީރުވާނެހެން ހީވާ ހުރިހާ އެއްޗެއް ގަނެގެންގޮސް ފްލެޓަށް ވަންއިރު ސޯފާގައި އޭނަގެ އިންތިޒާރުގައި އިންއިރު އާދައިގެ މަތިން ތަސްބީހަ ކިޔަނީއެވެ.އޭނައަށް މާމަ އަބަދުވެސް ވިސްނާދޭނީ މީހެއްގެ އިންތިޒާރުގައި އިނަސް ތަނަކަށްގޮސް ފޫހިވެގެން އިންނާން ޖެހުނަސް ތަސްބީހަ ކިޔުމަށެވެ. ޒިކުރުކުރުމަށެވެ. އެއީ ހިތަށް ހަމަޖެހުން ލިބި ފޫހިކަން ކަނޑުވައިލާ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމެވެ.
"މާމަ.. އައިސްކޯން.."
"ކޮންއިރެއް ކަނބުލޮ ނައިސްގެން މިތަނުން ނުތެދުވެ.."
"އެޓްލީސްޓް އެނގޭ މާމަ ފޫހިނުވާނެކަން."އުރުޖުވާން އޭނަގެ މާމަ ގަޔާއި ކައިރިކޮށްލިއެވެ."މާމާ ވާހަކައެއް އަހަންތަ؟"
"މްމް އަހާބަލަ.."މާމަ އައިސްކޯނުން އެތިކޮޅެއް އަނގަޔަށް ލިއެވެ."އާވި މެޓާ އައިސްކްރީމެއް ދޯ..."
"ހޫމް...ހީވަނީ އެހެން ހެން...މާމާ...މަދީނާގެ މަންމަ ވީ ގުރައިދޫގައި ދޯ.."
"އެހެންތަ؟"
"އަޅެ މާމައެއްނޫންތަ އެހެން ބުނީ.."އުރުޖުވާން ސިހުނެވެ.
"މާމަ ބުނިންތަ؟އެހެން ބުނެވިދާނެ، އެވާހަކަ ނުދެއްކިއްޔާ ރަގަޅީ. މީހުންގެ ޒާތީ ދިރިއުޅުމަށްވަނީމަ އިތުރު މައްސަލަތައް އުފަންވާނީ. ކޮންއިރަކުން އެގެއަށް ބަދަލުވަނީ؟މާމަވެސް ދާން ބޭނުން.."
"އެގެއަށް ނުދާން ނިންމައިފިން.."
"މާމަ ދާން ބޭނުން ކަނބުލޯ..""
"އެއީ ކީއްވެމާމާ.."
މާމަ އުރުޖުވާންގެ ކަންފަތް ކައިރީ ބުނެލި ސިއްރަކުން އޭނަ ގަނޑުވެފައި އިން ބުދެއްހެން އެތައް އިރެއްވާންދެން އިނީ އަނގަމަތީގައި އަތް އެޅިގޮތަށެވެ.
***
ނިދީގެ ދާނުގައި ލޯ މެރެމުން ދިޔަ ކެނާން މަސައްކަތް ކުރަމުން ދިޔައީ އޭނާގެ ލޯ އެ ނިދިން މަހުރޫމު ކުރުމަށެވެ. އޮށޯވެލައިގެން އޮތް އިރު ކުރިމަތީ އިން ގަޑިން އޭނާގެ ނަޒަރު ވަކިނުކޮށް އިން އިރު ހީވަނީ މީހަކަށް ގަޑި ކިޔައިގެން އިންތިޒާރެއްގައި ހުރީހެންނެވެ. މުޅި ޖައްވަށް ވެރިވެފައިވާ ދަންވަރުގެ އެ ހަމަހިމޭންކަން ފަޅުފިލުވައިދެމުން ދިޔަ ގަޑީގެ ކަށި ހުއްޓުން އެރީ ބަރާބަރު ތިނެއް ޖެހި އިރެވެ. ދެބަ ދޭތެރޭ އޮތް ނިދިން ކެނާންގެ ލޯ ހުޅުވައިލެވުނީ ހަމަ އެ ސިކުންތުގައި ވިޔަސް އޭނާގެ ކަޅި ވެސް ހަމަ އެ ގަޑީގެ ކަށިތައްފަދައިން އިނީ ހުއްޓިފައެވެ. ވާތުފައިން އަރައިގެން އައި ދިލަ ހޫނު މޭ މައްޗައް އަރައި ފިއްތައިލިއިރު ހީވީ މީހެއްގެ މުށުތެރެއަށް ހިތް ޖަހައިގަނެ ހިތް ފެލައިލަނީހެނެވެ. ކަޅި ހުއްޓުން އަރައިފައި އިން ކެނާން އޭނާގެ ނަފުސާއި ހަނގުރާމަ ކުރަމުން ދިޔައީ ކަނޑުގައި ޣަރަގު ވަމުންދާ މީހަކު ބިޔަ ރާޅުތަކާއި ހަނގުރާމަކޮށް މަރަށް މީހަކު ތެޅޭ ފަދައިންނެވެ. ނަމަވެސް އޭނާގެ ހަށިގަނޑުން އިނގިލީގެ ކުރި ހައިމިންވަރުވެސް ހަލުވައިނުލެވެއެވެ. ނޭވާ ހާސްވެ މުޅި ނަފްސު ޣަރަގު ވަމުންދިޔަ ކެނާން، ގައިގާ ހުރި ހިއްވަރެއްލައި ލޯ މަރައިލިއިރު އެސްފިޔަތައްވެސް ލޮލަށް ގަންބާލެވުނެވެ. އޭނާގެ އެންމެ ފަހު ނޭވާގައި ދުލު ކުރީ އޮތް ޒިކުރު لَا حَوْلَ وَلَا قُوَّةَ إِلَّا بِٱللَّٰهِ ٱلْعَلِيِّ ٱلْعَظِيمِ ނުކިޔެވުނެއްކަމަކު މުޅި ނަފްސު އެ ހަނދުމައިން ގުގުމާލަމުންނެވެ. މާތް ﷲ ގެ އިރާދަފުޅުން ޖަހާލި ވިދުވަރެއްހެން ކެނާން ގެ ހަރުދަނޑިވެ ވާންވެފައިވާ ހަށިގަނޑަށް ދިރުން ލިބުނީ ހަށިގަނޑުގައި ހުޅު ޖަހަމުންދިޔަ ހޫނު ނޭވާ ބޭރުކޮށްލަމުންނެވެ.
"އެވީ ކިހިނެއްތަ؟" ކެނާން ވަށައިގެން ހޯދާ ބަލައިލިއިރު އޮވެވުނީ ސިޓިން ރޫމްގެ ސޯފާގައެވެ.
ހަގީގަތެއްހެއްޔެވެ؟ ނޫނީ ހުވަފެނެއްހެއްޔެވެ؟ ކެނާން އަމިއްލަ މޭގައި އަތް ޖައްސައިލިއެވެ. އޭތި އޭނަގެ މޭމައްޗަށް އަރާ ފިތައިލީހެއްޔެވެ. މާޒިމް އާއި ހިއްސާކޮށްފިއްޔާ މަލާމާތް ކުރާނެއެވެ.
އޭނަ ބާލީސް ހިފައިގެންގޮސް ކޮޓަރިއަށްވަދެ ދޮރު ލައްޕާލާފައި ތަޅުލިއެވެ. ބޮކި ނިވާލާފައި އޮތުމުން ކޮޓަރިއޮތީ އަނދިރިކަމުގެ ތެރެއަށް ގެނބިފައެވެ. މާޒިމް ނިދާއިރު އަލި ރޮގެއް ހުއްޓަސް ނިދި ހަރާމްވަނީކަން ނޭގެއެވެ.
"މާޒް.....އޭ.. ނިދަނީތަ؟"ކެނާން މާޒިމްގެ އަތުގައި ހިފާ ތަޅުވައިގަތެވެ.
"ހޭނައްތާފައި އޮތުމެކޭ ތަފާތެއް ނުވާނެ. މާޒްގެ ނިންޖަކީ ދުނިޔޭގެ އަށްވަނަ އަޖައިބު...ނޫނީ.....އަނެއްކާ މިވެސް ޖިންނި ކަމެއްތަ. ކޮންމެ ކަމެއް މަށަށް މި ގުޅުވެނީ ރޫހާނީ ކަމަކާއި. އުބައިދު އާއި ބައްދަލުކުރަން ދާންވީކަން ނޭގޭ......"ކެނާން އަމިއްލަ ނަފުސާއި ވާހަކަދައްކަމުންގޮސް އެނދަށް ވެއްޓިގަތެވެ. އޭނައަށް މިރޭ އޮވެވުނީ މާޒިމްގެ ހަށިގަނޑުގެ ހޫނު ފޯރާހާ ކައިރީގައެވެ. އަނދިރިކަމުގެ ތެރެއަށް ލޯ ހާނާލަމުން އޭނަގެ ކަޅި ވަށައިގެން ހޯދަމުން ދިޔައީ އެތަނުގައި އުޅެދާނެ ރޫހާނީ އެއްޗަކަށް ފާރަލުމަށް ސިކުނޑީގެ ކަނަކުން ބުނަމުންދާތީއެވެ.
"ދޮރު ތަޅުލެވުނުބާ...ޔަގީންކޮށްލަން ޖެހޭނެ..."ކެނާން ތެދުވުނެވެ.
ކެނާން އުބައިދުގެ ނަމްބަރަށް ގުޅަންފެށިއެވެ.
"މިއޮތް ދަންވަރު..."
"ނުނިދިގެން.. ރަގަޅު ޓިޕްސް އެއްނެތްތަ؟ނިދާކަހަލަ......." ކެނާން އެދުނެވެ.
***
މާޒިމް ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކުރީ ނަފްސާނީ ޑޮކްޓަރެއްގެ ހައިސިއްޔަތުންނެވެ. އޭނަގޮސް އެތަން ބަލަހައްޓާ މިހާ ގާތު އެދުނީ ބަލިމީހުންގެ ފައިލްތައް ގެނެސްދިނުމަށެވެ. އޭނަ ކޮންމެ ފައިލެއް ފަރުވާތެރިކަމާއެކު ބެލިއެވެ.
"ނަބީލާ މުހައްމަދު އަމީން ގެ ފައިލް ކޮބާ؟"
"އެންމެންވެސް އެނަމާއި ބެހޭގޮތުން ސުވާލުކުރަނީ ކީއްވެބާ..ކުރީ ދުވަހެއްގައިވެސް މީހަކު އައި. ހަމަ ތިހެން ސުވާލުކުރި.."
"އެއި ކާކުތަ؟"
"ނޭގޭ. ދެބައި އުމުރުގެ ފިރިހެނެއް..."
"އޯ..ނަމެއް ނުބުނޭ؟"
"އެހާ ހަނދާނެއްނެތް...."
ނުނިމޭ