ނަފުސު އިސްލާހު ކުރުމަށްވުރެ މުހިންމު ޖިހާދެއް ނެތް: ޚުތުބާ

އޮކްޓޫބަރ 2، 2020: ހުކުރު މިސްކިތުގައި ކުރެވުނު ހުކުރު ނަމާދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންސާނީ ނަފުސު އިސްލާހު ކުރުމުގެ ޖިހާދެއް ފަށަންވެއްޖެ ކަމަށާއި އެއަށްވުރެ މުހިންމު ޖިހާދެއް ނެތްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.ދ

ޚުތުބާގައި ބުނީ، އިންސާނީ މުޖުތަމައުއާއި މުޅި ގައުމު އިސްލާހުވެ، އަމާންކަމާއި މިިނިވަންކަން ލިބި، ފަރުދުންގެ ގުޅުންތައް ބަދަހިވެ، ތިޔާގި ކަމާއި އުފާ ފާގަތިކަން ލިބުން އޮތީ ނަފުސު އިސްލާހު ކޮށްގެން ކަމަށެވެ. އެހެންކަމުން ގައުމުގެ ކޮންމެ ފަރުދަކުމެ އަމިއްލަ ހާލާމެދު އަދި އަމިއްލަ ނަފުސުގެ އުނިކަމާ މެދު ފިކުރު ކުރުން މުހިންމު ކަމަށް ޚުތުބާގައި ބުންޏެވެ.

އޭރުން، އިސްލާހު ކުރަން ޖެހިފައިވާ ކިތަންމެ ކަމެއް ފެންނާނެ ކަމަށާއި އެ ކަންކަމުގެ ސަބަބުން މުޅި މުޖުތަމައަށް ކުރާ ނޭދެވޭ އަސަރު ފެންނާނެ ކަމަށް ޚުތުބާގައި ބުންޏެވެ. ކީރިތި ރަސޫލާ ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ،

"ހަގީގީ މުޖާހިދަކީ ﷲއަށް ޓަކާ ތިމާގެ ހަވާނަފުސާ ދެކޮޅަށް ޖިހާދު ކުރާ މީހާއެވެ،"

ޚުތުބާގައި ބުނީ، އެންމެ މުހިންމު ވެގެންވަނީ، ހަވާ ނަފުސުގެ މައްޗަށް ގަދަވެގަނެ ތިމާއަށް އަމުރުކުރާ ފަރާތަކީ ތިމާގެ ހަވާނަފުސަށް ވިޔަ ނުދިނުން ކަމަށެވެ. އަދި، ހަވާނަފުސާ ދެކޮޅަށް ގަދައަޅާ މަސައްތް ކުރުމުގައި ކާމިޔާބު ހޯދާ މީހުންނަކީ ހަގީގީ މާނައިގައި ތެދުމަގު ލިބިގަތުމަސް ޖިހާދު ކުރާ މީހުން ކަމުގައި ޚުތުބާގައި ބުންޏެވެ.

ނަފުސު އިސްލާހު ކުރުމުގެ މުހިންމުކަމަށް އަލިއަޅުވަލަ އިތުރަށް ޚުތުބާގައި ބުނީ، އިންސާނެއްގެ ނަފުސު ހަމަ މަގަށް އަޅުވައިފި ނަމަ އިންސާނީ މުޅި ހަޔާތް އިސްލާހުވީ ކަމުގައެވެ. އަދި، ނަފުސު އިސްލާހު ނުވެއްޖެ ނަމަ މުޖުތަމައަށާއި މުޅި ގައުމަށް ނޭދެވޭ އަސަރު ނުކޮށް ނުދާނޭކަން ކަށަވަރުކަމަށް ޚުތުބާގައި ބުންޏެވެ.

"އެހެންވީމާ އިންސާނާގެ އަމިއްލަ ނަފުސު އިސްލާހު ކުރުމަކީ، މިޅި މުޖުތަމަޢާއި މުޅި ގައުމު އިސްލާހުގެ މަގުން ހިނގުން އޭގެ މައްޗަށް ބިނާވެގެންވާ އަސާސްކަން ހާމަވެއެވެ،" ޚުތުބާގައި ބުންޏެވެ.

comment ކޮމެންޓް