މި އަހަރަކީ މިހާތަނަށް ރިކޯޑް ކުރެވިފައިވާ އެންމެ ހޫނު އަހަރަށް ވާނެކަން ޔަގީންވާ ކަމަށް އދ.ގެ މޫސުމާ ބެހޭ އިދާރާ (ޑަބްލިޔުއެމްއޯ)އިން ބުނެފިއެވެ.
އަހަރު ނިމެން ގާތްގަޑަކަށް މަސް ދުވަހަށް ވެފައި އޮތްއިރު، ކުރިއަށް އޮތްތަނުގައި އުދައެރުމާއި އަލިފާނުގެ ހާދިސާތަކާއި ގަނޑުފެންތައް ގިރުމާއި އިތުރަށް ހޫނު ގަދަވުން ފަދަ އެތައް ކަމެއް ކުރިމަތިވާނެ ކަމަށް ވެސް އެ އިދާރާއިން ލަފާކުރެއެވެ.
ޑަބްލިޔުއެމްއޯއިން ބުނި ގޮތުގައި އަހަރުގެ އެވްރެޖް ފިނިހޫނުމިން ހުރީ 1800 އަހަރުތަކުގައި ފިނިހޫނުމިނުގެ ރިކޯޑު ބަލަހައްޓަންފެށި ފަހުން، އެ އަހަރުތަކާއި އަޅާބަލާއިރު ގާތްގަނޑަކަށް 1.4 ސެލްސިއަސް މައްޗަށް ގޮސްފައެވެ. މިއީ 2015 ވަނަ އަހަރު ޕެރިސް މޫސުމާ ބެހޭ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތަށް އަމާޒަށްވުރެ ކުޑަ ތަންކޮޅެއް ދަށް މިންވަރަކެވެ.
ނަމަވެސް ޕެސިފިކް ކަނޑުގައި އުފެދިފައިވާ އެލް ނީނޯގެ ސަބަބުން އަންނަ އަހަރު ދުނިޔޭގެ ފިނިހޫނުމިން ފެރިސް އެއްބަސްވުމުގެ އަމާޒުކަމަށްވާ 1.5 ސެލްސިއަސްއަށް އަރާނެ ކަމަށް ބެލެވޭ ކަމަށް ޑަބްލިއުއެމްއޯގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.
ޕެރިސް އެއްބަސްވުމުގެ މުހިންމު އަމާޒުގެ ބެންޗްމާކަކަށް ވާނީ 1.5 ސެލްސިއަސް ވުރެ ފިނިހޫނުމިން އިތުރުވިޔަނުދީ 30 އަހަރުގެ ތެރޭގައި ދެމެހެއްޓުން ކަމުގައި ޑަބްލިޔުއެމްއޯއިން ބުނެއެވެ.
މިހާތަނަށް އެންމެ ހޫނު ގަދަ މަސްތަކުގެ ގޮތުގައި ރެކޯޑް ކުރެވުނު 10 މަސް ތެރޭގައި މި އަހަރުގެ ޖޫން އަދި ޖުލައި ހިމެނެއެވެ.
ކުރިން 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ރިސާޗް ނޮންޕްރޮފިޓް ބާކްލީ އާތުން ވެސް އަންނަނީ ކޮންމެ މަހެއްގެ ދުނިޔޭގެ ފިނިހޫނުމިން ދެނެގެނެ، ރޭންކުގެ އަންދާޒާތައް ނެރެމުންނެވެ. ޖުލައި މަހުގެ 11 ވަނަ ދުވަހު އާންމުކޮށްފައިވާ އެ އިދާރާގެ ދިރާސާގެ އެންމެ ފަހުގެ އެނަލިސިސްއިން ދައްކާފައިވާ ގޮތުގައި ވެސް މިހާތަނަށް އެންމެ ހޫނުވި އަހަރަކަށް މި އަހަރުވުމުގެ ފުރުސަތު ބޮޑެވެ.