ފަލަސްތީނުގެ މައްސަލަ ހައްލުކުރަން ގޮތްތަކެއް ކަނޑައަޅަން ޗައިނާއިން އެދިއްޖެ

ޗައިނާގެ ރައީސް ޝީ ޖިޕިންގް--- ސަން ފައިލް ފޮޓޯ

އިސްރާއިލުން ފަލަސްތީނާއި ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމު ހުއްޓުވުމަށް ގޮވައިލައި، އެ މައްސަލަ ހައްލުކުރުމަށް އދ.ގެ ގަވާއިދާ އެއްގޮތަށް ޗައިނާގެ ފޮރިން މިނިސްޓްރީން ފޯމެއް ހުށަހަޅައިފިއެވެ.

އެ ފޯމުގައި ޗައިނާއިން ހުށައަޅާފައިވަނީ ފަލަސްތީނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ހަމަލާތައް ހުއްޓުވާނެ ހަރުދަނާ ގޮތްތަކެއް ގާއިމުކުރުމަށެވެ. އަދި ވަގުތުން ހަނގުރާމަ ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް ވެސް އެ ފޯމުގައިވަނީ ގޮވައިލައްވައިފައިވެއެެވެ.

ފަލަސްތީނުގެ އާންމު ރައްޔިތުންނަށާއި މުދަލަށް އިޒްރޭލުން ގެއްލުންދިނުމަކީ ހުއްޓުވަންޖެހޭ ކަމެއްކަމަށާއި ނަސްލު ނައްތައިލަން ކުރާ މަސައްކަތް ހުއްޓުވަން އދ.އިން ހަރުދަނާ ފިޔަވަޅެއް އެޅުމަކީ މުހިންމު ކަމެއް ކަމަށް ޗައިނާއިން ވަނީ ފާހަގަކޮށްފައެވެ.

ހަމައެއާއެކު އަސީރުންގެ ގޮތުގައި ހައްޔަރުކޮށްފައި ތިބި ރައްޔިތުން ވަގުތުން މިނިވަންކޮށް، އިންސާނީ އެހީތެރިކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް ޗައިނާއިންވަނީ ފާހަގަކޮށްފައެވެ.

ފަލަސްތީނުގެ އާއިލާއެއް އިސްރާއީލުން ސުންނާފަތި ކޮށްލާފައިވާ ތަނެއްގައި -- ފައިލް ފޮޓޯ/ ރޮއިޓާސް

ހަމައެއާއެކު ޣައްޒާގެ ރައްޔިތުންގެ މަައްސަލައިގައި ސިޔާސީ ހައްލު ހޯދުމަކީ މުހިންމު ކަމެއް މިހާރުގެ ހާލަތު މަސަލަސްކުރުމަށް އދ.ގެ ސަލާމަތީ މަޖިލީހުން އެހީތެރިވާން ޖެހޭކަމަށް ވެސް އެ ގައުމުން ބުނެފައިވެއެވެ.

އަދި ފަލަސްތީނުގެ ރައްޔިތުންގެ ބަހާ ނުލައި އެ މީހުންގެ ނިންމުންތައް ނިންމިގެން ނުވާނެކަމަށް އެ ފޯމުގައި ޗައިނާއިން ވަނީ ބުނެފައެވެ.

ހަމައެއާއެކު މި ކަމަށް ދާއިމީ ހައްލެއް ގެނެވޭނީ އިސްރާއިލާއި ފަލަސްތީނުގެ ދައުލަތުން ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް މަސައްކަތް ފަށައިގެން ކަމަށް ވެސް އެ ގައުމުން ފާހަގަކުރެއެވެ.

އޮކްޓޯބަރު ހަތްވަނަ ދުވަހު ފެށުނު މި ހަނގުރާމައާއެކު އެންމެ ބޮޑު ނިކަމެތިކަމެއް ކުރިމަތިލާން ޖެހިފައިވަނީ ޣައްޒާގައި ބަންދުވެފައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށެވެ.

މިހާތަނަށް އެ ހަނގުރާމައިގައި ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ އަދަދު 10،000އިން މައްޗަށް އަރައެެވެ. އަދި ޒަޚަމްވި މީހުންގެ އަދަދުތައް ވެސް ހުރީ މަތީގައެވެ. އިސްރާއިލުން ޣައްޒާގައި ދެމުން އަންނަ ހަމަލާތައް އަމާޒުކުރަނީ އާންމު ރައްޔިތުންނަށެވެ.

comment ކޮމެންޓް