މާލޭގައި ބަސް ހުއްޓާ ތަންތަނަށް ބަދަލުތަކެއް

އެމްޓީސީސީގެ ބަހެއް --- ސަންފޮޓޯ/ ނާއިލް ހުސައިން

މާލެ ސިޓީގައި އެމްޓީސީސީން ބަހުގެ ޚިދުމަތްދޭ ރޫޓުތަކުގެ ތެރެއިން، ބަސް ހުއްޓާ ތަންތަނަށް ބައެއް ބަދަލުތައް ގެނެސްފިއެވެ.

އެމްޓީސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ކުންފުނިން ބަހުގެ ޚިދުމަތްދޭ ރޫޓުތަކުގެ ތެރެއިން R2 (ކާނިވަލް - ހުޅުމާލެ ފޭސް 1)ގެ އިތުރުން ސޯސަން ރޫޓް R8 (ކާނިވަލް - ހުޅުމާލެ ފޭސް 2)ގެ ބަސްތައް ދެން ހުއްޓާނީ އެހެން ތަނަކަށް ކަމަށެވެ.

އެ ރޫޓް ތަކުގެ ބަސްތައް މިހާރު ހުއްޓުމަށް ހަމަޖެހިފައިވަނީ އާޓިފިޝަލް ބީޗް ވޮލީބޯޅަ ކޯޓު ދޫކޮށް، ރާޅުގަނޑު މައިޒާން ކުރިމަތީގައި އަލަށް ގާއިމް ކޮށްފައިވާ ބަސްހުއްޓިއަށް ކަމަށް އެމްޓީސީސީއިން ބުންޏެވެ.

އެ ކުންފުނިން ބުނީ އަމީނީ ރޫޓް (R11)ގެ މިނީ ބަސްތައް ކުރިއެކޭ އެއްފަދައިން މިހާރުވެސް މަޑުކުރާނީ ބީޗް ވޮލީބޯޅަ ކޯޓު ކުރިމަތީގައި ގާއިމްކޮށްފައިވާ ބަސް ހުއްޓިއަށް ކަމަށެވެ.

މި ޚިދުމަތާ ގުޅޭ އިތުރު މައުލޫމާތު އެމްޓީސީސީގެ ހޮޓްލައިން 1650އަށް ގުޅުމުން ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

comment ކޮމެންޓް