ޝޯއެއް ކާމިޔާބުކޮށް 14 އަހަރުގެ ކުއްޖަކު އެއް ކްރޯޑް ރުޕީސް ހޯދައިފި

އިންޑިޔާގެ މަޝްހޫރު ކުއިޒް ޝޯ "ކޯން ބަނޭގާ ކްރޯޕަތީ"ގައި 14 އަހަރުގެ ކުއްޖަކު ބައިވެރިވެ އެއްކްރޯޑް ރުޕީސް ހާސިލުކޮށްފިއެވެ.

މިއީ މިޝޯގެ ތާރީޚުގައިވެސް މިހާ ހަގު ބައިވެރިއަކު އެއް ކްރޯޑް ރުޕީސް ހާސިލުކުރި ފުރަތަމަ ފަހަރުއެވެ. އުމުރުން 14 އަހަރުގެ މަޔާންކް އަކީ އިންޑިޔާގެ ހަރްޔާނާއަށް ނިސްބަތްވާ ކުއްޖެކެވެ. ގްރޭޑް 8ގައި ތައުލީމް ހާސިލުކުރަމުންދާ މަޔާންކް ޝޯގެ 16ވަނަ ސުވާލުގެ ޖަވާބު ރަނގަޅުކޮށް އެއް ކްރޯޑް ރުޕީސް ހާސިލުކުރީ ބެލުންތެރިން ސިއްސުވާލުމަށްފަހުއެވެ.

މަޔާންކްއަކީ އުނގެނުމަށް ލޯބިކުރާ ވިސްނުންތޫނު ތޫނުފިލި ކުއްޖެއްކަމަށާއި، ސްކޫލުގައިވެސް ވަރަށް ފުރިހަމަ ނަތީޖާތައް އޭނާ ހާސިލުކުރާކަމަށް މިޝޯގައި އޭނާގެ ބައްޕަ ހާމަކުރެއެވެ.

އޭނާ އުނގެނުމަށް ހުންނަ ޝައުޤުވެރިކަން ދައްކާލުމަށް މިޝޯގެ ސަބަބުން މަގުފަހިވި ކަމަށާއި، ޝޯގައި ބައިވެރިގެން، އޭނާގެ އާއިލާގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުން މަޔާންކް ފާހަގަކުރިއެވެ.

އިންޑިޔާގެ ސޮނީ ޗެނަލް އަދި ސްޓާޕްލަސްއިން ދައްކާ މިޝޯ ހުށަހަޅާދެނީ މަޝްހޫރު އެކްޓާ އަމީތާބު ބައްޗަންއެވެ.

comment ކޮމެންޓް