ޗައިނާގެ ހޮސްޕިޓަލްތަކުގައި ތިބެގެން ވެސް ހޯމްވޯކު ހެދޭނެ ގޮތް ހަމަޖައްސައިފި

ޗައިނާގެ ހޮސްޕިޓަލެއްގައި ބަލި ކުދިންނާއި ބެލެނިވެރިން މަޑުކޮށްގެން -- ފޮޓޯ/ ދަ ޓެލެގްރާފް

ނޭވައިލާ ނިޒާމަށް ޖެހޭ ބައްޔެއް ފެތުރި، ބަލިވާ ދަރިވަރުންނަށް ހޮސްޕިޓަލްތަކުގައި ތިބެގެން ހޯމްވޯކް ހެދޭނެ ގޮތް ޗައިނާއިން ހަމަޖައްސައިފިއެވެ.

ޗައިނާއިން އެޅި މި ފިޔަވަޅާ ގުޅިގެން ސޯޝަލް މީޑިއާގައި ވަނީ ހޫނު ބަހުސެއް ފެށިފައެވެ. ބައެއް މީހުން ބުނާ ގޮތުން ބަލިވެ އުޅޭއިރު ވެސް ސްކޫލު މަސައްކަތްތައް ކުރަން ޖެހުމުން ކުދިންނަށް ޕްރެޝަރު ބޮޑުވާނެ ކަމަށެވެ. އަނެއް ބަޔަކު ބުނާ ގޮތުން ހޯމްވޯކް ހެދޭނެ ގޮތް ހޮސްޕިޓަލްތަކުގައި ހަމަޖެއްސުމަކީ ބަލިވެ އުޅުނު ނަމަވެސް އުގެނެން ބޭނުންވާ ކުދިންނަށް ލިބޭ އަގުހުރި ވަސީލަތެކެވެ.

ހޯމްވޯކް ޒޯން ގާއިމުކުރުމުގެ އުސޫލު ތައާރަފުކުރަން ޗައިނާގެ ގިނަ ހޮސްޕިޓަލްތަކުން މަސައްކަތްކުރަމުން އަންނައިރު މި ބަހުސް އިތުރަށް ކުރިއަށްދާނެ ކަމަށް ބެލެވެއެވެ.

ޗައިނާގެ ދައުލަތުގެ ބްރޯޑްކާސްޓަރު ސީސީޓީވީއާ ހަވާލާދީ އެންޑީޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި ޗައިނާގެ ބައެއް ހޮސްޕިޓަލްތަކުގައި މިހާރު ވެސް ވަނީ އެ ހިދުމަތް ތައާރަފުކޮށްފައެވެ.

"އަހަރެން ދަރިފުޅު ހޮސްޕިޓަލްގައި ބާއްވައިގެން ހޯމްވޯކް ހަދުވާކަށް މީގެ ކުރިން ބޭނުމެއްނުވި. ނަމަވެސް ހޮސްޕިޓަލުން ފެނުނު ރަގަޅު މާހައުލުން އަހަރެން ބޭނުންވީ ދަރިފުޅު ހޮސްޕިޓަލްގައި އިނދެ ހޯމްވޯކް ހަދަން،" ބެލެނިވެރިއަކުން ބުންޏެވެ.

"އަހަރެންގެ ދަރިފުޅު މިގޮތަށް ހޯމްވޯކް ނަހަދައިފިނަމަ، ސްކޫލަށް އެނބުރި ދާއިރު، މާ ގިނަ މަސައްކަތް ހުންނާނެ،" އެހެން ބެލެނިވެރިއަކު ބުންޏެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަންގެ ތަރުޖަމާނު މީ ފެންގް އާދީއްތަ ދުވަހު ވިދާޅުވީ ނޭވައިލާ ނިޒާމުގެ ސީރިއަސް ބަލިތައް އިތުރުވުމަކީ އިންފްލުއެންޒާގެ ތެރޭގައި ހިމެނޭ އެތައް ވައްތަރެއްގެ ޕެތޯޖަން އެއްފަހަރާ ދައުރުވުމާ ގުޅުން ހުރި ކަމެއް ކަމަށެވެ.

ޗައިނާގައި ފެތުރުމެން އަންނަ ނޭވާލާ ނިޒާމަށް ޖެހޭ ބަލި ދުނިޔޭގެ ސަމާލުކަމަށް އައިސްފައިވަނީ ގޮތްނޭނގޭ ވައްތަރެއްގެ ނިއުމޯނިއާ ގިނަ އަދަދެއްގެ ކުޑަކުދިންނަށް ޖެހެމުން އަންނަ ކަމުގެ ރިޕޯޓަކާ ގުޅިގެން އެ ބައްޔާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އެދުމުންނެވެ.

ޗައިނާގެ މެދުތެރޭގެ ސިޓީއެއް ކަމަށްވާ ވޫހާނުން 2019 ވަނަ އަހަރުގެ ފަހުކޮޅު ފެނުނު ކޮވިޑް-19ގެ ފެތުރޭކަން ރިޕޯޓުކުރިލެއް ލަސްވުމުން ޗައިނާއާއި ޑަބްލިއުއެޗްއޯ ދެމެދު ވަނީ ހިޔާލުތަފާތުވެފައެވެ. ނަމަވެސް ފަހުން މި ފެތުރޭ ނޭވާލާ ނިޒާމަށް ޖެހޭ ބަލިން އާދަޔާ ހިލާފު ކަމެއް ނުފެންނަ ކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް