އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމު ތަހުގީގު ކުރުމަށް ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިހެން ގޮވާލެއްވީ، މިއަދު ފާހަގަ ކުރާ ފަލަސްތީނުގެ ރައްޔިތުންނާ، އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤުވާމީ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ފޮނުއްވި މެސެޖުގައެވެ.
އެ މެސެޖުގައި ރައީސް ވިދާޅުވީ އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ އަނިޔާވެރިކަމަކީ އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކާއި ޚިލާފަށް ހިންގަމުންދާ ހަނގުރާމަވެރި ޖަރީމާތަކެއްކަމަށެވެ.
މީގެ އިތުރަށް އެ މެސެޖުގައި ރައީސް ވިދާޅުވީ އިސްރާއިލުން ފަލަސްތީނަށް ވެރިވެގަނެ، އެ ޤައުމުގައި ކުރަމުން ގެންދާ ހަނގުރާމައާއި، ފަލަސްތީނުގެ ކުށެއްނެތް ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ އަނިޔާވެރިކަން، ދިވެހިރާއްޖޭގެ ރައްޔިތުންނާއި ދިވެހި ސަރުކާރާއި، އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.
އަދި އެ މެސެޖުގައި ގައްޒާގައި މިހާރު ކުރަމުންދާ ހަނގުރާމަ ވަގުތުން ވަގުތަށް ހުއްޓާލުމަށާއި، އިންސާނުންނަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފޯރުކޮށްދިނުމަށާއި، އެހެން ހިސާބުތަކަށް ހިޖުރަކުރުމަށް ފަލަސްތީނުގެ ރައްޔިތުންނަށް މަޖުބޫރުކުރާ މަޖުބޫރުކުރުން ހުއްޓާލުމަށް ވެސް ރައީސް ވަނީ ތަކުރާރުކޮށް އެ ސިޓީގައި ގޮވައިލައްވައިފައެވެ.
އަދި ފަލަސްތީނުގެ އެންމެހާ ރައްޔިތުންނަށް ކޮންމެ ދުވަހަކު ކުރިމަތިވަމުން މިދާ އަނިޔާވެރިކަމަށް ނިމުމެއް ގެނައުމަށް ބައިނަލްއަޤުވާމީ މުޖުތަމައުތަކުން މިހާރު ވެސް ކުރަމުން ގެންދާ މަސައްކަތްތައް މިހާރަށް ވުރެ ވަރުގަދަ ކުރުމަށްވެސް ރައީސް ވަނީ އިލްތިމާސް ކުރައްވައިފައެވެ.
އަދި އެ ގައުމުގެ ސުލްހައަށް ދާއިމީ ހައްލެއް ގެނެވޭނީ އެ ގައުމަކީ މުސްތަގިއްލު މިނިވަން ދައުލަތެއްގެ ގޮތުގައި ގާއިމުކޮށްގެން ކަން ދިވެހި ރާއްޖެއިން ގަބޫލު ކުރާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ގާނޫނާ ޚިލާފަށް އިސްރާއީލުން އަތުލައިފައިވާ ފަލަސްތީނުގެ ބިން އަނބުރާދޭން ޖެހޭ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
މެސެޖު ނިންމާލައްވަމުންވެސް ރައީސް ވަނީ ފަލަސްތީނުގެ ރައްޔިތުންނަަށް ލިބެންޖެހޭ ހައްގުތަށް ހޯދައިދިނުމުގައި ރާއްޖެއިން އަބަދުވެސް ސާބިތު ކަމާއެކު ތިބޭނެ ކަން ވެސް ފާހަގަ ކުރައްވައިފައެވެ.