ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމުގައި ދިވެހިން ދެމިތިބޭނެ: ރައީސް

ތުރުކީވިލާތުގެ ގްރޭންޑް ނޭޝަނަލް އެސެމްބްލީގެ ޗެއާމަން އަދި ރައީސްގެ އިތުރުން ޕާލަމަންޓުގައި ވަޑައިގެން ތިއްބެވި މެންބަރުންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ/ރައީސް އޮފީސް

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ކުރެވެމުންދާ މަސައްކަތަށް ތާއީދުކޮށް، އެއްބާރުލުން ދިނުމުގައި ދިވެހިން އަބަދުވެސް ތިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ތުރުކީވިލާތުގެ ގްރޭންޑް ނޭޝަނަލް އެސެމްބްލީގެ ޗެއާމަން އަދި ރައީސް، ޕްރޮފެސަރު ޑރ. ނޫމާން ކުރްތުލުމުސްއާގެ އިތުރުން އެ ގައުމުގެ މަޖިލިސް މެންބަރުންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވަނީ، ރާއްޖޭގެ ރައްޔިތުން އަބަދުވެސް އަންނަނީ ފަލަސްތީނަށް އެހީ ވެވެން އޮތް ގޮތަކަށް އެހީވަމުން ކަމަށް ވިދާޅުވެފައެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެން، ފުރަތަމަ ރަސްމީ ދަތުރުފުޅެއްގައި ތުރުކީ ވިލާތަށް ވަޑައިގަންނަށް ޖެހިވަޑައިގަތުމަކީ ޝަރަފެއް ކަމަށެވެ. އަދި ތުރުކީ ވިލާތުގެ ރައީސާ ބައްދަލުވުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ އެއަށްވުރެ ބޮޑު ޝަރަފެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ސިފަ ކުރައްވައިފައެވެ.

އެގޮތުން ވާހަކަދައްކަވަމުން، އެކި އެކި މައުޟޫ ތަކުން މަޝްވަރާކުރުމުގައި އެ ގައުމުގެ ރައީސާއި، ސަރުކާރުގެ ފަރާތުން ލިބެމުން އަންނަ ފުރިހަމަ އެއްބާރުލުންވެސް އެމަނިކުފާނު ވަނީ ފާހަގަ ކުރައްވައިފައެެވެ.

އިތުރަށް ރައީސް ވަނީ، ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް ގުދުރަތީ ގޮތުން ރާއްޖެ އިންޑިއާ ކަނޑުގައި އެތުރިފައި އޮންނަނީ ބޮޑު ސަރަހައްދެއްގައިކަން ފާހަގަކުރައްވައިފައެެވެ.

އަދި، ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދަކީވެސް ބޮޑު ސަރަހައްދެއް ކަމަށާއި، ގުދުރަތީ ގޮތުން ރާއްޖެ އޮންނަނީ ވެސް ސަރަހައްދީ ގޮތުން މުހިންމު ހިސާބެއްގައި ކަން ވެސް އެމަނިކުފާނު ފާހަގަ ކުރައްވައިފައިވެއެވެ.

ރާއްޖޭގެ މިނިވަން ކަމާއި އިސްތިގުލާލު ހިމާޔަތް ކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ރާއްޖެއަށް ދުރާއި ގާތުން އެކީގައި މަސައްކަތްކުރާ ހުރިހާ ބައިވެރިންނާއެކުވެސް އަބަދުވެސް އެއްކޮށް މަސައްކަތްކުރައްވާނެ ކަމަށެވެ.

އަދި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައިވެސް އެންމެ ބޮޑު އިސްކަމެއް ދެއްވި ޝިއާރަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ދިފާއުކުރެއްވުން ކަމުގައި ވިދާޅުވެ ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ރިޔާސީ ވަޢުދުފުޅުތައް ފުއްދައިދެއްވުމުގައި ފަސްޖެހިވަޑައިނުގަންނަވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފައެވެ.

comment ކޮމެންޓް