"ބައްޕާ… ކީ… ކީކޭ؟" ރާދިންއަށް ބުނެވުނެވެ.

"އާނ. ދެމީހުންނަށް ކުރެވުނު ކުށަކަށްވާއިރު، އަދި އެ އަންހެން ކުއްޖާ ހަޤީގަތުގައިވެސް ބަނޑު ބޮޑުކަމަށްވަންޏާ ރާދިން ނުޖެހޭނެތަ ޒިންމާ ނަގާކަށް؟". މުނީރު ތަކުރާރުކޮށްލިއިރު އޭނާ ފަހު ވާހަކަ ރާދިންއާ އަމާޒުކޮށްލީ ސުވާލެއް ގޮތަށެވެ.

"ރާދިންއާއޭ ބައްޕަ މި ސުވާލުކުރަނީ! ރާދިން…" އިސްޖެހިގޮތަށް އެއްވެސް އެއްޗެއް ނުބުނެ ރާދިން އިންނަން ފެށުމުން މުނީރު ރާދިންއަށް ގޮވާލިއެވެ.

"ބައްޕާ… އަޅުގަނޑު…" ސަޖާގެ ބަނޑުގައިވާ ދަރިއަކީ އޭނާގެ ދަރިއެއްކަން ޔަޤީން ނުވާ ވާހަކަ ބުނާނީ ކިހިނެއްކަމެއް ރާދިންއަކަށް ނޭނގުނެވެ.

"އެ…"

"ކީކުރާ އަންހެން ކުއްޖެއް އެއީ؟ ކޮބާ އެ އަންހެން ކުއްޖާގެ އާއިލާގެ މީހުން؟" މުނީރު ސުވާލުކޮށްލީ ހުރިހާކަމެއް ވެސް އެނގެން ބޭނުންވެފައިވާ ފަދަ ގޮތަކަށެވެ.

"އެކަނި އުޅެނީ… އާއިލާގެ އިތުރު މީހަކު ނުހުރޭ." ރާދިން ބުންޏެވެ.

"ކޮން މަސައްކަތެއް ކުރަނީ؟" މުނީރު އަނެއްކާވެސް ސުވާލުކޮށްލިއެވެ. ރާދިންގެ ކިބައިން ކަންތައްތައް އެނގެން ބޭނުންވެފައިވާ މިންވަރު މުނީރުގެ އަޑުން ހާމަވަމުން ދިޔައެވެ.

"އެއްެވެސް މަސައްކަތެއް ނުކުރޭ…" މުނިރުގެ ކޮންމެ ސުވާލަކަށް ރާދިން ކިޔަމަންތެރިކަމާއެކު ޖަވާބު ދެމުން ދިޔައެވެ. ކަންތައްތައް ފޮރުވުމުގެ މާ ބޮޑު ބޭނުމެއް އޭނާއަށް ނުފެނުނީއެވެ. ކޮންމެ ގޮތެއް ވިޔަސް ސަޖާގެ ހަޤީޤަތް ބައްޕައަށް އެނގޭނެއެވެ.

"ކޮން ކަހަލަ އަންހެން ކުއްޖަކާ އެކު ތަ ރާދިން ތި ވަރު ބޮޑު ފާފައެއް ކުރީ. އެވެސް މައާލް ދޫކޮށްލާފަ. ރާދިންގެ އަނބިމީހާ ދޫކޮށްލާފަ…." މުނީރަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. މުނީރުގެ އެ ޖުމްލައިގެ ސަބަބުން އަތުން ބީވެގެން ދިޔައީ ޖަވާހިރެއްކަމަށާއި މައާލްފަދަ އަންހެން ކުއްޖެއް އޭނާގެ ޙަޔާތަށް ނާންނާނެކަން ރާދިންއަށް ޔަޤީންވާން ފެށިއެވެ. ސަޖާގެ ފަހަތުން އޭނަ ދުވުނީ ސަޖާގެ ކޮން ސިފަތަކަކުން ބާއޭ ރާދިންގެ ހިތަށް އަރަމުން ދިޔައެވެ. ރާދިންގެ މޫނުމައްޗަށް އަރާ ފައިބާ ކުލަވަރު ދިރާސާ ކުރަން އިނުމަށްފަހު، މުނީރު އަނެއްކާވެސް ވާހަކަ ދެއްކިއެވެ. ޒުވާން ދަރިފުޅާ މެދު ކަންބޮޑުވެ ހާސްވެފައިވާ މުނީރު އެ ދަރިފުޅު އިތުރަށް ނުބައި މަގަކުން ދިޔުމަށް ނޭދެއެވެ.

"ފަޟީހަތްވާނީ އަންހެން ކުއްޖާ! ފިރިހެން ކުއްޖާ އެކަމަށް އެއްބަސްނުވާހާ ހިނދަކު އެކަކުވެސް އޭނަގެ އަގުވެއްޓޭގޮތަކަށް ވާހަކައެއް ނުދައްކާނެ. ވިޔާނުދާ ވާނީވެސް އަންހެން ކުއްޖާ. ލަދު ގަންނާނީވެސް އަންހެން ކުއްޖާ." މުނީރުގެ ވާހަކައިން ރާދިންއަށް މާނަ ނެގުނީ މުޅިން ނުބައިކޮށެވެ.

"ދެން ބައްޕަ ތި ބުނުއްވަނީ އަޅުގަނޑު އޭނައާ ކައިވެނި ކުރާށޭތަ؟" ހައިރާންކަމާއެކު، ރާދިން މަޑުމޮޅި އަޑަކުން ބުނެލިއެވެ.

"މިހާރު ކައިވެނި ކުރިޔަސް ކައިވެނި ސައްޚައެއް ނުވާނެ. ގޯސް ގޮތަކަށް ކަންތައް ކުރާކަށް ބައްޕަ ނުބުނާނަން. އެކަނި އުޅޭ އަންހެން ކުއްޖަކަށް ވިއިރު ރާދިންއަށް އެ ކުއްޖާއަށް ތި ދެވުނީ ވަރަށް ބޮޑު ދެރައެއް. ވިހާ ގަދަވީމަ ރާދިން އެ ކުއްޖާއާ ކައިވެނި ކުރިޔަސް އެންމެ ރަނގަޅު. ނުކުރި ނަމަވެސް ވެސް އެއީ ރާދިންފެ ދަރިއަކަށްވަންޏާ ޒިންމާ ނަގަން ޖެހޭނެ." މުނީރުގެ އެ ވާހަކައާއެކު ރާދިންއަށް ލިބުނީ ހިތްދަތިކަމެކެވެ.

"އޭރުން މައާލްއަށް ވާނީ ކިހިނެއް؟" ރާދިންއަށް ވިސްނެނީއެވެ. މައާލްއާ މެދުގައެވެ. އޭނާގެ އަމިއްލަ ހިތުގެ ޙާލާ މެދުގައެވެ.

"އެހާވަރަށް މައާލް ރާދިންގެ ޙަޔާތުގައި ހުންނަން ބޭނުންނުވަންޏާ ރާދިން އެފަދަ ކަމެއް ނުކުރާނެ. އެހެންވީމަ މި ބުނީ. މައާލް ބޭނުންވަނީ ވަރިވާން. އެކަމާ ގޮތް ނިންމާނީ ދެމަފިރިން. އެކަންތައް ކޮށްދީފަ ރާދިންއަށް އެއްވެސް ހުރަހެއް ނޯންނާނެ އޭނައާ އިންކާކަށް. ކޮން ނަމެއްތަ ކިޔަނީ؟" މުނީރު ސަޖާގެ ނަން އެހީ އެންމެ ފަހުންނެވެ.

"ސަޖާ…" ރާދިން ބުނެލިއެވެ.

ބައްޕަގެ ވާހަކަތަކުން އިތުރަށް އިސްވެ އަނގައިން ބުނާނެ ހިތްވަރެއް ރާދިންއަކަށް ނުލިބުނެވެ. އެހެންނަމަވެސް، އޭނާގެ ހިތް ވިރެމުން ދަނީއެވެ. މައާލް ދެކެ އޭނާ އިންތިހާއަށް ލޯބިވާއިރު މައާލް ދޫކޮށްލާފައި، ސަޖާއާ ގުޅޭނީ ކިހިނެއްހެއްޔެވެ؟ އޭނާގެ ހިތަކީ މައާލްގެ މިލްކަކަށް ވާއިރު، އެ ހިތުން އެހެން އަންހެން ކުއްޖަކަށް ޖާގަ ދޭނީ ކިހިނެއް ހެއްޔެވެ؟ ހިތުގެ ފުނުގައި އުފެދިފައިވާ އެ ޖަޒުބާތުތަކާ ލޯބި ކަފުންކޮށް ވަޅުލާނީ ކިހިނެއްހެއްޔެވެ؟ މައާލްގެ ކައިރީގައި އުމުރު ދުވަހު ފިރިއެއްގެ ގޮތުގައި ހުންނަން ބޭނުންވިނަމަވެސް، އޭނާ އިސްކުރާނީ މައާލްގެ އެދުމެވެ. އޭނާއަށް ކުރެވުނު ކުށުގެ ބަދަލެއްގެ ގޮތުން މައާލް ބޭނުންވަނީ ވަރިވާން ކަމުގައި ވާނަމަ މައާލްއަށް އިތުރު ހިތްދަތިކަމެއް ތަހައްމަލް ކުރަން ދޭކަށް އޭނާ ބޭނުމެއް ނޫނެވެ. އަމިއްލަ ހިތަށް އަނިޔާދީގެން ނަމަވެސް، އޭނަ މައާލްގެ ހިތުގެ އެދުން ފުއްދައިދޭނެއެވެ. އޭނާ މައާލްއަށް މިނިވަންކަން ދޭނެއެވެ. ފުންމިން ނޭނގޭ ކަނޑެއްގެ ތެރެއަށް މީހާ ޣަރަޤުވަމުންދިޔަ ފަދަ އިޙްސާސްއެއް ރާދިންއަށް ކުރެވެމުން ދިޔައެވެ. އެހިތުގެ ޙާލު މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. އޭނާ ދުޢާކުރިއެވެ. މައާލްއާއެކު އުޅުމަކީ އޭނާއަށް ހުރި އެންމެ ރަނގަޅި ގޮތްކަމުގައިވާނަމަ އެކަން އެގޮތަށް އިރާދަކުރައްވަވާތޯއެވެ. އަދި ދެމީހުންނަށްވެސް ހުރި އެންމެ ރަނގަޅު ގޮތަކީ ދުރުވުން ކަމުގައިވާނަމަ އެކަން އޭނާއަށް ފަސޭހަކޮށްދެއްވުން އެދިއެވެ.

އެރޭ ހަތަރު ދަމުވެސް ރާދިން ގެއަކަށް ނުދެއެވެ. އޭނާ ހޭދަކުރީ މައާލްގެ ކައިރީގައެވެ. މެންދުރު ބާރަޖަހަން އުޅެނިކޮށް މައާލް ހޭލިއިރުވެސް ރާދިން ހޮސްޕިޓަލުގައި އިނެވެ. މައާލްއާ ވާހަކަ ދެއްކީ މުނީރެވެ. އެހެންކަމުން ރާދިން އެތަނުގައި އިންކަމެއް މައާލްއަކަށް ނޭނގެއެވެ. އެކަން ނޭނގި އޭނާ ރާދިންގެ ވާހަކަ މުނީރުގެ ކައިރީގައި އަހާލުމާއެކު ރާދިންގެ ހިތަށް އިތުރު ތަކުލީފެއް ލިބިގެން ދިޔައީ މައާލް އޭނާއާ މެދު އަދިވެސް ވިސްނާކަން ހިތަށް އެރުމުންނެވެ. އޭނާ ދެކެ އެހާ ލޯބިވާ އަންހެން ކުއްޖަކަށް އޭނާ އެ ދިނީ ކޮން ފަދަ ދެރައެއް ހެއްޔެވެ؟ އިރުކޮޅަކުން ނަރުސްކުއްޖާ އައުމަށްފަހު، އޮޕަރޭޝަން ހަމަޖެހުނީ ހަވީރު ފަހުން ކަމުގައި ބުންޏެވެ. އެހާއިރު ވަންދެން ކަންތައްތައް ކުރާނެ ގޮތުގެ އިރުޝާދު ދިނުމަށްފަހު، ނަރުއްކުއްޖާ ނުކުތެވެ. ސޯފާގައި އިންދާ ވައިބާއިން މާހިލްގެ މެސެޖެއް ރާދިންއަށް ލިބުނެވެ.

"އޮފީހުގެ ކަމެއް ކަމުގައިވުމުން އޭނާ ކޮޓަރިން ނުކުމެލާ ސޯފާތަކާ ދިމާލަށް ހިނގައިގަތެވެ. އިށީނދެލާފައި ފޯނުން މާހިލްއަށް ވީޑިއޯ ކޯލެއް ކޮށްލާފައި ހެޑް ސެޓް ޖަހާލިއެވެ. މާހިލްގެ ސުވާލުތަކަށް ޖަވާބު ދީފައި ދެން ކަންތައް ކުރަންވީ ގޮތެއް ކިޔައިދީފައި ރާދިން ފޯނު ބާއްވަން އުޅުނު ނަމަވެސް، ހިތަށް ވެރިވި އެއްޗަކުން އޭނާ މަޑުޖެހިލިއެވެ.

"މާހިލް.." ކުއްލިއަކަށް ކަމެއް ހަނދާންވާ ފަދައަކުން އޭނާއަށް ރާދިން ގޮވާލުމުން މާހިލް މަޑުޖެހިލިއެވެ.

"އާނ. ކިހިނެއްވީ؟" މާހިލް އަވަސް އަވަހަށް ބުނެލިއެވެ.

"ކޮބާ ފުއާދު؟ އޭގެ ފަހުން ދިމާވިތަ؟" ރާދިންގެ ސުވާލާއެކު މާހިލް ކަމެއް ހަނދާންވާ ފަދައަކުން ވާހަކަ ދެއްކިއެވެ.

"އޭ. އޭނަ ދޯ. މަ އަދި ހަނދާން ނެތިފައޭ މިހުރީ. އިއްޔެގަ އޭނައާ ދިމާވި. ބުނީ މިއަދު ރާއްޖޭން ބޭރަށް ފުރާ ވާހަކަ." މާހިލް ބުންޏެވެ.

"ކޮންތާކަށް ކަމެއް ނުބުނޭތަ؟" ރާދިން އަނެއްކާވެސް ސުވާލުކޮށްލިއެވެ.

"އާނ. ނުވެއް ބުނޭ. މަ އެއްފަހަރު އަހާލީމަ ވެސް އޭނަ އިގްނޯރ ކޮށްލީ…" މާހިލް ޖަވާބު ދިނެވެ.

"އެހެންތަ. އާނ އޯކޭ އިނގޭ…" ރާދިން ފޯނު ބޭއްވުމަށްފަހު ވިސްނާލިއެވެ. ފުއާދު ދާނީ ކޮންތަކަށްބާއޭ އޭނާގެ ހިތަށް އެރިއެވެ. ރާދިން އެތަނުގައި އިންތާ ގިނަ އިރެއްނުވެ މުނީރުވެސް ނުކުމެއްޖެއެވެ. އޭނާ ރާދިން ފެނިގެން އައިސް ސޯފާއެއްގައި އިށީނުމާއެކު ރާދިން މުނީރަށް ބަލާލިއެވެ. ފުއާދުގެ ވާހަކަ ބުނަން ވެގެން ވާހަކަ ފަށާނެ ގޮތަކާ މެދު އޭނާ ވިސްނާލިއެވެ،

"ބައްޕާ… އަޅުގަނޑު އެބަޖެހޭ ވާހަކައެއް ދައްކާލަން." ރާދިންގެ އަޑުން ފާޅުވި އަސަރުތަކުގެ ސަބަބުން މުނީރު ހީކުރީ އެ ދައްކަން އުޅެނީ މައާލްގެ ވާހަކައެއް ކަމަށެވެ. ވާހަކަ ކުރިއަށް ގެންދިޔުމަށް އިޝާރާތްކޮށްލުމަށްފަހު، މުނީރު އެ ވާހަކަ ކަނުލާ އަޑުއަހަން ފެށިއެވެ.

"ބައްޕައަށް ނޭނގޭ ބައިވަރު ކަންތައްތައް ޝާކިރު އަންކަލްގެ ކުންފުނީގައި ހިނގަމުންދޭ…" އެ ހިސާބަށް ރާދިން ބުނެލުމާއެކު، މުނީރުގެ މޫނުމަތިން ހަިއރާންކަމުގެ އަސަރުތައް ފެނިލި ނަމަވެސް، އޭނާ ބަހެއް ނުބުނީ ރާދިންއަށް ވާހަކަ ދައްކަން ފުރުސަތު ދިނުމުގެ ގޮތުންނެވެ. މުނީރު އެ ވާހަކައާ ގަޔާވެގެން އަޑު އަހަން އިނުމުން ރާދިންއަށް ވެސް ވާހަކަ ކުރިއަށް ގެންދަން އިތުރު ހިތްވަރެއް ލިބިގެން ދިޔައެވެ.

"އެންމެ ކުރިން ފަށައިގެންވެސް ޝާކިރު އަންކަލްއަށް މީހަކު ބްލެކްމެއިލް ކުރަމުން ދިޔަ. އެމީހަކު އެކަން ކުރަމުން ގެންދިޔައީ މައާލްގެ ހަޤީގަތް ކިޔައިދޭނެކަމަށް ބުނެ. އަދި ކޮންމެ މަހަކު އެތައް ލައްކަ ރުފިޔާއެއް އޭނާ ހޯދަމުން ދޭ. އަދިވެސް އެކަން އެގޮތަށް ކުރިއަށް ދޭ." ރާދިން މަޑުޖެހިލިއެވެ.

"ބައްޕައަކަށް އެއްގޮތަކަށްވެސް ނޭނގެ ތި ދައްކާ ވާހަކައެއް. އިތުރަށް ތަފްސީލްކޮށްދީބަލަ." މުނީރަށް ބުނެވުނެވެ.

"ހަނދާންވޭތަ އަޅުގަނޑު ބައްޕަ ކައިރީގައި ބުނީމެއްނު، ފައިސާއާ ގުޅޭކަންތައްތައް ނިންމުމުގެ އިޚްތިޔާރު ޝާކިރު އަންކަލް ޒާހިދަށް ދީފަ އޮންނަ ވާހަކަ. އެކަން އެގޮތަށްކުރުމުގެ ސަބަބަކީ އެއީ. އެ މީހާއަށް ލާރި ފޮނުވުން. ޝާކިރު އަންކަލް ޒާހިދަށް އޮންނަނީ އެ ޒިންމާތައް ހަވާލުކޮށްފަ. މިހާރުވެސް އޭނާއަށް ކޮންމެ މަހަލު ލާރި ފޮނުވަން ޖެހޭ. ޝާކިރު އަންކަލް މެން ބޭނުންވާ ގޮތަށް މައާލްގެ ބައްޕަ ލައްވާ އެހަޤީގަތް މައާލްއަށް ކިޔައިދޭން ޖެހޭ ވަގުތު އައިސް ޖެހިއްޖެ ބައްޕާ. އެހެން ނޫނީ އެމީހާއަށް ހުރިހާ ފައިދާއެއް." ރާދިން ބުނެލިއެވެ. ކުރިން ނޭނގޭ ވާހަކަތަކެއް އެނގުމުން މުނީރަށްވެސް ލިބުނީ ސިހުމެކެވެ. އެވާހަކައަށް ވަކި ބުނާނެ އެއްޗެއް ނޭނގިފައި އޭނާއަށް އިނދެވުނީ އެހެންވެގެންނެވެ.

"އެ ހުރިހާކަމަކަށް ޝައްކުވާ މީހަކު ވެސް އެބަ ހުރި. އެމީހަކު ޒާހިދު ކައިރިއަށް ވެސް މައާލްގެ ބައްޕަގެ މުދާގަނޑުގެ ބޭނުމުގަ އެތައް ފަހަރަކު ދިޔަ. އަދި މިހާރު އޭނަ ދިމާކުރަނީ މާހިލްއާ…" މުނީރަށް ބަލަން އިނުމަށްފަހު ރާދިން ބުނެލިއެވެ.

"ކާކު؟" މުނީރުގެ އަޑުން އޭރުވެސް ހައިރާންކަން ފާޅުވަމުން ދިޔަ އެވެ. ރާދިންގެ މޫނުމަތިން ފެނުނު ނުތަނަވަސްކަމާއި ސީރިއަސް އަސަރުތަކުގެ ސަބަބުން، އެކަމުގެ ނުރައްކާތެރިކަން އޭނާއަށް އިޙްސާސް ކުރެވެމުން ދިޔައެވެ.

"ފުއާދު…" ރާދިންގެ އެޖަވާބާއެކު، މުނީރަށް ނިތުގައި އަތް ހިންގާލެވުނެވެ.

"އެހެންވެގެންތަ ރާދިން އެއީ ކޮން ކަަހަލަ މީހެއްތޯ ބައްޕަ ކައިރީގައި އެހީ؟ އަދި އޭނަ ގެއަށް ދިޔަ ދުވަހު ތެދުވެގެން ދިޔައީ؟" އެކި އެކި ކަންތައްތައް ގުޅުވެމުން ދިޔަ ވަރަކަށް މުނީރަށް މަންޒަރު ސާފުވަމުން ދިޔައެވެ.

"ލައްޕަ…" ރާދިން މުނީރަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ފެށިގެން މިއަދާ ހިސާބަށް އޭނާއަށް އެނގިފައިވާ ހުރިހާކަމެއް އޭނާ މުނީރަށް އަކުރުން އަކުރަށް ކިޔައިދިނެވެ.

"ތި ކަންތައް ހުއްޓުވޭނެ ހަމަ ގޮތަކީ މައާލްއަށް ހަޤީޤަތް ހާމަކުރުން. އެހެންނޫނީ އޭނާ އެއްވެސް ވަރަކަށް ތި މަސައްކަތެއް ހުއްޓައެއް ނުލާނެ." މާޒީގައި ފުއާދާ ޝާކިރާ ދެމެދު ހިނގި ކަންތައްތައް ހަނދާން ކުރަމުން މުނީރު ބުންޏެވެ.

"އެހެންވީމަ އެވަރަކުން އަޅުގަނޑު މައާލްގެ ބައްޕަ ހޯދީ…" ރާދިން އިތުރަށް ބުނެލިއެވެ.

"ހަޤީގަތުގައި އެ ހަޤީޤަތް މައާލްއަށް ކިޔައިދޭއިރު، މައާލްގެ ކައިރީގައި ރާދިން ހުރުމަކީ ބައްޕަ އެންމެ ބޭނުންވި ގޮތް. ބައްޕައަށް އެނގޭ ރާދިން ހުރުމުން އެކަން އެނގުމުން މައާލްއަށް އެ ލިބޭ ޝޮކުން އަރައިގަންނަން ފަސޭހަވާނެކަން. އަދި މައާލްގެ ހިތާމަތަކަށް ލުޔެއް ލިބޭނެކަން. އުމުރު ދުވަހު އަމިއްލަ ބައިންބަފައިން ކަމަށް ދެކިގެން އުޅުނު ދެމީހުންނަކީ އެއްވެސް ގުޅުމެއް ނެތް މީހެއްކަން އެނގުމުން މައާލްއަށް ވާނެ ގޮތް އަންދާޒާވެސް ކޮށްނުލެވޭނެ. އަދި އެ ޙާލަތުގައި މައާލް ހުއްޓާ އެފަދަ ކަމެއް އެނގުމުން މައާލް ވަރަށް ދެރަވާނެ." މުނީރު ބުނެލިއެވެ.

"އަޅުގަނޑުވެސް ބޭނުންވޭ މައާލްގެ ކައިރީގައި ހުންނަން." ރާދިންގެ ހިތަށް އެރި ބަސްތައް ދުލުން ބޭރުކޮށްލެވުނީ އިޚްތިޔާރަކާ ނުލައެވެ.

"އެ ހައްޤު ރާދިން އަމިއްލައަށް ނިގުޅައިގަތީ…" މުނީރަށް ބުނެވުނެވެ. ދަރިފުޅާމެދު ދެރަވި ނަމަވެސް، ރާދިންގެ ފަރާތުން މައާލްއަށް ލިބުނު ހިތްދަތިކަން އޭނާ ހަނދާން ނައްތާލާނީ ކިހިނެއް ހެއްޔެވެ؟

އެފަދަ ވާހަކަތަކެއްގައި ތިބެފައި މުނީރު މައާލްގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތުމުން ފަހަތުން ރާދިންވެސް ދިޔައެވެ.

މައާލް ތިއޭޓަރަށް ވެއްދުމަށްޓަކައި ކޮޓަރިން ނެރުނުއިރު އިރުއޮއްސެނީއެވެ.

"ހުރިހާކަމެއް ވެސް ރަނގަޅުވާނެ އިންޝާ ﷲ…" ކަންބޮޑުވެގެން އެ ވާހަކަ މައާލް ބުނުމުން މުނީރު ހިތްވަރު ދިނެވެ. އެނދުގައި އޮތް މައާލް ފެނި ރާދިންއަށް ދުޢާކުރެވުނެވެ. މައާލްގެ ފެނުން އަނބުރާ ދެއްވާތޯއެވެ. އެވަގުތު މައާލްގެ ކައިރީގައި ކިތަންމެ ހުންނަން ބޭނުންވިނަމަވެސް، އޭނާއަށް އެ ފުރުސަތެއް ނެތެވެ. މުނީރުގެ ވެސް ފަހަތުން ރާދިން ހިނގައިގަތެެވެ. ޖީންސްގެ ޖީބަށް އަތް ޖަހާލައިގެން ހުރެ ހިނގަމުން ދިޔައިރު، ހޮސްޕިޓަލްގެ ތެރޭގައި ތިބި ބައެއް މީހުންގެ ނަޒަރުތައް އޭނާއަށް ހުއްޓެމުން ދިޔަ ނަމަވެސް، އެއިން އެއްވެސް ކަމަކަށް ރާދިންއަކަށް ސަމާލުލަމެއް ނުދެވެއެވެ. އޭނާގެ ހިތާ ސިކުނޑީގައި ވަނީ މައާލްއެވެ. ހަމަ އެކަނި މައާލްއެވެ.

ތިއޭޓަރާ ހިސާބަށް ދެވުމުން މުނީރު ފަސް އެނބުރިލިއެވެ. އެއްފަރާތުގައި ފާރުގައި ލެނގިލައިގެން ހުރި ރާދިން ހީވަނީ ހިތާމައިން ފޯވެފައިވާ މީހެއްހެންނެވެ. އެ މޫނުމަތީގައިވީ މާޔޫސްކަމާއި ހިތްދަތިކަމުގެ ސަބަބުން މައާލް ކައިރިން ބަލާލުމުގެ ފުރުސަތު ނުދީ އެތެރެއަށް ވެއްދުމަށް މުނީރު ގެ ހިތް ދެކޮޅު ހެދުމާއެކު، އޭނާ ނަރުސް ކުއްޖާގާތު މަޑުކޮށްލުމަށް ބުނެލިއެވެ. އަދި އޭނާ ރާދިންއަށް ބަލާލާ އައުމަށް އިޝާރާތްކޮށްލިއެވެ. އެހިތުގެ ޙާލު ބައްޕައަށް ފަހުމްވުމުން ރާދިން އިތުރަށް ހިތްދަތި ވާގޮތްވިއެވެ. އޭނާގެ ސަބަބުން އޭނާގެ ލޯބިވާ އެންމެނަށް ލިބިފައިވަނީ ހިތްދަތިކަން ނަމަވެސް، އެއިން ކޮންމެ މީހެއްގެ ހިތުގައި އަދިވެސް އޭނާއަށްޓަކައި ލޯބިވާތީ އޭނާ އަމިއްލަ ނަފްސު ކުށްވެރިކުރިއެވެ. އެމީހުންގެ އެހިތާމަތައް އޭނާ ފޫބައްދައިދޭނީ ކިހިނެއްހެއްޔެވެ؟ އޭނާގެ ހިތުގެ ޙާލު އެނގޭ މީހަކު ފަދައިން ބައްޕަ ކޮންމެ ފަހަރަކު، އޭނާއަށް ފުރުސަތު ހޯދައިދޭގޮތުން އެކަނިވެސް އޭނާގެ ހިތް ގެނބިގެންދިޔައެވެ.

ރާދިން މަޑުމަޑުން އެ ދިމާލަށް ހިނގައިގަތެވެ. މައާލްގެ އެނދު ކައިރިއަށް ހުއްޓިފައި މައާލްގެ މޫނަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. މައުސޫމްކަމުގެ އިންތިހާއެވެ. ނުތަނަވަސްވެފައިވާ އެމޫނުމަތިން އޭނާއަށް އުންމީދުގެ ކުލަވަރުވެސް ފެނުނެވެ. އެ ކަޅުކަން ގަދަ އިސްތަށިގަނޑާއި މަޑު ފިޔާތޮށިކުލައިގެ ތުންފަތުގެ ފުރިހަމަކަމަށް އޭނާއަށް ތަޢުރީފް ކުރެވުނެވެ. އެ "އެންބަރ" ކުލައިގެ ދެލޮލަށް ބަލަހައްޓައިގެން ރާދިންއަށް ހުރެވުނީ އެއީ އެފަދަ ގޮތަކަށް އެ ދެލޮލަށް ބަލަހައްޓައިގެން ހުރެވޭ ފަހު ފަހަރޭ ހިތާއެވެ. އެ ހިތާ ހަމައަށް އެންމެ ފުރަތަމަ އަސަރު ފޯރުވީ މައާލްގެ އެ ދެލޮލުންނެވެ. އެ ލޮލުގައިވާ މަހިނޫރުގެ ބާރުންނެވެ. އެ މަހިނޫރުގެ ބާރުގައި އޭނާގެ ހިތާ ފުރާނަވެސް ވަނީ މައާލްއަށް ހިބައިން ދެވިފައެވެ. އެ ހިތުގައި ހަޤީޤީ ލޯބީގެ އިޙްސާސްއެއްގެ ވިންދު ޖެހީ އެ ދެލޮލުގެ މަހިނޫރުގެ ޖާދޫއިންނެއެވެ. ލޯބީގެ މާނަ އޭނާއަށް ފުރިހަމަ ގޮތެއްގައި ދަސްވުމުގެ ފެށުމަކީވެސް އެ ދެލޮލުގެ މަހިނޫރުގެ ބާރެވެ. ކިތަންމެ ވަރަކަށް ބެލި ނަމަވެސް، ރާދިން ފޫއްސެއް ނުވެއެވެ. ގިނައިރު ވާ ވަރަކަށް އޭނާ ބޭނުންވަނީ އެ ފުން ދެލޮލުގެ ތެރެއަށް ފީނާލާށެވެ. އުމުރު ދުވަހަށް އެދެލޮލަށް ބަލަން ހުރުމަށެވެ. ވީއިރު، އެ ދެލޮލަށް ބަލާލުމުގެ ނަސީބު ދެން ނުލިބޭނެނަމަ އޭނާއަށް ވާނީ ކިހިނެއްހެއްޔެވެ؟

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު