ފިލްމީ ކެރިއަރުގައި މިހާތަނަށް އެންމެ ފެންވަރު ދަށް އެކްޓިންގް ދައްކައި ދެވުނު ފިލްމަކީ 2016ވަނަ އަހަރު މަސައްކަތް ކުރި ފިލްމު "ރާމަން ރާގަވް2.0"ކަމަށް ވިކީ ކޯޝަލް ބުނެފިއެވެ.
ހިންދީ ސިނަމާގައި މިވަގުތު ތިބި އެންމެ ފެންވަރު ރަނގަޅު އެކްޓަރުންގެ ތެރޭ ހިމެނޭ ވިކީގެ މި ފިލްމަކީ، އަނޫރާގް ކަޝްޔަޕް ޑައިރެކްޓް ކުރި ސައިކޮލޮޖިކަލް ތުރިލާ އެކެވެ.
ފިލްމަށް ބޮކްސް އޮފީހުގައި ކުރިއެރުން ލިބުނު ނަމަވެސް ވިކީ ފިލްމުގައި ދެއްކި ހުށަހެޅުންތަކާ މެދު ހިތްހަމަނުޖެހޭ ކަމަށް ވަނީ ބުނެފައެވެ. ސައިކޮލޮޖިކަލް ތުރިލާގައި ވިކީ ކުޅެފައި ވަނީ މަސްތުވާތަކެތީގެ ވިޔަފާރިތެރޭ އުޅޭ އެސިސްޓެންޓް ކޮމިޝަނާއެއްގެ ރޯލެވެ. ނަމަވެސް ވިކީއަށް ލިބުނު ރޯލް ހުށަހަޅަމުން ދިޔައިރު އެކްޓަރެއްގެ ހައިސިއްޔަތުން އެކަމަށް ދޭންޖެހޭ ސަމާލުކަން ނުދެވޭ ކަމަށް މިހާރު ގިނަ ފިލްމުތައް ކުޅެ ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ އެކްޓަރު ވަނީ ބުނެފައެވެ.
ފިލްމީ ކެރިއަރުގައި ކުރި ހޯދުމަށް މަސައްކަތް ކުރިއިރު ފިލްމު "ރާމަން ރާގަވް 2.0"އިން ލިބުނު ފިލާވަޅު ތަކުގެ ބޭނުން ފުރިހަމައަށް ބޭނުންކުރި ކަމަށް ވިކީ ވަނީ ބުނެފައެވެ.
އިންޑިއާގެ ޤައުމީ އެވޯޑް ފިލްމު "އުރީ: ދަ ސަޖިކަލް އެޓެކް"އިން ހޯދާފައިވާ އެކްޓަރަކީ ވަތަނީ ފިލްމުތަކުން ގިނަ ބައެއްގެ ލޯބި ހޯދަމުން އަންނަ ފިލްމީ ތަރިއެކެވެ.
އޭގެތެރޭގައި، ފިލްމު "ސަރްދާރް އުޅަމް" އަދި "ރާޒީ" ހިމެނެއެވެ. ފިލްމު "ދަ ގްރޭޓް އިންޑިއަން ފެމިލީ"އިން އެންމެ ފަހުން ބެލުންތެރިންނަށް ފެނުނު އެކްޓަރު ދެން އެންމެ އަވަހަށް ސްކްރީނުން ފެންނާނީ މި ފެށޭ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ރިލީޒް ކުރާ ފިލްމު "ސާމް ބަހާދުރް" އިންނެވެ.