ވިލިއަން ފަހު ވަގުތު ކާމިޔާބުކޮށްދިން ޕެނަލްޓީއިން ފުލަމް މޮޅުވެއްޖެ

ވިލިއަން ވަނީ މިމެޗްގައި ފުލަމްއަށް ދެ ޕެނަލްޓީ ކާމިޔާބު ކޮށްދީފަ / ފޮޓޯ: ޝިއާ ސައުންޑްސް ރޭޑިއޯ

ވިލިއަން އެންމެ ފަހު ވަގުތު ކާމިޔާބުކޮށްދިން ޕެނަލްޓީއިން ފުލަމް މޮޅުވެއްޖެއެވެ.

އިންގްލިޝް ޕްރިމިއާ ލީގުގައި ވުލްވަހެމްޕްޓަން ވޮންޑަރާސްއާ ބައްދަލު ކުރި މެޗު ފުލަމް ކާމިޔާބުކުރީ ތިން ލަނޑު ދެ ލަނޑުންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ފުލަމްއިންނެވެ. މި މެޗް ވެގެންދިޔައީ ވީއޭއާރުގެ ބޭނުން ރެފްރީއަށް ވަރަށް ބޮޑަށް ހިފަން ޖެހުނު ތަން ފެނިގެން ދިޔަ މެޗަކަށެވެ.

މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ ހަތް ވަނަ މިނެޓްގައި ޖަހައި ލީޑު ނަގާފައިވަނީ ފުލަމްއިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެލެކްސް އިވޯބީއެވެ. ނަމަވެސް ވުލްވްސްއިން ވަނީ މެޗުގެ 22 ވަނަ މިނެޓްގައި މެތިއުސް ކުންޔާ ކާމިޔާބުކޮށްދިން ލަނޑާއެކު މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި މެޗްގައި ފުރަތަަމަ ފަހަރަށް ވީއޭއާރު ބޭނުން ކޮށްފައިވަނީ މެޗްގެ 59 ވަނަ މިނެޓްގައި ފުލަމްއަށް ލިބުނު ޕެނަލްޓީއާއެކުއެވެ.

ވުލްވްސްގެ ނެލްސަން ސެމޭޑޯ ފުލަމްގެ ޓޮމް ކެއާރީއަށް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީގައި ވީއޭއާރުން ވަރަށް ގިނަ އިރު ބެލުމަށްފަހު ނިންމީ ރެފްރީގެ ނިންމުން އެގޮތުގައި ދެމެހެއްޓުމަށެވެ. ނަމަވެސް ރިޕްލޭއިން ސެމޭޑޯގެ ފައި ބޯޅައިގާ ޖެހޭތަން ފެނެވެއެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދީ ފުލަމްއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ވިލިއަންއެވެ.

މި ލަނޑު ޖެހިތާ 20 މިނެޓްފަހުން ދެން ފެނިގެންދިޔައީ ވުލްވްސްއަށް ޕެނަލްޓީއެއް ލިބިގެންދިޔަ ތަނެވެ. މި ފަހަރު މާގިނަ އިރު ބެލުމެއް ނެތި ވީއޭއާރުން ވަނީ ރެފްރީގެ ނިންމުމަށް ތާއީދުކޮށްފައެވެ. މި ޕެނަލްޓީ ވުލްވްސްއަށް ކާމިޔާބު ކޮށްދީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ހުވާންގް ހީ ޗޭންއެވެ.

މި މެޗުން މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގެ ހަތަރު ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދީ ވެސް ވިލިއަންއެވެ. ވުލްވްސްގެ ޕެނަލްޓީ އޭރިއާ ތެރޭގައި ފުލަމްގެ ހެރީ ވިލްސަން އާއި ވުލްވްސްގެ ޖާއޮ ގޯމޭޒް ޖެހި ހިނގި ހާދިސާއަށް ފަހު ރެފްރީ ޕްލޭ އޮން ދައްކާ ކުޅުން ކުރިއަށް ގެންދިޔަ ނަމަވެސް ވީއޭއާރުގެ ލަފާގެ މަތިން އެ ހާދިސާ އަލުން ބެލުމަށްފަހު ރެފްރީ މި ޕެނަލްޓީ ފުލަމްއަށް ދިނީއެވެ.

މި ކާމިޔާބީއާއެކު ފުލަމް މިހާރު މިވަނީ 13 މެޗުން ލިބިފައިވާ 15 ޕޮއިންޓާއެކު ތަވަލްގެ 14 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ވުލްވްސް އުޅެނީ 15 ޕޮއިންޓް ލިބި ނަމަވެސް މައިނަސް ގޯލް އެންމެ މަދުން ހުރުމާއެކު 12 ވަނައިގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު