އަހަރެން ލޯބި ބޭނުންވިއެވެ. ބައިވެރިއެއްގެ ހިމާޔަތާއި އަޅާލުމަށްވުރެ އުފާވެރިކަމެއް ވަކި ކޮބައި ހެއްޔެވެ؟ ދެރަވެ، ހިތްދަތިވާ ވަގުތުތަކުގައި އަބަދުވެސް އެންމެ ގާތުގައި ވަނީ ޝައިތާނާކަން އަހަރެންނަށް އެނގެއެވެ. ހެވާއި ނުބައި އަހަރެންނަށްވެސް ވަކިވެއެވެ. އެހެންނަމަވެސް މާޔޫސްވުމުން އެކަންކަން ގަބޫލުކުރަން ޟަމީރު އެއްބަސް ނުވަނީއެވެ.
********
ތުއްތު ދަރިފުޅު ގޮވައިގެން ޖީހާންގެ ހުރިހާ ކަމެއް ކޮށްދެމުން ދިޔައީމެވެ. ބަދަލުގައި އެއްޗެއް ލިބޭނެތީއެއް ނޫނެވެ. ކައިވެނީގެ މަތީގައި ދެމިހުރީތީއެވެ.
ދުވަސްތައް މާޒީއާއި އެކުވަމުން ދިޔަވަރަކަށް، އަހަންނަށް އެކަނިވެރިކަން އިހުސާސްކުރެވެން ފެށީ މާބޮޑަށެވެ. ސިކުނޑިއަށް ފުނިޖެހިފައިވާ ޝަކުވާތަށް ބައިވަރެވެ. ނެތީ އެއަޑު އަހާނޭ މީހެކެވެ. ނުވެސް ދަންނަ ބައެއްގެ ތެރޭގައި އަހަރެން މުޅީން އެކަނިވެރިވިއެވެ. ދަރިފުޅާއިއެކު ބިކަވެ، ހެދޭ ނުހެދޭއެއް ނޭނގި އަހަރެންގެ މުޅި ދިރިއުޅުން އެފުށް މިފުށަށް ޖެހުނު ކަމުގެ އިހުސާސް ކުރެވުނެވެ. ފިރިއެއްގެ ފަރާތުން ލިބެންޖެހޭ ލޯތްބާއި އުފާތައް އެންމެ ބޭނުންވި ދުވަހު އެއުފާތަކުންވެސް އަހަރެން މަހުރޫމުވީއެވެ. ދުވަހަކު މީހެއްގެ ކައިރީގައި އާދޭސް ނުކުރާވަރަށް އަހަރެން ޖީހާންގެ ކައިރީގައި އާދޭސްކުރީމެވެ. ފިރިއެއްގެ ލޯތްބާއި ފިރުމުންތަކަށް އެދި ސަލާންޖެހީމެވެ. ޖީހާން ހިތްއެދޭ ހުރިހާ ގޮތަކަށް އަހަރެންގެ ކަންކަން ބަދަލުކުރީމެވެ. އަބަދު ފެންވަރައި ރީތިވެލައިގެން ހުންނަނީ ޖީހާންގެ ނަޒަރު އަހަންނަށް އަމާޒުވެދާނޭ ކަމުގެ އުއްމީދުގައެވެ. އެއިން އެއްވެސް ކަމަކުން ކުރި ފައިދާއެއް ނެތެވެ. އަހަރެންގެ ކަރުނަތައް ވީ ބޭކާރެވެ. ކުރި މަސައްކަތްވީ ފޫނެއް ފަޔަށް ފެން ފުރުން ކަހަލަ ކަމަކަށެވެ.
އަހަރެންގެ ހާލަތު ޖީހާންއަކަށް ނުވިސްނުނެވެ. ފިރިއެއްގެ ލޯތްބާއި އަޅާލުން އަހަރެންގެ ހަށިގަނޑަށްވެސް ބޭނުންވާނެކަން ޖީހާން ހަނދާން ނައްތައިލީއެވެ. ފިރިއެއްގެ މަގާމުގައި ހުރެ، އަހަރެންނަށް ހައްގު ހުރިހާ އުފަލަކުން މަހުރޫމުކޮށްލީ ގަސްތުގައެވެ. ނޭނގެނީ ޖީހާން އަހަރެންދެކެ ފޫހިވާން މެދުވެރިވި ސަބަބެވެ. އަހަރެންގެ ހިތުގައި ފެށުނީއްސުރެ އުފެދިފައިވާ ސުވާލުތަކުގެ ޖަވާބެއް ނުލިބުނެވެ. އަހަރެންގެ ކުށަކީ ކޮބައި ހެއްޔެވެ؟ އެންމެންވެސް އަހަރެން ބާކީކޮށްލަނީ ކީއްވެ ހެއްޔެވެ؟
އަހަރެން މާޔޫސްވާން ފެށިއެވެ. ދިރިއުޅުން މަތީން އެކީހެން ފޫހިވިއެވެ. ދުވަހަކުވެސް އަހަރެންނަށް އުފަލެއް ނުލިބޭނެ ކަމުގައި ގަބޫލުކުރެވުނެވެ. އެވަގުތު އެންމެ ކައިރީގައިވި ޝައިތާނާ އަހަރެންގެ ސިކުނޑި އާއި ކުޅެލިއެވެ. އެހުރިހާ ދުވަހު ނުލިބުނު ލޯތްބާއި އުފާ ހޯދާނޭގޮތް އެޝައިތާނާ ދިޔައީ ކިޔައިދެމުންނެވެ. ދަރިފުޅާއިއެކު ހޭދަކުރާ ވަގުތުތަކުގެ އިތުރުން އެކަނިވެރިކަން ފިލުވުމަށް އަހަރެން ބޭނުންކުރަންފެށީ މީސްމީޑިޔާއެވެ. އެއީ އަހަރެންގެ ތެދުވެރިކަމުގެ ބިންގާ ފުނޑުފުނޑުކޮށްލުމަށް ހުޅުވާލެވުނު ދޮރެއްކަން އެނގުނުއިރު ވަގުތު ވަނީ ފާއިތުވެފައެވެ. ޖެހެންނުވާވަރުގެ މަޅިއެއްގައި ޖެހި ހައްޔަރުވެވިފައެވެ.
ކުށްކުރެވޭނީވެސް އިންސާނުންނަށްތާއެވެ. މީހަކު ގޯސްކޮށް ކަމެއް ކުރުމުން އަނެކާވެސް އެދަރަޖައަށް ވެއްޓޭކަށް ނުޖެހެއެވެ. ނޭނގުމެއްގެ ތެރެއިން ވިޔަސް އަހަރެންނަށްވެސް އެގޯސް ހެދުނެވެ. ފިރިމީހާގެ އިން ފަހަނައަޅައި، ދިޔުމަށް މަޖުބޫރުވީ "ފޭސްބުކް" އިން އައި ހަމަ އެންމެ "ފްރެންޑް ރިކްއެސްޓް" އެކެވެ. އޭރު އަހަރެން ހުރީ ބަރުދާސްތުކުރަންޖެހުނު ވޭނުގެ ސަބަބުން މޮޔަވާން ކައިރިވެފައެވެ. ހިތުގައިވި އުދާސްތައް މީހަކާއި ހިއްސާކޮށްލަން ކެތްމަދުވެފައެވެ. އެކަނި ހާލަށް ހުރިހާ ކަމެއް ބަރުދާސްތުކުރެވޭ ވަރަށްވުރެ އަހަރެން ނިކަމެއްޗެވެ. އާއިލާގައިވެސް ކަމެއް ހިއްސާކޮށްލެވޭނޭ ވަރުގެ މީހަކު ނެތެވެ. ރިލްވާން ކަހަލަ ދުރުހިލޭ މީހަކު އަހަންނަށް ހާއްސަވީ އެހެންވެއެވެ.
އަންހެނުންނަކީ ހިތްބަލި ބައެއްކަމަށް ގިނަ މީހުން ގަބޫލުކުރެއެވެ. އެމީހުންނަކީ ކަންކަމުގައި އުއްމީދުތައް ގިނަ، ޝަކުވާވެސް ގިނަ ބައެކެވެ. ލޯތްބާއި އަޅާލުން އިންތިހާއަށް ބޭނުންވެއެވެ. އެމީހުންގެ ޝަކުވާތަކުގެ އަޑު ނާހާނަމަ، އެކަން ވަނީ ބޮޑު މައްސަލައަކަށެވެ. ގިނަފަހަރު އެހެން ދިމަދިމާއަށް އަންހެނުން ދާން މެދުވެރިވަނީ ބައިވެރިޔާގެ އަޅާލުން ކުޑަވުމުންނެވެ. އަހަރެންނަށްވެސްވީ އެހެންނެވެ. އަޅާލުމާއި އޯގާތެރިކަން ލިބެންފެށީ، ނުވެސް ދަންނަ، ހިލޭ ފިރެހެނެއްގެ ފަރާތުންނެވެ. އެމީހަކީ ރިލްވާން އެވެ. ރިލްވާން އަހަރެންގެ ހާލު ބަލައެވެ. އަޅާލައެވެ. އޯގާތެރިކަމުގެ ބަސްތަކުން ހިތުގެ ވޭން ލުއިކޮށްދެއެވެ. އަހަރެން ދައްކާ ކޮންމެ ވާހަކައެއް ސައުގުވެރިކަމާއިއެކު އަޑުއަހައެވެ.
ރިލްވާން އާއި ވާހަކަ ދައްކަން ފެށުމުން އަހަރެންގެ މަރުވަމުންދިޔަ ހިތަށް ދިރުން ލިބެން ފެށިއެވެ. ހަނަފަސްވެފައިވާ ސަހަރާއަކަށް ފެން ލިބުނުކަމުގެ އިހުސާސް ކުރެވުނެވެ. އަހަރެން ބޭނުންވީ އަހަރެންގެ ހިތުގެ އަޑު އަހާލާނޭ މީހެކެވެ. ކޮންމެ މީހަކަށް ވިޔަސް ވެހެވެ. ކޮންމެ ކަމެއް އުއްމީދުކުރާގޮތަކަށް ނުވެދާނެއެވެ. ނޭނގި ހުއްޓައި އެކުވެރިކަމަކުން ފެށުނު އެގުޅުމުގެ މިސްރާބު ބަދަލުވާން ފެށިއެވެ. ހެދެނީ ގޯހެއްކަން ރޭކާލިއިރު، ރިލްވާން އާއި ދުރަށްދާކަށް އަހަރެންގެ ހިތެއް ނޭދުނެވެ.
ރިލްވާން އަކީ މީހެއްގެ ފިރިއެކެވެ. ތިން ކުދިންގެ ބައްޕައެއްވެސް މެއެވެ. އެކަން އަހަރެންނަށްވެސް އެނގެއެވެ. ދެމީހުންގެ ގުޅުން ކުރިޔަށް ދިޔައީ އެކަކު އަނެކަކު ރަނގަޅަށް އެނގިގެންނެވެ. ރިލްވާން ބުނާގޮތުންނަމަ، އޭނަ ދިރިއުޅެމުންދަނީ ވަރަށް ހާލުގައެވެ. ނުރޯ ދުވަހެއް މަދެވެ. އަނބިމީހާ ކަންތައް ކުރާ އިހާނެތި ގޮތުންނެވެ. ގިނަދުވަސްދުވަހު ކާއެއްޗެއް ނުދެއެވެ. ދެމަފިރިންގެ ދެމެދުގައި އޮންނަންޖެހޭ އެއްވެސް ގުޅުމެއްވެސް ނެތްތާ އެތައް ދުވަހެއް ފާއިތުވެއްޖެއެވެ. އަނބިމީހާގެ ކަމަކީ ޒުވާބުކުރުމާއި، ޖެއްސުން ކުރުމެވެ. ދެމީހުންގެ ދެމެދުގައި އޮތް ގުޅުން އޮތީ އެކީގައި ނޫޅެވޭ ވަރަށް ހީނަރުވެފައެވެ. އެކައިވެނީގެ މަތީގައި ރިލްވާން ދެމިހުރީ ހަމައެކަނި ދަރިންނަށް ޓަކައެވެ. ކެތްކޮށްގެން ހުރީ އިތުރުގޮތެއް ފެންނަން ދެނެވެ. ދަރިންގެ މުސްތަގުބަލަށް ހިޔަނި ނޭޅޭނޭހެން އެހެން ގޮތެއް ފެނުމުން، އަންހެނުން ދޫކޮށްލަން ތައްޔާރަށް ހުރި ކަމުގައި ރިލްވާން ބުންޏެވެ. އަހަރެންގެ ހިތުގައި ރިލްވާން އާއިމެދު ހަމްދަރުދީ އުފެދުނެވެ. އެފަދަ ނިކަމެތިކަމެއް ތަޖުރިބާކުރަން ޖެހިފައިވާތީ، އެއިހުސާސް އަހަރެންނަށް ވަރަށް ރަނގަޅަށް އެނގެއެވެ. އަންހެނަކު ފިރިއެއްގެ ލޯބި ބޭނުންވާނޭހެން ފިރިއަކުވެސް އަނތްބެއްގެ ލޯބި ބޭނުންވާނެ ނޫން ހެއްޔެވެ؟
އަހަރެންގެ އެކަނިވެރިކަމުގެ ފައިދާ ރިލްވާން ނެގީ އޭގެ އެންމެ ފުރިހަމަ ގޮތުގައެވެ. އަހަރެން އުއްމީދުކުރި ކަހަލަ ލޯބީގެ ދަޅަ ދައްކައިގެން ހިތާއި ކުޅެލިއެވެ. ރިލްވާން އެދުނީ ފިރިމީހާގެ ކައިރިން ވަރިވެގެން އޭނަގެ ގާތަށް ދިޔުމަށެވެ. ދެމީހުންގެ ދިރިއުޅުންވެސް އުޖާލާވާނީ އެހެން ހެދުމުން ކަމުގައި ބުނެ އަހަރެންނަށް ވިސްނުން ލައިދިނެވެ. ދެވަނަ އަނތްބެއްގެ ގޮތުގައި އަހަރެން ބަހައްޓައިދޭނެ ކަމަށާއި އަހަރެންގެ ދަރިފުޅަށް ބައްޕައެއްގެ ލޯބި ދޭނެކަމަށް ބުނެ ވައުދުވިއެވެ.
ރިލްވާން އެދުނު ފަދައިން ޖީހާން އާއި ދުރަށް ދާން އަހަރެން ނިންމީމެވެ. ކެޔޮ ކޭ ވަރެއް އެނގޭނީ ބިތު ފަންގި ނެގީމަތާއެވެ. އެހާ ހިސާބުން އަނެއްކާވެސް އިތުރު ކަމެއް ފެންމަތިވިއެވެ. ޖީހާންގެ ކުރީގެ އަނބިމީހާ އާއި ޖީހާން އާއި ގުޅުން އޮންނަކަން އަހަންނަށް އެނގުނެވެ. ދެމީހުން ތިބީ އަލުން ކައިވެނިކުރަން ބޭނުންވެފައެވެ. ޖީހާން އަހަރެންނާއި ކައިވެނިކުރީ ލޯތްބަކުން ނޫނެވެ. ޖީހާން އަބަދުވެސް ލޯބިވަނީ އޭނަގެ ކުރީގެ އަނބިމީހާ ދެކެއެވެ. އަހަންނަކީ އެއްޗެއް ނެތްތަން ފޫބައްދައިލަން ޖީހާން ބޭނުންކޮށްލި އުނގުރިގަނޑެކެވެ.
ކުރީގެ އަނބިމީހާ އާއި ދަރިފުޅާއި ނުލައި ނޫޅެވޭނޭ ކަމަށް ޖީހާން ތަކުރާރުކޮށް ބުންޏެވެ. އަހަރެން ހިތަށް ތަދުވިއެވެ. ހިތުގައި ޖެހުނެވެ. ކޮންމެ ތަނެއްގައިވެސް ބާކީވާ މީހަކަށް މިވީ އަހަންނެވެ. ހަމައެއާއިއެކު އެލިސްޓަށް އަހަރެންގެ ދަރިފުޅުގެ ނަންވެސް އިތުރުވީއެވެ. އެތުއްތު ދަރިފުޅުގެ ކުށަކީ ކޮބައި ހެއްޔެވެ؟ އަހަރެންގެ ލޭ އެހަށިގަނޑުގައި ދައުރުވުން ހެއްޔެވެ؟ ބައްޕައެއްގެ ލޯބި އެދަރިފުޅަށްވެސް ބޭނުންވެއެވެ. އެހެނަސް އާހިރުގައި އަހަންނާއި އަހަރެންގެ ދަރިފުޅު ނިކަމެތިވީ އެއްވެސް ކުށެއް ނެތިއެވެ.
އަހަރެންގެ ހަމަހޭވެރިކަން ފިލާދިޔަ ކަހަލައެވެ. އިތުރަށް އެންމެ ސިކުންތަކުވެސް އެދިރިއުޅުމުގެ ތެރޭގައި ހުންނާކަށް ބޭނުމެއް ނުވިއެވެ. ވަރިއަށް އެދުނީމެވެ. އެހެނަސް ވަރިކުރާކަށް ޖީހާން އެއްބަހެއް ނުވިއެވެ. ޖީހާން ބޭނުންވީ އަހަރެން އެދިރިއުޅުމުގެ ތެރޭގައި ބަހައްޓައިގެން ކުރީގެ އަނބިމީހާ އާއި އަލުން ކައިވެނިކުރާށެވެ. ކީއްވެ ހެއްޔެވެ؟ އަހަރެން ވަރިކޮށްފައި އެއްލައިނުލާން ނިންމީ އެނަމަށް ހުތުރުވެދާނެތީ ހެއްޔެވެ؟ ލޯތްބާއި އަޅާލުން ނުދެވޭއިރު، ހަމައެކަނި ނަމެއްގައި އިންނަ މީހަކަށް ވާން އަހަރެން ވަކި ބޭނުންވާނެ ހެއްޔެވެ؟ އަހަރެންގެ ކުރިމަތީގައި އިތުރު އަންހެނަކު ގޮވައިގެން އުފާކުރާއިރު، ނިކަމެއްޗެއްހެން ސަލާންޖަހާ ނާށިގަނޑު ހިފައިގެން އިނުމަށް ކެތްވާނެ ހެއްޔެވެ؟
ޖީހާންގެ ކައިރިން އަހަރެން ވަރިވީމެވެ. އެފަދަ ނިންމުމެއް ނިންމަންޖެހުނީތީ ދެރަވިއެވެ. އެކަން ކުރަން ފަސޭހައެއްވެސް ނުވިއެވެ. އެކަމަކު އެނޫން ގޮތެއް ނެތުނީއެވެ.
މީހެއްގެ ހަގީގަތް އެނގޭނީ އެއް އޮޑިން ދަތުރުކޮށްލީމައެވެ. އޭގެ ކުރިން ފެންނާނީ ބޭރުފުށުން އެމީހާ ދައްކާލާ ރީތި ކުލަތަކެވެ. އަހަރެން ޖީހާންގެ ކައިރިން ވަރިވިކަން އެނގުމާއިއެކު ރިލްވާންގެ ކޯލުތައް މެދުކެނޑުނެވެ. މެސެޖު ކުރިޔަސް ޖަވާބެއް ނުދެއެވެ. އަހަރެން ތަކުރާރުކޮށް ގުޅުމުން ބުނީ އޭނަގެ އަންހެނުން ދޫކޮށްލެވެން ނެތްކަމަށެވެ. ދަރިން ތިބީތީ، އެކުދިން ބިކަކޮށްލާނެ ގޮތެއް ނުވިސްނޭ ކަމަށެވެ.
ބިކަވީ ކާކު ހެއްޔެވެ؟ ދިރިއުޅުމުގައި "ފެއިލް ބޯޑު" އަޅުވަންޖެހުނީ ހަމަ އަހަރެންނަށެވެ. އިތުރު ކައިވެންޏެއް ކުރަން ބޭނުން ނުވާކަމަށްބުނެ، އެދިރިއުޅުމުގެ ތެރެއިން ރިލްވާން އަހަރެން ނެރެ އެއްލައިލީ މޫނުފޮހެފައި އެއްލައިލާ ޓިޝޫކޮޅެއް ފަދައިންނެވެ. އަހަރެންނަކީ އެއްވެސް އަގެއް ނެތް އެއްޗެއް ފަދައެވެ. އެންމެންވެސް ބޭނުން ފުދުމުން އަހަރެން އެއްލައިލާހެން ރިލްވާންވެސް އަހަރެން ދޫކޮށްލީއެވެ. އޭގެ ފަހުން ރިލްވާނާއި އަނގައިން ނުބުނުމަށް އަހަރެން ހުވާކުރީމެވެ. އެފަދަ ކެހިވެރިއެއްގެ ދަލުގައި ޖެހެވުނީތީ ހިތާމަކުރާ ޙާލުގައެވެ. އެނބުރި ރަށަށް އައިއިރު އަހަރެންގެ ހިތް ވަނީ ލޭކަރުނުން ފުރިފައެވެ. އެވަރުންވެސް ޝަކުވާގެ އެންމެ ބަހެއްވެސް މިދުލަކަށް ނުގެންނަމެވެ. އެތެރެއިން ފުނޑުފުނޑުވަމުން ދިޔަނަމަވެސް، އެއްވެސް މީހަކު ކުށްވެރިކުރާކަށް އަހަރެން ބޭނުމެއް ނުވިއެވެ. މިއީ އަހަރެންގެ ތަގުދީރުގައި ރޭވިފައިވާ ގޮތެވެ. މިއީ އަހަންނަށް މިންވަރު ކުރެއްވި ގޮތެވެ.
ދަރިއަކު ގޮވައިގެން އައިސް މަންމަމެންގެ ކައިރީގައި އުޅެން އަހަންނަކަށް ފަސޭހައެއް ނުވިއެވެ. ބައްޕަވެސް އަނގަޔަކުން ނުބުނެއެވެ. އެންމެންވެސް ހީވަނީ އަހަރެންނާއި އަނގައިން ނުބުނަން ހުވާކޮށްގެން ތިބޭހެންނެވެ
ރަށަށް އައިތާ ދުވަސްކޮޅެއް ފަހުން އަނެއްކާވެސް ރިލްވާންގެ ފޯނުކޯލުތައް ލިބެން ފެށިއެވެ. އަހަރެންދެކެ އަބަދުވެސް ލޯބިވާކަމަށް ބުންޏެވެ. މުއުމިނެއްގެ ގައިގައި އެއްހޮރަކުން ދެފަހަރަކު ކައްޓެއް ނުޖެހޭނެއޭ ބުނެ އުޅެއެއް ނޫން ހެއްޔެވެ. ޖަޒުބާތުގައި ޖެހި އަހަރެންނަށް ހެދުނީ ގޯހެކެވެ. ރިލްވާންގެ ކޯލުތަކަށް އަހަރެން ދިނީ ބީރު ކަންފަތެކެވެ. ދެވަނަ ފަހަރަށް އެފަދަ ކެހިވެރިއެއްގެ ދަލުގައި ޖެހޭވަރުގެ މޮޔައަކަށް ވާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ކުށް ކުރެވުމުން އެކަމާއި ތަޢުބާވެ، އެފަދަ ކުށެއް ތަކުރާރު ނުކުރުމަށް އަހަރެން ހުރީ އަޒުމު ކަނޑައަޅައިގެންނެވެ. ރިލްވާންއަށް އަހަރެން ދިން ޖަވާބަކީ އެޔެވެ.
ކުޑަ ކުއްޖަކު ބަލައި ބޮޑުކުރުމަކީ ބޮޑު ހަރަދެއް ދާނޭ ކަމެކެވެ. ދަރިފުޅަށްޓަކައި އަހަރެން ނިންމީ އެއްވެސް މީހަކަށް ބަރޯސާނުވެ، އަމިއްލަ ފައިމައްޗަށް ތެދުވާށެވެ. ދަރިފުޅުގެ ކަންކަން ބެލެހެއްޓުމަށް ވަޒީފާއަކަށްދާން އަހަރެން ނިންމީމެވެ. ވަޒީފާއެއް ލިބޭތޯ އަހަރެން ކުރި މަސައްކަތުން ރަށު ސިއްޚީމަރުކަޒުން މަސައްކަތު މީހެއްގެ ވަޒީފާ ހަމަޖެހުނެވެ. ބުރަ އަދި ޒިންމާ ބޮޑު ވަޒީފާއެކެވެ. އެހެނަސް ކެތްތެރިކަމާއިއެކު އަހަރެން ކުރިޔަށް ދިޔައީމެވެ. ދަރިފުޅުގެ ކަންކަން ކުރަމުން ވަޒީފާގައި އުޅުން ވީ ބުރަ ކަމަކަށެވެ. އަހަރެންދެކެ ހިތްހަމަނުޖެހުނަސް، ވަޒީފާގައި އުޅޭވަގުތުތަކުގައި މާމަ ދަރިފުޅުގެ ކަންކަން ބަލަހައްޓައިދޭނެކަމަށް މަންމަ ބުނުމުން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ.
ދުވަސްތައް ފާއިތުވަމުންދިޔައީ ހީވެސް ނުކުރާހައި އަވަހަށެވެ. އަހަރެންގެ ދަރިފުޅަށް ހަތަރު އަހަރުވީއެވެ. އަހަންނާއި ދޭތެރޭ މަންމަ ދެކޭގޮތް ބަދަލެއް ނުވިއެވެ. އެހެނަސް އެދުރުކަމަށް އަހަރެން ހޭނިއްޖެއެވެ. އެއްޗެއް ބުންޏަސް ބޮޑުކަމަކަށް ނުހަދަމެވެ. ބޭކާރު މީހުން ތިބެންޖެހޭނީ އެމީހުންގެ މަގާމުގައި ކަން އަހަންނަށް ގަބޫލުކުރެވުނީއެވެ.
(ނުނިމޭ)