ބަދިގޭގައި އުޅޭ ފަރާތްތަކަށް ޚާއްޞަ ހަދިޔާއެއް!

ރީތި ބަދިގެއެއްގައި ފަސޭހައިން މަސައްކަތްކޮށްލެވޭގޮތަށް ހުރުމުން ހިތްހަމަނުޖެހޭނެ މީހަކު ހުންނާނެހެއްޔެވެ؟ -- ފޮޓޯ / ވޭކްފިޓް.ކޮމް

މާކަނަމަދު (އާމަންޑް) ގެ ތޮށި ނޮޅައިގެން ބޭނުންކުރަންޖެހޭ ފަހަރު އާދޭދޯއެވެ؟ އެހެންވެއްޖެނަމަ ހޫނު ފެންފޮދެއްގެތެރޭގައި ފަނަރަ ނުވަތަ ވިއްސަކަށް މިނެޓު ވަންދެން ބަހައްޓައިލާށެވެ. ވަރަށް ފަސޭހައިން ތޮށިގަނޑު ނައްޓައިލެވޭނެއެވެ.

މާކަނަމަދު ނުވަތަ އާމަންޑް -- ފޮޓޯ / ދަފާމާސްސްޓޯރ.އިން

އާފަލުން ބައެއް ކަނޑައިލާފައި އަނެއްބައި ގިނައިރު ވަންދެން ބާއްވައިފިނަމަ މުށިކުލަ އަރައި ތާޒާކަން ކެނޑޭގޮތް ވާނެއެވެ. މިކަން ހައްލުކުރުމަށްޓަކައި، އެތިކޮޅެއް ނައްޓައިލާފައިވާ ބައިގައި ލުނބޯ ހުތްފޮދެއް އުނގުޅައިލާށެވެ. މުށިކުލަ ނާރައި ތާޒާކަންމަތީ ގިނައިރު ހުންނާނެއެވެ.

އާފަލު -- ފޮޓޯ / އެޕިކިއޮރަސް.ކޮމް

ބޮޑުމިރުސް (ބެލް ޕެޕަރ) ނުދޮވެ، ޕުލާސްޓިކު ކޮތަޅަށް ލައި ރަނގަޅަށް ބަންދުކޮށްފައި ފުރިޖުގައި ބަހައްޓާށެވެ. ދެހަފުތާއާއި ތިންހަފުތާއާ ދެމެދުގެ މުއްދަތަކަށް ތާޒާކަންމަތީ ދެމިހުންނާނެއެވެ.

ބޮޑުމިރުސް ނުވަތަ ބެލްޕެޕަރ -- ފޮޓޯ / ނަރަޔާނާހެލްތު.އޯގް

ފެހި އޮށް (ގްރީން ޕީ) ގިނަ ދުވަހު ތާޒާކަންމަތީ ބަހައްޓަން ބޭނުންނަމަ، ޕޮލިތޭން ކޮތަޅަކަށް އެޅުމަށްފަހު ފުރިޖުގެ ކްރިސްޕަ ޑްރޯވާ ގައި ބަހައްޓާށެވެ.

ފެހި އޮށް -- ފޮޓޯ / ހެލްތު.ކޮމް

ލުނބޯ މާބޮޑަށް ހަރުވެފައިވާނަމަ ހުތް ފެލަން އުނދަގޫވާނެއެވެ. އެހެންވެއްޖެނަމަ ހޫނު ފެންފޮދެއްގެތެރޭގައި ފަސްވަރަކަށް މިނެޓުވަންދެން ބާއްވައިލާށެވެ. އިސާހިތަކު މަޑުވެދާނެއެވެ. ލުނބޯ ރައްކާކުރަން އެންމެ ރަނގަޅީ ރަބަރު ކޮތަޅަށް ލާފައި ފުރިޖުގައެވެ.

ލުނބޯ -- ފޮޓޯ / ޖޯޖްޕެރީ.ކޯ.ޔޫކޭ

ފިޔައާއި އަލުއްވަކީ އެކައްޗެއްގައި ބަހައްޓަން ކަމުދާ އެއްޗެއްނޫނެވެ. މި ދެބާވަތް އެކުގައި ބެހެއްޓުމުން އަލުވި ހަލާކުވާލެއް އަވަސްވާނެއެވެ.

ފިޔައާއި އަލުވި -- ފޮޓޯ / އެމެޒަން.އިން

މިކްސަރު ނުވަތަ ބްލެންޑަރުގެ ތިލަ ކޮށިވެގެން އުނދަގޫވޭހެއްޔެވެ؟ އެހެންވެއްޖެނަމަ މަހަކު އެއްފަހަރު ފުށް ލޮނު (ފުރެއްދެ ލޮނު) ކޮޅެއް މުގުރައިލާށެވެ. ތިލަ ތޫނުކަންމަތީ ދެމިހުންނާނެއެވެ.

މިކްސަރ -- ފޮޓޯ / އެމެޒަން.ކޮމް

ދޮންކެޔޮވަކުގެ ތަނޑީގައި ފޮއިލުކޮޅެއް އޮޅައިލާފައި ބާއްވާށެވެ. ރަނގަޅަށް ދޮންވެފައިވާ ކެޔޮވަކެއް ޢާއްމުކޮށް ފީވެ ހަލާކުވާ މުއްދަތަށްވުރެ ގިނަ ދުވަހު ހަލާކުނުވެ އޮންނާނެއެވެ. އަދި ފީވުމުގެ ކުރިން، ކެޔޮވަށް ޗަސްކޮށްލުމަށްފަހު ޕުލާސްޓިކު ކޮތަޅަކަށް ނުވަތަ މަތިޖެހި ޕުލާސްޓިކު ތައްޓަކަށް އަޅައި ގަނޑުކުރާ ބައިގައި ބެހެއްޓިދާނެއެވެ. ސްމޫތީފަދަ އެއްޗެތި ތައްޔާރުކޮށްލަން އެ ބޭނުންކުރެވޭނެއެވެ.

ދޮންކޭލުގެ ތަނޑީގައި ފޮއިލް އޮޅާފައި -- ފޮޓޯ / ކުކްޕޭޑް.ކޮމް

ގިނަދުވަހު ޓޮމާޓޯ ތާޒާކަންމަތީ ބެހެއްޓުމަށްޓަކައި ފްރިޖަށްލުމަކީ އެންމެ ރަނގަޅުގޮތެއްނޫނެވެ. އޭގެ ބަދަލުގައި ފުރިޖަށްނުލައި ބެހެއްޓުމުން ގިނަ ދުވަހު ތާޒާކަންމަތީ ދެމިހުއްނަކަން ފާހަގަކުރެވޭނެއެވެ. ޓޮމާޓޯ ބަހައްޓަން އެންމެ ރަނގަޅީ އޭގެ ތަނޑި އިންނަ ކޮޅު އަޑިއަށްވާގޮތަށެވެ.

ޓޮމާޓޯގެ ތަފާތު ވައްތަރުތައް ހުރޭ -- ފޮޓޯ / ފުޑްނެޓްވޯކް.ކޮމް

ސެލެޑާއި އެނޫންވެސް ބޭނުންތަކަށް ރައްކާކުރާ ފަތް (ގްރީންސް) ، ސްޓޯރޭޖު ކޮންޓެއިނަރެއްގެތެރޭގައި ޕޭޕަރ ޓަވަލްއެއް އަޅައި އޭގެ މަތީގައި ބަހައްޓާށެވެ. އަދި މަތިގަނޑު ޖެހުމުކުރިން، ފަތްތަކުގެ މަތީގައިވެސް ޕޭޕަރ ޓަވަލްއެއް ބާއްވާފައި މަތި ޖަހާށެވެ. އެއަށްފަހުގައި ފުރިޖުގައި ބަހައްޓާށެވެ. ދިހަވަރަކަށް ދުވަސްވަންދެންވެސް ތާޒާކަންމަތީ ހުންނަކަން ފާހަގަ ކުރެވޭނެއެވެ.

ތަފާތު ބާވަތުގެ ފަތް (ގްރީންސް) ޕޭޕަރޓަވަލްއާއެކު ޕުލާސްޓިކު ކޮންޓެއިނަރެއްގައި -- ފޮޓޯ / ލިވްފްރެޝްފާމާސް.ކޮމް

މަޝްރޫމް ރައްކާކުރަން އެންމެ ރަނގަޅީ މުށި ކަރުދާސް ކޮތަޅުގައެވެ. މިކަހަލަ ކޮތަޅަށް އެޅުމަށްފަހު ފުރިޖުގައި ބެހެއްޓުމުން، ޢާއްމުކޮށް މަޝްރޫމް ހަލާކުވާ މުއްދަތަށްވުރެ ގިނަ ދުވަހު ތާޒާކަންމަތީ ހުރެއެވެ.

މުށި ކަރުދާސް ކޮތަޅަށް މަޝްރޫމް އަޅާފައި -- ފޮޓޯ / ގްރޯސައިކަލް.ކޮމް

ޕާނާއި ކިއުކަންބާ، ފުރިޖުގައި ރައްކާކުރުމުން ގިނަ ދުވަހު ތާޒާކަންމަތީ ހުންނާނެކަމަށް ޤަބޫލުކުރާނަމަ އެއީ ކުށްހީއެކެވެ. ރޫމް ޓެމްޕަރޭޗަރުގައި އެތަކެތި ބެހެއްޓުމުން މާގިނަ ދުވަހު ތާޒާކަންމަތީ ދެމިހުރެއެވެ.

ކިއުކަންބާ އާއި ޕާން -- ފޮޓޯ / ސަދާންލިވިން.ކޮމް

ކިރު ރައްކާކުރަން އެންމެ ރަނގަޅީ މަތިޖެހި ބިއްލޫރި ފުޅިއަކަށް އަޅައި ފުރިޖުގައި ބެހެއްޓުމެވެ. ކާޑުބޯޑުން ހަދާފައި ހުންނަ ޕެކެޓަށްވުރެ ބިއްލޫރި ފުޅީގައި ފިނިކަން ހިފަހައްޓާލެއް ބޮޑެވެ. ނަތީޖާއެއްގެގޮތުން، ބިއްލޫރި ފުޅީގައި ބަހައްޓާ ކިރު ގިނަ ދުވަހު ތާޒާކަންމަތީގައި ދެމިހުރެއެވެ.

ބިއްލޫރި ފުޅިއަށް ކިރު އަޅައި ފުރިޖަށް ލާފައި -- ފޮޓޯ / ރިއަލްސިމްޕަލް.ކޮމް

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު