ޔަހޫދީ އިސްރާއީލާއި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތާ ދެމެދު ކުރަމުންދާ ހަނގުރާމައާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ޔޫރަޕް އިއްތިހާދު (އީޔޫ)ގެ މެމްބަރު ގައުމުތަކާއި މެދުއިރުމައްޗާއި އުތުރު އެފްރިކާގެ ގައުމުތަކުގެ ވަފުދުތައް ހޯމަ ދުވަހު ސްޕެއިންގެ ބާސެލޯނާގައި ބައްދަލުކޮށްފިއެވެ.
ޔޫނިއަން ފޯ ދަ މެޑިޓެރޭނިއަނުން ބާއްވާ މި ބައްދަލުވުމުގައި 42 ވަފުދު ވަނީ ބައިވެރިވެފައެވެ. އެ ވަފުދުތަކުގައި އިސްކޮށް ތިއްބެވީ ގައުމުތަކުގެ ހާރިޖީ ވަޒީރުންނެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވަނީ އީޔޫގެ ފޮރިން ޕޮލިސީ ޗީފް ޖޯސެޕް ބޮރެލް އާއި އުރުދުންގެ ޚާރިޖީ ވަޒީރު އައިމަން ސަފާދީއެވެ.
އީޔޫ އަދި އަރަބި ދުނިޔެ ގުޅުވައިދިނުމުގައި ބޮޑު ދައުރެއް މީގެ ކުރިން ވެސް އަދައިކޮށްފައިވާ އީޔޫގެ މި ބައްދަލުވުމުގައި އިސްރާއީލުން ބައިވެރިއެއްނުވެއެވެ.
ބައްދަލުވުން ފެށުމުގެ ކުރިން ސަފާދީ މީޑިއާތަކަށް ވިދާޅުވީ އިސްރާއީލާއި ހަމާސްއިން ކުރާ ހަނގުރާމަ މެދުކަނޑައިލައިފައި އޮތް އޮތުން ދާއިމީކޮށް ހުއްޓައިލުމަށް ގޮވައިލުމުގައި އަރަބި ގައުމުތަކާއި ޔޫރަޕްގެ ގައުމުތަކުގެ މެދުގައިވާ "ފަރަގު ކުޑަކުރުމަށް" މި މަޝްވަރާތަކުން އެހީތެރިކަން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިސްރުގެ ޚާރިޖީ ވަޒީރު ސަމީހު ޝުކުރީ ވަނީ ފަލަސްތީނުގެ ދައުލަތް ބަލައިގަތުމުގައި ޔޫރަޕްގެ ގައުމުތަކުން އިސް ދައުރެއް އަދާކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.
ޝުކުރީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ފަލަސްތީނު މީހުންނަށް ގެދޮރު ދޫކޮށްލަން މަޖުބޫރުވަމުންދާއިރު ވެސް އެއީ ބައިނަލްއަގުވާމީ މުޖުތަމައުން މާބޮޑު ފަރުވާލެއް ނުބަހައްޓައެވެ. އަދި އިސްރާއީލުން ފަލަސްތީނުގައި ހިންގާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށް އެއްވެސް ފިޔަވަޅެއް އަޅަމުން ނުދާކަން ވެސް ޝުކްރީ ފާހަގަކުރެއްވިއެވެ.
އީޔޫގެ ފަރާތުން ވާހަކަދައްކަވަމުން ބޮރެލް ވަނީ ހަމާސް އަކީ ވަކިވަކި ފަރުދުންގެ ގްރޫޕެއް ނޫން ކަމަށާއި އެއީ ނައްތާނުލެވޭނެ ޚިޔާލާއި ފިކުރެއްކަމަށް ވިދާޅުވެފައެވެ.
ޔޫނިއަން ފޯ ދަ މެޑިޓެރޭނިއަން އަކީ އީޔޫގެ 27 މެންބަރުންނާއި އިސްރާއީލާއި ފަލަސްތީން، މިސްރާއި ލުބުނާން އަދި އުރުދުން ހިމެނޭ ގޮތަށް ދެކުނު އަދި އިރުމަތީ މެޑިޓެރޭނިއަންގެ 16 ގައުމަކުން އުފައްދައިފައިވާ ޖަމިއްޔާއެކެވެ.
އީޔޫ އަކީ މިހާތަނަށް ފަލަސްތީނަށް އެންމެ ގިނަ އެހީވެދީފައިވާ އިއްތިހާދެވެ. 2021 އިން 2024 ގެ ނިޔަލަށް 1.3 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީ އީޔޫއިން ފަލަސްތީނަށް ވަނީ ވެދީފައެވެ.