ހުވާގެ މަތީގައި ފުލުހުން ދެމިތިބުމަށް އަބްދުﷲ ގާޒީ ގޮވާލައްވައިފި

ފުލުހުން ކުރާ ހުވާގެ މަތީ އިޚްލާސްތެރިކަމާ އެކު ދެމިތިބުމަށް އަލަށް ހުވާ ކުރި ފުލުހުންނަށް ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގޮވާލައްވައިފި އެވެ.

ފުލުހުންގެ ތެރެއަށް އަލަށް ގުޅުނު ފުލުހުންނަށް ހުވައިލައިދިނުމަށް އިސްކަންދަރު ބިލްޑިންގްގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި 30 ފުލުހަކަށް އިސް ގާޒީ އަބްދުﷲ މުހައްމަދު ވަނީ ހުވާލައިދެއްވައިފަ އެވެ.

ފުލުހުންނަށް ހުވާލައިދެއްވުމަށް ފަހު އިސް ޤާޒީ ވިދާޅުވީ ފުލުހުން ކުރި ހުވާގެ މަތީ ދެމިތިބުމަށާއި ރައްޔިތުންނާއި ގުޅިގެން ޤާނޫނާއި ޤަވާޢިދުގެ ތަރަހައިގެ ތެރެއިން މަސައްކަތް ކުރުމަށެވެ. ފުލުހުންގެ މަސައްކަތް ބައްޓަން ކުރަންވާނީ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވާނެ ގޮތަށް ބަލައިގެން ކަމަށާއި ރައްޔިތުންނާއި މުހާތަބު ކުރުމުގައި ރީތި ބަސްމަގު ބޭނުން ކުރަން އަބަދު ވެސް އިސްކަން ދޭން ޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ފުލުހުންނަށް ހުވާލައި ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ހެޑް އޮފް ސާވިސަސް ޑިވެލޮޕްމެންޓް ޑައިރެކްޓްރޭޓް، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ޢަރީފާއި ހެޑް އޮފް ހިއުމަންރިސޯސް ޑިޕާޓްމަންޓް، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ހެޑް، ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަޙްމަދު މުސްލިމް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ހުވާކުރި ފުލުހުންނާއި މުޚާޠަބުކޮށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަރީފް ވަނީ ކޮންމެ ފުލުހަކު ވެސް ޤާނޫނާއި ޤަވާޢިދުތަކަށް ބޯ ލެނބުމަށާއި ފުލުހުންގެ ދައުރާއި ވާޖިބު އަދާ ކުރުމުގައި ކެތްތެރިކަން އިސްކުރުމަށް ގޮވާލައްވާފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު